ދުނިޔޭގެ މަޝްހޫރު އޯޕަން ވޯޓާ ސްވިމިން ފްރެންޗައިސް "އޯޝަންމޭން ގްލޯބަލް" އާ ގުޅިގެން ރާއްޖޭގައި ބާއްވާ "އޯޝަން މޭން މޯލްޑިވްސް" ގައި ވާދަކުރާ ބޭރުގެ އެތުލީޓުން ރާއްޖެ އަންނަން ފަށައިފި އެވެ.
އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ކ. މާފުށީގައި ބާއްވަން މިހާރު ވަނީ ހުރިހާ ތައްޔާރީތައް ވަމުންދާ އޯޝަން މޭން މޯލްޑިވްސް އިންތިޒާމު ކުރަނީ ރާއްޖޭގެ އަމިއްލަ ކްލަބެއް ކަމަށްވާ "ސްވިމް މޯލްޑިވްސް" އެވެ.
އެ ކްލަބުން ބުނި ގޮތުގައި މި މަހު ކުރީކޮޅުން ފެށިގެން ބޭރުގެ އެތުލީޓުން ވަނީ ރާއްޖެ އައިސް ކޭމްޕްކޮށްފަ އެވެ.
މި މުބާރާތުގައި ޖުމްލަ 507 އެތުލީޓުން ވާދަކުރާނެ އެވެ. މީގެ ތެރޭގައި ބޭރުގެ 370 އެތުލީޓުން ހިމެނެ އެވެ. އޯޝަންމޭން އިވެންޓުގެ މުޅި ކޮންޓިންޖެންޓްގައި 570 އަށް ވުރެ ގިނަ މީހުން ހިމެނޭކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ.
އެތުލީޓުންނާއި އެމީހުންގެ އާއިލާތަކުގެ އިތުރުން ގާތް މީހުންނާ އެކު 1,300 އަށް ވުރެ ގިނަ މީހުން އެ ދެ ދުވަހަށް މާފުށްޓަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެ އެވެ.
މިއީ ރާއްޖޭގެ ކުޅިވަރު ފަތުރުވެރިކަމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެކަމަށް ސްވިމް މޯލްޑިވްސްއިން ބުންޏެވެ. މި އިވެންޓަކީ، މިހާތަނަށް ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު ކުޅިވަރު ހަރަކާތަށް ވެގެންދާނެ އެވެ.
މި ހަރަކާތުގެގެ ސްޕޮންސަރުންނަކީ މޯއެމްއައިބީ އާއި ސޮލިޑް ޕްރޯ ސޮލިއުޝަންސް އެވެ. ހައިޑްރޭޝަން ޕާޓްނަރަކީ ބޮންއަކުއާ އެވެ. ރިސްކް ޕާޓްނަރަކަށް އެލައިޑް އިންޝުއަރަންސެވެ. އޮފިޝަލް ހޮޓެލް ޕާޓްނަރުންނަކީ އެރީނާ ހޮޓެލް އަދި ކާނި ހޮޓެލް އެވެ. ޓްރާންސްޕޯޓް ޕާޓްނަރަކީ އައިކޮމް ޓުއާސް މާފުށި އެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. މީޑިއާ ޕާޓްނަރަކީ މިހާރު އެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ މި މުބާރާތް އެންޑޯޒް ކޮށްފަ އެވެ.
މުބާރާތުގައި ހިމެނޭ ކެޓަގަރީތައް
- 10 ކިލޯމީޓަރު
- 5 ކިލޯމީޓަރު
- 2 ކިލޯމީޓަރު
- 2 ކިލޯމީޓަރު ފިންސް
- އޯޝަންކިޑްސް
- އޯޝަން ޓީމްސް