މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ޓީޓީން ނޮމިނޭޓް ކުރި ހުރިހާ އެތުލީޓުންނަކީ ވެސް 2024 ގެ މުބާރާތްތަކުގައި މޮޅަށް ކުޅެ، ކާމިޔާބު ހޯދި ކުޅުންތެރިން ކަމަށް ޓީޓީ އެސޯސިއޭޝަން (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު (އައްޔަ) މިއަދު ވިދާޅުވެއްޖެ އެވެ. 

މިދިޔަ 2024 ވަނަ އަހަރުގެ އެކި ކުޅިވަރުތަކުގައި އެތުލީޓުންނާއި އޮފިޝަލުން ދެއްކި ޕާފޯމަންސްގެ އަގުވަޒަން ކުރުމުގެ ގޮތުން އިނާމު ދިނުމުގެ ހަފުލާ ސޯޝަލް ސެންޓަރުގައި މާދަމާ ރޭ ބާއްވަން ވަނީ ނިންމައިފަ އެވެ. 

ސްޕޯޓްސް މިނިސްޓްރީން ބާއްވާ އެވޯޑްގެ ބައެއް ނޮމިނޭޝަންތަކާ މެދު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި ބައެއް އެސޯސިއޭޝަންތަކުން އެވޯޑަށް އެތުލީޓުން ނޮމިނޭޓް ކުރީ އިންސާފުން ނޫން ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރި އެވެ.  

ޓީޓީ އަށް ވެސް އެ ތުހަމަތު އަމާޒުވެފައި ވަނިކޮށް، އެ އެސޯސިއޭޝަންގެ ރައީސް އައްޔަ ވިދާޅުވީ 2024 ގެ އެވޯޑަށް އެ އެސޯސިއޭޝަނުން ނޮމިނޭޓް ކުރީ އެ އަހަރު ބޭއްވި ޑޮމެސްޓިކް މުބާރާތްތަކުގައި މޮޅަށް ކުޅެ ކާމިޔާބު ހޯދި ކުޅުންތެރިން ކަމަށެވެ. 

"އަޅުގަނޑު އަތުގައި މިހާރު ވެސް އެބަހުރި ސްޕޯޓްސް އެވޯޑަށް އަޅުގަނޑުމެންގެ ކުޅުންތެރިން ނޮމިނޭޓް ކުރަން ވެގެން އެ އަހަރު [2024] ގެ މުބާރާތްތަކުގެ ހުރިހާ ޑޭޓާއެއް ކަލެކްޓް ކޮށްފައި،" އައްޔަ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ނޮމިނޭޓް ކުރި ހުރިހާ ކުޅުންތެރިންނަކީ ވެސް އެ އަހަރު މުބާރާތްތަކުގައި ޕާފޯމްކޮށް ކާމިޔާބުތައް ހޯދި ކުޅުންތެރިން." 

އެސޯސިއޭޝަންގެ ރައީސް ވިދާޅުވީ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ވެސް އަދި ސްޕޯޓްސް އެވޯޑާއި ޓްރޭނިން ސްކޮލާޝިޕްތަކަށް ކުޅުންތެރިން ފޮނުވުމުގައި ވެސް ޓީޓީން ބަލަނީ ޑޮމެސްޓިކް މުބާރާތްތަކުގައި ކުޅުންތެރިން ދައްކާ ކުޅުމަށާއި ނެރޭ ނަތީޖާތަކަށް ކަމަށެވެ. 

"ގައުމީ ޓީމަކަށް ނުނެގޭނެ ވަކި މީހަކު ބޭނުންވާ ކުޅުންތެރިންނެއް. ކޮންމެ އަހަރަކު ތިން ފަހަރު ބާއްވާ ރޭންކިން މުބާރާތްތަކުގައި ގަދަ ފަހެއްގައި ހިމެނޭ ކުޅުންތެރިން ގައުމީ ޓީމަށް އަރާނީ ވެސް،" އަލީ ވިދާޅުވި އެވެ. 

"އެވޯޑަށް ވެސް އަދި ހައި ޕާފޯމަންސް ޓްރޭނިން ސްކޮލާޝިޕްތަކަށް ވެސް އަޅުގަނޑުމެން ކުޅުންތެރިން ފޮނުވަނީ މުބާރާތްތަކުގައި ކުޅުންތެރިން ނެރޭ ނަތީޖާތަކުގެ މައްޗަށް." 

ސްޕޯޓްސް މިނިސްޓްރީން އެވޯޑް ހަފުލާ މި ބާއްވަނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އާންމު އުސޫލުން ނަމަ 2024 ގެ ސްޕޯޓްސް އެވޯޑް ހަފުލާ މިދިޔަ އަހަރު ބާއްވަން ޖެހެ އެވެ. އެކަމަކު މިދިޔަ އަހަރު އެ ހަފުލާ ބާއްވާފައެއް ނުވެ އެވެ.

ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ 2025 ގެ އެވޯޑް ހަފުލާ މި އަހަރުގެ އެހެން ދުވަސްވަރެއްގައި ބާއްވަން މިނިސްޓަރު އަބްދުﷲ ރާފިއު ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

ސޯޝަލް ސެންޓަރުގައި މާދަމާ ރޭ ބާއްވާ އެވޯޑް ހަފުލާގެ ރެޑް ކާޕެޓް އިވެންޓް  އަށެއް ޖަހާއިރު ފަށާނެ އެވެ.