މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދިވެހި ފުޓްބޯޅަ ޝަހުސިއްޔަތު މޫސާ މަނިކު (ކުޑަމޫސަ) އާއި އޭނާގެ ކޮއްކޮ، ފުޓްބޯޅަ އާއި ވޮލީބޯޅައިގެ ތަރި މުހައްމަދު ނަދީމަށް މިރޭ ދީފި އެވެ.
ކުޑަމޫސަ އަށާއި، އޭނާގެ އެއްބަފާ ކޮއްކޮ ނަދީމަށް މި އިނާމް ހަވާލުކޮށްދެއްވީ ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި އެވޯޑް ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ މި އެވޯޑުގައި މޫސަ އާއި، ނަދީމަށް ލައިފްޓައިމް އެޗީވްމަންޓް އިނާމު ދިނީ ދިގު މުއްދަތެއްގައި ދިވެހި ކުޅިވަރަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ މޫސަ އަކީ، އޭނާގެ ރަން ދުވަސްވަރު ވޮލީބޯޅަ އާއި ބައިސިކަލް ރޭސް ހިމެނޭހެން ވަރަށް ގިނަ ކުޅިވަރުތަކެއްގައި ވިދާލި ކުޅުންތެރިއެކެވެ.
ނިއު އިން ކެރިއަރު ފަށައި އެ ޓީމާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށް ފަހު މޫސަ 1992 ވަނަ އަހަރު ވެލެންސިއާ އަށް ބަދަލުވީ، ރާއްޖޭގައި މުސާރައަށް ޕްރޮފެޝަނަލް އުސޫލުން ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. މޫސަ ވަނީ ވެލެންސިއާއާ އެކު ވެސް ކާމިޔާބީ ހޯދައިފަ އެވެ. އޭގެ ފަހުން ހުއްރިއްޔާ އަށް ބަދަލުވެ އެ ޓީމަށް ކުޅުމުގެ އިތުރުން ކޯޗުކޮށްދީ، ތަށި ހޯދައިދިނެވެ.
ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑްކޯޗުކަމާއި، ސީނިއާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަންކޮށްފައިވާ މޫސަ އަކީ، "ހަވީރު" ނޫހުން ހޮވި ގަރުނުގެ ފުޓްބޯޅަ ޝަހުސިއްޔަތެވެ.
މޫސަ އަކީ ރާއްޖޭން ފުޓްބޯޅައިން އެންމެ ފުރަތަމަ ރިހި މެޑަލް ހޯދިއިރު، 1991 ގެ ސާފް ގޭމްސްގައި ވާދަކުރި ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.
މޫސަގެ ކޮއްކޮ ނަދީމަކީ، ފުޓްބޯޅަ، ވޮލީބޯޅަ، އަދި އެތުލެޓިކްސްގެ ހުނަރުވެރިއެކެވެ. ފުޓްބޯޅައިގައި އޭނާ ވަނީ ވެލެންސިއާ، ނިއު، އޯކިޑް، އަދި ހުއްރިއްޔާގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެތުލެޓިކްސްގައި އޭނާ އަކީ ރެކޯޑް ދެމެހެއްޓި ފީލްޑް އެތުލެޓީކެވެ.
ވޮލީބޯޅައިގައި ނަދީމް ވަނީ ރާއްޖޭގެ ބޮޑެތި ޓީމުތަކަށް ކުޅެ ގައުމީ ފެންވަރުގައި ވަރަށް ގިނަ ކާމިޔާބީ ހޯދައި، އިންޑިވިޖުއަލް އެތައް މަގާމެއް ވެސް ހޯދައިފަ އެވެ. ފަހުން އޭނާ ބޮޑަށް ހަރަކާތްތެރިވީ ވޮލީބޯޅައިގެ ކޯޗިންގަ އެވެ. އެގޮތުން ވަރަށް ގިނަ ކްލަބްތަކަށް ތަށި ހޯދައިދީފައިވެ އެވެ. އަދި ގައުމީ ފިރިހެން ޓީމާއި، އަންހެން ޓީމަށް ވެސް ކޯޗުކޮށްދިނެވެ.