އިޒްރޭލާއި އެމެރިކާއިން އިސްވެ، އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން މި އަހަރު ބާއްވާ ވޯލްޑް ކަޕްގައި އިރާނުން ކުޅެފާނެކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނަޑާ ގުޅިގެން ބާއްވާ މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ އީރާނުން ގްރޫޕް ސްޓޭޖުގެގައި ކުޅޭ ތިން މެޗުވެސް ކުޅެން ހަމަޖެހިފައިވަނީ އެމެރިކާގެ ފަސްގަނޑުގައެވެ. އެއީ ޖޫން 15 ގައި ލޮސް އެންޖެލިސްގައި ނިއުޒީލަންޑާ ދެކޮޅަށް، ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށް، އަދި ޖޫން 26 ގައި ސިއެޓްލްގައި މިސްރާ ދެކޮޅަށެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ، އިއްޔެ އިރާނަށް ދޭން ފެށި ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ. އެ ހަމަލާތަކުގައި އިރާންގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ ވެސް ވަނީ އަވަހާރަކޮށްލައިފަ އެވެ.
އިރާންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މަހްދީ ތާޖު، ދައުލަތުގެ ޓީވީ މެދުވެރިކޮށް ދިން މެސެޖްގައި ވަނީ ވޯލްޑް ކަޕްގައި އީރާން ބައިވެރިވުމާ ބެހޭގޮތުން ސުވާލު އުފައްދައިފަ އެވެ.
"މިއަދު [އިއްޔެ] ހިނގާދިޔަ ކަންތައްތަކާއި އެމެރިކާއިން ދިން ހަމަލާއަށް ބަލާއިރު، ވޯލްޑް ކަޕަށް އުންމީދު ކުރުމަކީ ދުރު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ އިރާން ސަރުކާރުގެ ކުޅިވަރާ ބެހޭ އެންމެ އިސްވެރިން ކަމަށް އޭނާ ވިދާޅުވި އެވެ.
އިރާންގެ ލީގު މެދުކަނޑާލައިފި، ކްލަބްތަކުގެ ބިދޭސީ ކުޅުންތެރިން ގައުމުން ދޫކޮށްލަނީ
އީރާނުގެ ފުޓްބޯޅަ ލީގު މިހާރުން ފެށިގެން ވަކި ގޮތެއް އަންގަންދެން މެދުކަނޑާލާފައިވާކަން މަހްދީ ވިދާޅުވި އެވެ. މި ނިންމުމުގެ ސަބަބުން އެ ގައުމުގެ ފުރަތަމަ ޑިވިޜަންގައި ކުޅޭ ބޭރުގެ ކުޅުންތެރިންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އިރާންގެ ލީގުގައި ކުޅެމުންދާ ރެއާލް މެޑްރިޑްގެ ކުރީގެ ކީޕަރު އެންޓޯނިއޯ އަދާން ކުޅެމުންދަނީ އިރާންގެ ކްލަބް އިސްތިގްލާލަށެވެ. އޭނާ ސަލާމަތުން އަލުން ސްޕެއިން އަށް ގޮސްފައިވާ ކަމަށް، މީޑީއާ ރިޕޯޓްތައް ބުނެ އެވެ. އަދި ހަމަ އެ ކްލަބަށް ކުޅޭ ސްޕެއިންގެ މުނީރު އާއި އިސްފަހާން، އެއްގަމު މަގުން އިރާން ދޫކޮށްދާން މަސައްކަތް ކުރާ ކަމަށް ސްޕެއިންގެ މީޑީއާތަކުން ބުންޏެވެ.