ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗުގެ މަގާމުގައި ހުރި ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން، އާއިލީ ސަބަބުތަކަކާ ހެދި އެ މަގާމުން ވަކިވެ، ކްލަބުގެ ޓެކްނިކަލް ޑައިރެކްޓަރު (ޓީޑީ) ގެ މަގާމާ ހަވާލުވެއްޖެ އެވެ.
ނިއުއިން ސޯޝަލް މީޑިއާގައި އާންމު ކުރި ބަޔާނުގައި ބުނެފައިވަނީ، ސުޒޭން ހެޑް ކޯޗުގެ މަގާމުން އިސްތިއުފާ ދޭން ނިންމީ އޭނާގެ އަމިއްލަ އާއިލީ ކަމެއް ދިމާވުމުގެ ސަބަބުންނެވެ. ނަމަވެސް، ކްލަބުގެ ކުރިއެރުމަށް އޭނާގެ ދައުރު އަދިވެސް އޮންނާ ކަމަށް އެ ކްލަބުން ބުންޏެވެ.
ސުޒޭން ކޯޗުކަމުން ފަހަތަށް ޖެހިލި ނަމަވެސް، އޭނާ ދެން ފެންނާނީ ނިއުގެ ޓީޑީގެ ގޮތުގައެވެ. މި އާ މަގާމުގައި އޭނާ މަސައްކަތް ކުރާނީ ކްލަބުގެ މެނޭޖްމަންޓާ ގާތުން، ޓީމުގެ ކުރިމަގު ބައްޓަންކުރުމަށާއި ގެންނަންޖެހޭ ޓެކްނިކަލްބަދަލުތައް ގެނައުމުގައެވެ.
"ކްލަބަށް އޭނާގެ ލީޑަޝިޕުގައި ކުރި މަސައްކަތަކީ އަގު ނުކުރެވޭނެފަދަ ހިދުމަތެއް. އަދި ކްލަބުގެ ކުރިއެރުމާއި ކާމިޔާބީއަށް އޭނާ ކޮށްދެއްވި ހުރިހާ މަސައްކަތްތަކަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ،" ނިއުގެ ކޯޗުގެ މަގާމުން ސުޒޭން އިސްތިއުފާ ދޭން ނިންމާފައިވާކަން އިއުލާން ކޮށް އެ ކްލަބުން ސޯޝަލް މީޑިއާގައި ބުނެފައި ވެއެވެ.
".. ނަމަވެސް، ނިއު ރޭޑިއަންޓްގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި މެނޭޖްމަންޓާ ގާތުން މަސައްކަތް ކުރަން ކްލަބުގެ ޓެކްނިކަލް ޑައިރެކްޓަރުގެ މުހިންމު މަގާމުގައި އޭނާ ދެމިހުންނާނެކަން އުފަލާއެކު އިޢުލާންކުރަން."
ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމާ މެދު އުފެދޭ ސުވާލު
ސުޒޭން ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމާ ހަވާލުވާއިރު، މިއީ އެ ކްލަބުގެ އެ މަގާމަށް މި އަހަރު އައި ދެވަނަ ބަދަލެވެ. މިއަހަރުގެ ޖެނުއަރީ މަހު ނިއުއިން ވަނީ ސްޕެއިންގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް އެ ކްލަބުގެ ޓެކްނިކަލް ޑައިރެކްޓަރަކަށް އައްޔަންކޮށްފައެވެ.
ސުޒޭން މި މަގާމާ ހަވާލުވުމުން، ހުރި ކައިންޒޯސްގެ ދައުރަށް ވާނީ ކިހިނެއްކަމެއް ކްލަބުން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. ބެލެވޭ ގޮތުގައި މިއީ ކްލަބުގެ ޓެކްނިކަލް އޮނިގަނޑަށް ގެނައި ބޮޑު ބަދަލެކެވެ.
ނަމަވެސް މި ބަދަލާ ގުޅޭ އިތުރު ތަފްސީލެއް ކްލަބުން އަދި އާންމެއް ނުކުރެއެވެ.
ދިވެހި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކޯޗު ސޒޭން، ވަނީ މީގެ ކުރިން ކޯޗުގެ މަގާމުގެ ބޭރުން މީގެ ކުރިން ވެސް ފުޓްބޯޅައިގެ މަގާމުތައް އަދާކޮށްފަ އެވެ. އޭނާ ވަނީ އެފްއޭއެމްގައި ޑައިރެކްޓާ އޮފް ނެޝަނަލް ޓީމުސްގެ މަގާމު ވެސް މީގެ ކުރިން އަދާކޮށްފަ އެވެ. އަދި މިހާރު އޭނާ އަކީ އެފްއޭއެމްގެ ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާމަނެވެ. އެ ކޮމިޓީއަކީ ފުޓްބޯޅައިގެ 75 އަހަރުފުރން ފާހަގަ ކުރުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ.