އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލާ ގުޅިގެން އެފްރިކާގެ ފުޓްބޯޅަ އިދާރާ (ކާފް) ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި ވަނިކޮށް އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ އިސްތިއުފާ ދީފި އެވެ.
ކާފްގެ ޖީއެސް، ވޭރޮން މޯސެންގޯ އޮމްބާ ރިޓަޔާ ކޮށްފައިވާ ކަމަށް އިއުލާންކުރި ނަމަވެސް މިއީ އެފްރިކާ ބައްރުގެ ފުޓްބޯޅަ އަށް އުނދަގޫ ދުވަސްވަރެކެވެ.
ސެނެގާލް އަތުން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން އަތުލުމަށް ކާފް އިން ނިންމި ނިންމުމާއި އަދި މި މަހު އެންމެ ފަހު ވަގުތުގައި އަންހެނުންގެ އެފްކޮން މުބާރާތް ފަސް ކުރަން ނިންމުމާ ގުޅިގެން އެ އިދާރާއާ މެދު ގިނަ ބައެއްގެ އިތުބާރު ވަނީ ގެއްލިފަ އެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަށް އުފަން މޯސެންގޯ އޮމްބާ އަކީ ގިނަ ބަޔެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައިވާ މީހެކެވެ. އެއީ ކާފްގެ ރިޓަޔާ ކުރާ އުމުރު ކަމަށްވާ 63 އަހަރު ވީއިރު ވެސް އޭނާ މަގާމުގައި ދެމި ހުރުމުންނެވެ. އޭނާ މަގާމުން އިސްތިއުފާ ދިން އިރު، އުމުރަކީ 66 އަހަރެވެ.
އޭނާ ނުފޫޒުގެ ބޭނުން ކޮށްގެން މަސައްކަތުގެ މާހައުލުގައި ހަމަނުޖެހުން އުފައްދާ ކަމަށް ކާފްގެ މުވައްޒަފުންތަކެއް ވަނީ މީގެ ކުރިން ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގުން އެކަން އޭނާގެ މައްޗަށް ސާބިތު ވެފައެއް ނުވެ އެވެ.
ސްވިސް ޕާސްޕޯޓެއް ވެސް ގެންގުޅޭ މޯސެންގޯ އޮމްބާ ކާފްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހަމަޖެއްސީ މާޗު 2021 ގަ އެވެ.
މޯސެންގޯ އޮމްބާ މަގާމުން ދުރަށް ޖެހުމާ ގުޅިގެން ކާފްގެ އެކްޓިން ޖީއެސްގެ މަގާމް ފުރާނީ އެ އިދާރާގެ ކޮމްޕެޓީޝަންސް ޑިރެކްޓަރު، ނައިޖީރިއާގެ ސަމްސޮން އަޑަމޫ އެވެ.
ކާފް އިން ސެނެގާލް އަތުން އެފްކޮންގެ ޗެމްޕިއަންކަން އަތުލުމަށް ނިންމާފައި ވާއިރު، ސެނެގާލުން ވަނީ ދުނިޔޭގެ ކުޅިވަރު އާބިޓްރޭޝަން ކޯޓް (ކާސް) އަށް މައްސަލަ ހުށަހަޅައިފަ އެވެ.
މިދިޔަ ޖެނުއަރީ މަހު އެފްކޮން ފައިނަލްގެ އިތުރު ވަގުތުގައި ސެނެގާލްގެ ކުޅުންތެރިން ވަނީ ރެފްރީ މޮރޮކޯ އަށް ޕެނަލްޓީއެއް ދޭން ނިންމުމާ ގުޅިގެން ހިތްހަމަ ނުޖެހިގެން ދަނޑުން ފައިބައިފަ އެވެ. އޭރު ދެ ޓީމަށް ވެސް ލަނޑެއް ނުޖެހެ އެވެ.
ސަތާރަ މިނިޓަށް ފަހު، ސެނެގާލުން ދަނޑަށް ގޮސް މެޗު ކުރިއަށް ގެންދަން އެއްބަސްވި އިރު، މޮރޮކޯ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފަ އެވެ. ސެނެގާލް މޮޅުވީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ކާމިޔާބު ކުރި ލަނޑަކުން 1-0 އިންނެވެ.
މޮރޮކޯ ފުޓްބޯޅަ އެސޯސިއޭޝަނުން ކާފް ގައި މައްސަލަ ޖެއްސުމާ ގުޅިގެން މި މަހު އެ އިދާރާ އިން ވަނީ ސެނެގާލުން މެޗު ދޫކޮށްލީ ކަމަށް ބަލައި 3-0 އިން މޮރޮކޯ އެ މެޗުން މޮޅުވީ ކަމަށް ނިންމައިފަ އެވެ.