ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށް ގެންދާ މި އަހަރުގެ އީދު ބައިބަލާ ޗެލެންޖް 1447 ގެ ފައިނަލަށް ބީޖީ ސްޕޯޓްސް ކްލަބާއި ޒެޕޯ ސްޕޯޓްސް ކްލަބް ދަތުރު ކޮށްފި އެވެ.
ޒެޕޯ އާއި ބީޖީ ވެސް ފައިނަލަށް ދަތުރު ކުރީ ރޭގެ ސެމީ ފައިނަލް މެޗުތައް ގަދަ ހިފުމަށް ގޮސްގެންނެވެ. އެހެން އަހަރުތަކުގައި ދެ ހިފުން ގެންދާ ޓީމަކަށް މެޗު ކާމިޔާބު ވިޔަސް މި އަހަރު ގަދަހިފުން ކާމިޔާބު ވަނީ ތިން ހިފުން ގެންދާ ޓީމަކަށެވެ.
ބީޖީ ސެމީ ފައިނަލްގައި ވާދަކުރީ މި އަހަރު އަލަށް މުބާރާތުގައި ބައިވެރިވި ދަ ވުލްވްސް ކްލަބާ އެވެ. ފުރަތަމަ ގޭމު ބޭރުން އަރައި ވުލްވްސް ކްލަބުން 9-8 އިން ކާމިޔާބު ކުރި އިރު ބީޖީ ވަނީ އެ ޓީމު ބޭރުން އަރައި ކުޅުނު ގޭމް 8-7 އިން ގެންގޮސްފަ އެވެ. ބީޖީ ގަދަ ހިފުން ކާމިޔާބު ކުރީ ފަސް ހިފުމަށް ގޮސްގެން 3-2 އިންނެވެ.
ޒެޕޯ ވަނީ ސެމީގައި އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ބޭރުން ކުޅުނު ފުރަތަމަ ގޭމް 9-4 އިން އޮޑި ސްޕޯޓްސް ކާމިޔާބު ކުރި އިރު ޒެޕޯ ވަނީ އެ ޓީމު ބޭރުން ކުޅުނު ގޭމް ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް 7-5 އިން ގެންގޮސްފަ އެވެ. އަދި ގަދަ ހިފުން ގެންދިޔައީ ފަސް ހިފުމަށް ގޮސްގެން 3-2 އިންނެވެ.
މިއީ ބައިބަލާގެ އެންމެ ކާމިޔާބު ބީޖީ 12 އަހަރަށް ފަހު ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޒެޕޯ އަކީ މިދިޔަ އަހަރު ބައިބަލާ މުބާރާތުގައި ވާދަ ކުރަން ފެށި ޓީމެކެވެ.
ޒެޕޯ ވަނީ އެ ޓީމުގެ ފުރަތަމަ އަހަރު ވެސް ސެމީ ފައިނަލް ކުޅެފަ އެވެ. ރެކޯޑް 10 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ބީޖީ އަހަރުތަކެއް ވަންދެން ބައިބަލާގެ މައިދާނުން ނުފެނި އޮތުމަށް ފަހު އެ ޓީމު އަލުން މުބާރާތުގައި ވާދަ ކުރަން ފެށީ 2022 ގައި ބޭއްވި އީދު ބައިބަލާ ޗެލެންޖް 1443 އިން ފެށިގެންނެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ޖުމްލަ 38 ޓީމާ އެކު ފެށި މި އަހަރުގެ ފޯރިގަދަ މުބާރާތުގެ ސެމީގެ އިތުރުން ކުއާޓާ ފައިނަލްގެ މެޗުތައް ވެސް ރޭ ވަނީ ކުޅެފަ އެވެ.
ކުއާޓާގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ވަނީ ސީދާ ދެ ގޭމުން ކްލަބް އޯ.ވަން.އޯ ބަލިކޮށްފަ އެވެ. ދެވަނަ މެޗުގައި ޒެޕޯ، ގަދަ ހިފުމަށް ގޮސްގެން ކްލަބް ކާސިންޖީ (ސީކޭ) ބަލި ކުރި އިރު، ބީޖީ ވަނީ ސީދާ ދެ ގޭމުން ކްލަބް ޒެފްރޯލް ބަލި ކޮށްފަ އެވެ. އަދި ކުއާޓާގެ ފަހު މެޗުގައި ވުލްވްސް ވަނީ ސީދާ ދެ ގޭމުން ލޮރެންޒޯ ސްޕޯޓްސް ކްލަބް ބަލި ކޮށްފަ އެވެ.
ބީޖީ ސްޕޯޓްސް ކްލަބާއި ޒެޕޯ ސްޕޯޓްސް ކްލަބް ވާދަކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 9 ޖަހާއިރެވެ.