އަންނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ޖޫން އަދި ޖުލައި މަހު ބާއްވަން ނިންމައިފި އެވެ.
ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ޓަންޒޭނިއާގެ ދާރައްސަލާމުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ އަންނަ އަހަރުގެ މެދުތެރޭގައި އެ މުބާރާތް ބާއްވަން ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ.
އެކަން އިއުލާން ކުރެއްވީ އެ ކޮންފެޑެރޭޝަންގެ ރައީސް ޕެޓްރީސް މޮޓްސެޕޭ އެވެ.
އެފްރިކަން ކަޕް ބާއްވަން ފެށިތާ އަންނަ އަހަރަށް 70 އަހަރު ވެސް ފުރޭނެ އެވެ.
ކާފް އިން ވަނީ މުޅިން އަލަށް ތިން ގައުމެއްގައި މުބާރާތް ބާއްވާ ގޮތަށް 2023 ގައި ހަމަޖައްސައިފަ އެވެ. އެއީ ކެންޔާ އާއި ޓެންޒޭނިއާ އަދި ޔުގާންޑާގަ އެވެ. މި މުބާރާތް ވާނީ 1976 ގައި އިތިއޯޕިއާގައި ބޭއްވި މުބާރާތަށް ފަހު، އީސްޓް އެފްރިކާ ސަރަހައްދުގައި ބާއްވާ ފުރަތަމަ މުބާރާތަށެވެ.
އެފްކޮން އަކީ އާއްމުކޮށް އަހަރުގެ ފަހުކޮޅު ނުވަތަ އަހަރުގެ ކުރީކޮޅު ފަށާ މުބާރާތަކަށް ވެފައި އޮތުމުން، ޔޫރަޕްގެ ބޮޑެތި ކްލަބްތަކަށް ކުޅޭ އެފްރިކާ ބައްރުގެ ކުޅުންތެރިން، ސީޒަން ތެރޭގައި ގައުމީ ޓީމަށް ވީއްލަން ޖެހޭތީ އެ ކްލަބްތަކުން ދަނީ އަބަދުވެސް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް ކާފްގެ މި އާ ނިންމުމާ އެކު، ކްލަބްތަކުގެ އެ ހާސްކަން ފިލައި ދާނެ އެވެ.
ދާދި ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު 21 އިން މި އަހަރުގެ ޖެނުއަރީ 18 އަށް ބޭއްވި އެފްކޮން 2025 ގެ ޗެމްޕިއަނުންނަކީ ސެނެގާލެވެ.
އަންނަ އަހަރުގެ މުބާރާތަށް ފަހު، އެފްރިކަން ކަޕް އޮފް ނޭޝަންސް އަކީ ދެ އަހަރުން އެއް އަހަރު އޮނަހިރި އަހަރުތަކުގައި ބާއްވާ މުބާރާތެއްގެ ގޮތުގައި އޮތް އޮތުން ވެސް ނިމުމަކަށް އަންނާނެ އެވެ. އެއީ ކާފް އިން ވަނީ 2028 އިން ފެށިގެން އެފްރިކަން ކަޕް އޮފް ނޭޝަންސް އަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ މުބާރާތެއްގެ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހަމަޖައްސާފައި ވާތީ އެވެ.
ކާފްގެ މެމްބަރު 54 އެސޯސިއޭޝަން އޮވެ އެވެ. ޖުމުލަ 16 ގައުމާ އެކު ކުޅެމުން އައި އެފްރިކަން ކަޕް އޮފް ނޭޝަންސް އެންމެ ފަހު ހަތަރު އަހަރު ބޭއްވީ 24 ޓީމު ބައިވެރި ކޮށްގެންނެވެ.
ނަމަވެސް އެ އަދަދު 28 އަށް އިތުރު ވާނެ ކަމަށް ވެސް ކާފް އިން ވަނީ ބުނެފަ އެވެ.