ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕްގެ ޗެމްޕިއަންކަން ސީއެޗްއެސްއީ މާލެ ހޯދައިފި އެވެ.
ސީއެޗްއެސްއީ މާލެ ޗެމްޕިއަންކަން ހޯދާފައި ވަނީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި 4-1 އިން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލި ކޮށްފަ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެވަނަ ހާފުގަ އެވެ.
އެގޮތުން ފުރަތަމަ ލީޑު ނެގީ ސީއެޗްއެސްއީ މާލެ އެވެ. އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އަހުމަދު މިކްޔާލް މުއީން އެވެ. އެއަށް ފަހު އަހުމަދިއްޔާ ވެސް ވަނީ އަލީ އަލާން އަޝްރަފްގެ ޕެނަލްޓީއަކުން ލަނޑު ޖަހައި ނަތީޖާ އެއްވަރު ކޮށްފަ އެވެ.
ސީއެޗްއެސްއީ އަލުން ލީޑު ނެގީ، އޭރިިއާ ބޭރުގައި ހުރެ އިސްމާއިލް ޝާމިލް ފޮނުވާލި ބޯޅައަކުންނެވެ. އެއަށް ފަހު އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ މުހައްމަދު ސައިމް އިބްރާހިމް ފާއިޒް އެވެ. އަދި ފަހު ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮނުވު މިކްޔާލް އެވެ.
މިކްޔާލް ވަނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސީއެޗްއެސްއީ މާލޭގެ ނާޝިއު އަހުމަދު ޝިހާމް އެވެ.
ހަތަރު ސްކޫލަށް ދައުވަތު ދީގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ސީއެޗްއެސްއީ މާލޭ ސްކޫލާއި އަހުމަދިއްޔާގެ އިތުރުން ދެން ވާދަ ކުރީ ސީއެޗްއެސްއީ ހުޅުމާލޭ ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.
ސީއެޗްއެސްއީ މާލެ މުބާރާތް ކާމިޔާބު ކޮށްފައި މި ވަނީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްގެންނެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ވެސް ސީއެޗްއެސްއީ މާލެ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސްޔޫބީލް (75 އަހަރު ފުރުން) ފާހަގަ ކުރުމުގެ ގޮތުން މި އަހަރު ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ދެ މުބާރާތެއް ބޭއްވުމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. ދެން އޮންނާނީ ޖޫން 1-10 އަށް ސީނިއާ ގައުމީ ޓީމުތަކަށް ބާއްވާ މުބާރާތެކެވެ.