ލަންޑަން (މާޗު 30) - އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓް ވެދާނެ ކަމުގެ ބިރު ހީވެފައިވާ އެންމެ ފަހުގެ ޔޫއެފާ ޔޫރޮޕާ ލީގު ޗެމްޕިއަން ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުކަމުން ކްރޮއޭޝިއާގެ އީގޯ ޓޫޑޯ، 47، އިސްތިއުފާ ދީފި އެވެ.
ދެފަރާތް އެއްބަސްވެގެން ޓޫޑޯ ރޭގެ ވަގުތެއްގައި ޓޮޓެންހަމްގެ ކޯޗުކަމުން ވަކިވީ މަގާމާ ހަވާލުވިތާ 44 ދުވަހުގެ ތެރޭގަ އެވެ.
ޓޮޓެންހަމުން އަންނަނީ ކުރިން ބްރައިޓަންގައި ކާމިޔާބު މަސައްކަތެއް ކުރި އަދި ދާދި ފަހުން މިދިޔަ ފެބްރުއަރީ މަހު ފްރާންސްގެ އޮލިމްޕިކް މާސޭގެ ކޯޗުކަމުން ވަކިވި އިޓަލީގެ ރޮބާޓޯ ޑި ޒެރްބީ ހޯދަން މަސައްކަތް ކުރަމުން ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ބުނެފަ އެވެ.
ޓޮޓެންމަހުމް ވަނީ މިދިޔަ ސީޒަންގައި އެ ޓީމަށް ޔޫރޮޕާ ލީގު ހޯދައިދިން ކޯޗު އަންޖީ ޕޮސްޓެކޮގްލޫ، މި ސީޒަން ފެށުމުގެ ކުރިން ބޭރު ކޮށްފަ އެވެ. އޭނާއާ އެކު، މިދިޔަ ސީޒަންގައި ޓޮޓެންހަމް ޕްރިމިއާ ލީގުގައި ނިންމާލީ ކިރިޔާ ރެލިގޭޓް ނުވެ، ތާވަލްގެ 17 ވަނައިގަ އެވެ.
މި ސީޒަނަށް ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ސީޒަންގައި ބްރެންޓްފޯޑަށް ލީގުގެ 10 ވަނަ ހޯދައިދިން ޑެންމާކްގެ ތޯމަސް ފްރޭންކް އެވެ. އޭނާއާ އެކު ވެސް ޓޮޓެންހަމަށް ލީގުގައި ރަނގަޅު ނަތީޖާއެއް ނުނެރެވި، ފެބްރުއަރީ މަހު އޭނާ މަގާމުން ދުރުކުރީ ލީގުގެ 16 ވަނައިގައި އޮއްވަ އެވެ.
އެ އަށް ފަހު، ޓޫޑޯ މަގާމާ ހަވާލުވެގެން ވެސް ނަތީޖާއަކަށް ރަނގަޅު ބަދަލެއް ނައިސް، މިވަގުތު ޓޮޓެންހަމް އޮތީ ރެލިގޭޝަން ޒޯނަށް ވުރެ ޕޮއިންޓެއް ކުރީގައި، ތާވަލްގެ 17 ވަނައިގަ އެވެ.
ލީގުގައި ޓޮޓެންހަމް މިހާތަނަށް މޮޅު ވެފައި ވަނީ އެންމެ ހަތް މެޗުންނެވެ. މި އަހަރު ފެށުނީއްސުރެން ލީގުގައި މިހާތަނަށް ކުޅުނު 13 މެޗުން ވެސް މޮޅު ވެފައެއް ނުވެ އެވެ. މީގެ ތެރެއިން އެއްވަރު ކޮށްލެވިފައި ވަނީ ފަސް މެޗުންނެވެ.
އިނގިރޭސި އެފްއޭ ކަޕްގައި ޓޮޓެންހަމް މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެގެން މުބާރާތުން ކަޓާފައި ވާއިރު، އީއެފްއެލް ކަޕުން ވެސް ވަނީ ކުުނު ދެވަނަ މެޗުން ބަލިވެ، ކަޓައިފަ އެވެ.
ޔޫއެފާ ސުޕަ ކަޕްގައި ޓޮޓެންހަމް ބަލިވީ ޕީއެސްޖީއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ. ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރަނގަޅު ނަތީޖާއެއް ހޯދައިގެން ގަދަ 16 އަށް ދަތުރުކުރި ނަމަވެސް އެ ބުރުގައި ކެޓީ އެތުލެޓިކޯ މެޑްރިޑް އަތްދަށު ވެގެންނެވެ.