ސެނެގޯލް އަތުން އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ތަށި އަތުލައި، މޮރޮކޯއަށް ދިނުމުން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯޅަ (ކާފް) އަށް ބޮޑު ތުހުމަތުތަކެއް ކޮށްފި އެވެ.

މިއަހަރުގެ ޖެނުއަރީ މަހު ކުޅުނު އެފްކޯން ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ކައިރިވެފައި ވަނިކޮށް، މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް ސެނެގޯލްގެ ކުޅުންތެރިން ވަނީ ދަނޑުން ފައިބާފައެވެ. ނަމަވެސް 15 މިނެޓުގެ މެދުކެނޑުމަކަށްފަހު އަލުން ކުޅުން ފަށައި، އިތުރު ވަގުތުގެ ތެރޭގައި 1-0 އިން މެޗު ކާމިޔާބުކޮށް ތަށި އުފުލާލީ ސެނެގޯލުންނެވެ.

އެ މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތައް މޮރޮކޯއިން ހުށަހެޅުމުން އެފްކޯން ނިންމީ ސެނެގާލް އަތުން ތަށި އަތުލައި މޮރޮކޯ އަށް ދިނުމަށެވެ.

އެފްކޯންގެ ނިންމުމާ ގުޅިގެން ސެނެގާލް ސަރުކާރުން ބުނެފައިވަނީ އެއީ "ބާތިލު އަދި ވަރަށް ބޮޑު ބޭއިންސާފެއް" ކަމަށެވެ. އަދި މައްސަލަ މިނިވަން ބައިނަލްއަގުވާމީ ފަރާތަކުން ތަހުގީގު ކުރުމަށް ވަނީ ގޮވާލާފައެވެ.

ސެނެގޯލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ މި ނިންމުން ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ. އަދި މައްސަލަ ކުޅިވަރު އާބިޓްރޭޝަން ކޯޓް (ކާސް) އަށް ހުށަހަޅާނެކަން އިއުލާންކޮށްފަ އެވެ.

ސެނެގޯލްގެ ސަރުކާރުގެ ތަރުޖަމާނު މާރީ ރޯޒް ހަދީ ފާޓޫ ފޭ ވިދާޅުވި ގޮތުގައި، ދަނޑުމަތީގައި އިންސާފުވެރިކަމާއެކު ކުޅެގެން ހޯދި ނަތީޖާއެއް ބަދަލުކުރުމަކީ ކާފްގެ އިތުބާރު ގެއްލޭނެ ކަމެކެވެ.

މީގެ އިތުރުން، މި މައްސަލައަކީ ހަމައެކަނި ކުޅިވަރުގެ އުސޫލުތަކާ ގުޅުންހުރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އަދި މީގައި ސިޔާސީ ނުފޫޒާއި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަމަށް ސެނެގޯލުން ތުހުމަތުކުރެއެވެ. މި ނިންމުމާއެކު މޮރޮކޯއަށް ވަނީ އެ ގައުމުގެ ތާރީޚުގައި ދެވަނަ ފަހަރަށް އެފްކޯންގެ ތަށި ލިބިފަ އެވެ.