ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިންގްލެންޑްގެ ހެރީ ކޭން އާއި މިސްރުގެ މުހައްމަދު ސަލާހު އަދި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ވެސް ރޭގެ މެޗުތަކުގައި ގޯލު ޖަހައި ޝަރަފްވެރި ރެކޯޑެއް ހަދައިފި އެވެ.

ބެޔާން މިއުނިކުން ރޭ އަމިއްލަ ދަނޑުގައި 4-1 އިން އެޓަލާންޓާ ބަލިކޮށް ވަނީ 10-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. މި މެޗުގައި ކޭން ދެ ގޯލު ޖެހި އިރު މިއާ އެކު ކޭން ވަނީ ޗެމްޕިއަންސް ލީގުގައި 50 ގޯލު ހަމަކުރި ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

ކޭން އާއެކު ބެޔާޏްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ކޭން އާއެކު ބެޔާޏްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް ވަނީ ރޭ އަމިއްލަ ދަނޑުގައި 4-0 އިން ގަލަތަސަރާއި ބަލިކޮށް 4-1 ގެ އެގްރިގޭޓަކުން ކުރި ހޯދައި ކުއާޓާގެ ޖާގަ ހޯދައިފަ އެވެ. ޑޮމިނިކް ސޮބޮޒްލައި އާއި ހޫގޯ އެކިޓީކޭ އަދި ރަޔާން ގްރެވެންބާކްގެ ގޯލަށް ފަހު ލިވަޕޫލްގެ ފަހު ގޯލު ޖަހައި، ސަލާހު ވެސް ވަނީ ޗެމްޕިއަންސް ލީގުގައި 50 ގޯލު ހަމަކުރި އެފްރިކާ ބައްރުގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ލިބިގަނެފަ އެވެ.

މިއާ އެކު ސަލާހާއި ކޭން ވެސް ވަނީ ޗެމްޕިއަންސް ލީގު އޯލް-ޓައިމް ޓޮޕް ސްކޯރާ ލިސްޓުގެ 10 ވަނައިގައި ކުރީގެ މޮނާކޯ އާއި އާސެނަލް އަދި ބާސެލޯނާގެ ތަރި، ފްރާންސްގެ ތިއެރީ އޮންރީއާ އެއްވަރު ކޮށްފަ އެވެ.

ސަލާހުގެ ގޯލަށް ފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ސަލާހުގެ ގޯލަށް ފަހު ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާއިން ރޭ ވަނީ އަމިއްލަ ދަނޑުގައި 7-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލި ކޮށްފަ އެވެ. މިއާ އެކު ބާސާ ކުއާޓާ އަށް ދަތުރު ކުރީ 8-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ބާސާގެ ލަނޑުތައް ޖަހައިދިނީ ޔަމާލްގެ އިތުރުން ރަފީނިއާ އާއި މާކް ބާނަލް އަދި ފާމިން ލޮޕޭޒް އާއި ރޮބާޓް ލެވަންޑޯސްކީ އެވެ. ރަފީނިއާ އާއި ލެވަންޑޯސްކީ ދެ ގޯލު ޖެހި އިރު، ނިއުކާސަލްގެ ދެ ގޯލު ވެސް ފުރަތަމަ ހާފުގައި ޖެހީ އެންތޮނީ އެލަންގާ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީގައި ގޯލު ޖަހައިގެން ޔަމާލް ވަނީ އޭނާ ޗެމްޕިއަންސް ލީގުގައި ޖުމްލަ 10 ގޯލު ހަމަ ކޮށްފަ އެވެ. އަދި 18 އަހަރާއި 245 ދުވަހުގައި މި ރެކޯޑް ހަދައިގެން އޭނާ ވެފައި ވަނީ ޗެމްޕިއަންސް ލީގުގައި 10 ގޯލު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ޔަމާލާއި ރަފީނިއާ ގޯލެއް ޖެހުމަށް ފަހު އުފާކފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޔަމާލާއި ރަފީނިއާ ގޯލެއް ޖެހުމަށް ފަހު އުފާކފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކުއާޓާގައި ބާސެލޯނާ ވާދަ ކުރަން ޖެހޭނީ އެތުލެޓިކޯ މެޑްރިޑާ އެވެ. އެތުލެޓިކޯ ވަނީ ރޭ ލަންޑަނުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން 3-2 އިން ބަލި ވެފަ އެވެ. ނަމަވެސް އެ ޓީމު ކުއާޓާގެ ޖާގަ ހޯދާފައި ވަނީ 7-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ބެޔާން މިއުނިކާއި ރެއާލް މެޑްރިޑް ކުއާޓާގައި ބައްދަލު ކުރަން ޖެހޭ އިރު، ލިވަޕޫލް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށެވެ. އަދި އާސެނަލް ނުކުންނާނީ ޕޯޗުގަލްގެ ސްޕޯޓިންއާ ދެކޮޅަށެވެ.