އިންޑިއާގެ ޗަންދިގާގައި އިއްޔެ ނިންމާލި އެއްވަނަ އިންޓަނޭޝަނަލް އިންވިޓޭޝަނަލް ރިލޭ ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ރާއްޖޭގެ ގައުމީ ރިލޭ ޓީމުތަކުން ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ. ފަސް މެޑަލް ހޯދައި، ރާއްޖޭގެ އެތުލެޓިކްސް ތާރީޚުގައި އާ ރެކޯޑެއް ގާއިމްކޮށްފި އެވެ.
މިއީ ބައިނަލްއަގުވާމީ މުބާރާތެއްގެ ރިލޭގެ ހުރިހާ ކެޓަގަރީއަކުން ރާއްޖެއަށް މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ޓީމުތަކުން ވަނީ މި މުބާރާތުގައި އެއް ރަން މެޑަލް، އެއް ރިހި މެޑަލް އަދި ތިން ލޯ މެޑަލް ހާސިލްކޮށްފަ އެވެ.
ރަން މެޑަލް ހޯދީ މަޝްހޫރު ހަސަން ސާއިދު ލީޑް ކުރި 4 ގުނަ 100 މީޓަރުގެ ކެޓަގަރީންނެވެ. އެ އިވެންޓްގައި ސާއިދާ އެކު ދެން ރާއްޖޭގެ ރިލޭ ޓީމުގައި ހިމެނުނު ދުވުންތެރިންނަކީ ނުޖޫމް ހަސަން، އަހުނަފް ރައްޔާން ފަހުމީ އަދި ސިޒާން އަލީ ރިޒާ އެވެ.
އޮލިމްޕިކްސް ގޭމްސްގެ މަރުހަލާއެއް ކާމިޔާބު ކުރި ރާއްޖޭގެ ހަމައެކަނި އެތުލީޓުގެ ޝަރަފު ވެސް އޮތް ސާއިދު މިހާރު މިވަނީ ބައިނަލްއަގުވާމީ ތިން މުބާރާތެއްގައި ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނުމުގައި ހިއްސާވެފަ އެވެ.
ސާއިދު ހިއްސާވެ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެއަށް ހޯދައިދިން ރަން މެޑަލްތައް:
- 2015 އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރުން ރަން މެޑަލް
- 2019 ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރުން ރަން މެޑަލް
- 2026 އިންޓަނޭޝަނަލް އިންވިޓޭޝަނަލް ރިލޭ ޗެމްޕިއަންޝިޕް 4 ގުނަ 100 މީޓަރުގެ ރިލޭއިން ރަން މެޑަލް
އަންހެން ރިލޭ ޓީމަށް ރިހި، މިކްސްޑް ރިލޭއިން ދެ ލޯ މެޑަލް
އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭ ޓީމުން ވަނީ ރިހި މެޑަލް ހާސިލުކޮށްފަ އެވެ. އެ ކާމިޔާބު ރާއްޖެއަށް ހޯދައިދިން ޓީމުގައި ހިމެނޭ ދުވުންތެރިންނަކީ އާއިޝަތު ޝަބާ ސަލީމް، އަހްނާ ނިޒާރު، މަރިޔަމް މައިހާ ހަމްދާން އަދި ޒިވާ މޫސާ ޝަފީއު އެވެ.
މިކްސްޑް ޓީމުގެ ރިލޭގެ 4 ގުނަ 100 މީޓަރުގައި ވާދަކޮށް ރާއްޖޭގެ މިކްސްޑް ޓީމުން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އެ ޓީމުގައި ހިމެނޭ ދުވުންތެރިންނަކީ އާދަމް ރިފްއަތު، ހުސައިން ޒީކް ސުއާދު، ޒޫ އިޒް މުހައްމަދު ސުއާދު އަދި އަހުމަދު އަބްސަލް މުހައްމަދު ޖަލީލެވެ.
އެ ދުވުންތެރިންގެ ޓީމުން ވަނީ މިކްސްޑް 4 ގުނަ 400 މީޓަރުގެ ރިލޭ އިވެންޓުން ވެސް ލޯ މެޑަލް ހޯދައިފަ އެވެ.
ދެން ރާއްޖޭން ލޯ މެޑަލް ހޯދީ ފިރިހެނުންގެ 4 ގުނަ 400 މީޓަރު ރިލޭއިންނެވެ. އެ މެޑަލް ހޯދައިދިން ދުވުންތެރިންނަކީ އާދަމް ރިފްއަތު، ހުސައިން ޒީކް ސުއާދު، ޒޫ އިޒް މުހައްމަދު ސުއާދު އަދި އަހުމަދު އަބްސަލް މުހައްމަދު ޖަލީލެވެ.
އިންޑިއާގެ އެތުލެޓިކްސް ފެޑެރޭޝަނުން އިންތިޒާމު ކުރި މުބާރާތް ކުރިއަށް ގެންދިޔައީ އެ ގައުމުގެ ތިން ވަނަ ނޭޝަނަލް އޯޕަން ރިލޭ ކޮމްޕެޓިޝަނާ ވެސް އެކު އެވެ.