ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ބުރާސްފަތި ދުވަހު ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން ގްރީންސްޓްރީޓްސް އިން ހާޒިރުނުވި މައްސަލައިގައި އެ ކްލަބާ ދެކޮޅަށް އެފްއޭއެމުން އެޅި ފިޔަވަޅު ބަލައިނުގަންނާނެ ކަމަށައި، އެފްއޭއެމް އޮތީ ނުފޫޒެއްގެ ދަށުގައި ކަމަށް އެ މެޗަށް ގްރީންސްޓްރީޓްސް ހާޒިރުނުވުމުން ނަތީޖާ ނުކުތް ގޮތުން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި ވެލެންސިއާ އިން ބުނެފި އެވެ.

އެ މެޗަށް ގްރީންސްޓްރީޓްސް ހާޒިރުނުވުމުން ގަވާއިދުގައި އޮންނަ ގޮތުން އެ ޓީމު ބަލިވީ ކަމަށް ނިންމީ 2-0 އިންނެވެ. އޭގެ ސަބަބުން ލަނޑުގެ ތަފާތުން ކުރި ގްރީންސްޓްރީޓްސް އަށް ލީގުގެ ނުވަ ވަނަ ލިބި އެ ޓީމު ވަނީ ފުރަތަމަ ޑިވިޝަނުގައި ދެމި އޮވެފަ އެވެ. މި މެޗަށް ގްރީންސްޓްރީޓްސް ހާޒިރުވެ ކުޅެ އަދި ފަސް ލަނޑުގެ ތަފާތަކުން ބަލިވި ނަމަ ވެލެންސިއާ ސަލާމަތްވެ، ރެލިގޭޓްވާނީ ގްރީންސްޓްރީޓްސް އެވެ.

އެހެންވެ ވެލެންސިއާ އާއި ފުޓްބޯޅައިގައި އުޅޭ ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި ގްރީންސްޓްރީޓްސް އިން މެޗުގެ ނަތީޖާ "2-0" ގައި ފިކްސްކުރުމަށްޓަކައި ގަސްދުގައި މެޗަށް ނައީ އެވެ.

މި މައްސަލައިގައި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމީ ގްރީންސްޓްރީޓްސް އަށް ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަނެ ވިއްކުން މަނާކުރުމަށާއި، 50،000ރ. އިން ޖޫރިމަނާކުރުމަށެވެ.

ވެލެންސިއާ އިން އުއްމީދުކޮށްގެން ތިބީ، ކޮމިޓީން މައްސަލަ ބެލުމަށް ފަހު ގްރީންސްޓްރީޓްސްގެ އަތުން ޕޮއިންޓްތަކެއް އުނިކުރާނެ ކަމަށެވެ. ނިންމުން ބަލައިނުގަނެ ވެލެންސިއާ އިން މިއަދު މެންދުރުފަހު ނެރުނު ބަޔާނެއްގައި ބުނީ ފުރަތަމަ ކަމަކަށް، ގަސްތުގައި މެޗެއް ދޫކޮށްލައިގެން މެޗު ފިކްސިން ފަދަ ފުޓްބޯޅައިގައި ބޮޑެތި އަދަބުތައްދޭ ފަދަ ބޮޑު ކުށެއް ގްރީންސްޓްރީޓްސްއިން ކޮށްފައިވާކަން އެފްއޭއެމުން ގަބޫލުކުރާކަން، އެ އަދަބުން އެނގޭ ކަމަށެވެ. އެހެންވެ އެ ހާލަތުގައި ފުޓްބޯޅައިގެ ކޮންމެ ދުވަހަކު އާއްމުކޮށް ހިނގާ ކަންކަމުގައި ދެމުން ގެންދާ ފަދަ ދަރަޖައިގެ އަދަބެއް ދިނުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

އަނެއްކޮޅުން ކުރިއަށް އޮތް ޓްރާންސްފާ ޕީރިއަޑް އޮތީ މޭ ނުވަތަ ޖޫން މަހު ކަމަށްވެފައި މިހާރު ތިބި ހުރިހާ ކުޅުންތެރިންގެ ކޮންޓްރެކްޓް އާކޮށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އޮތުމުން، ޓްރާންސްފާ ބާޒާރުގައި ހަރަކާތްތެރި ނުވެވޭ ގޮތަށް ހެދުމަކީ ހަމަޖެހޭ އަދަބެއް ނޫން ކަމަށް ވެލެންސިއާ އިން ދެކެ އެވެ.

ވެލެންސިއާގެ ބަޔާނުގައި އިތުރަށް ބުނީ މި މައްސަލަ އެފްއޭއެމް އަށް ހުށަހެޅީ ކްލަބުގެ ހައްގުތަކެއް ގެއްލިގެން ކަމަށް ވިޔަސް މައްސަލަ ނިންމުމުގައި ވެލެންސިއާއިން ހުށަހެޅި އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅީ ކްލަބް ވެލެންސިއާއިން ކަމަށްވީ ހިނދު މައްސަލަ އިސްތިއުނާފު ކުރަން ވެސް ވެލެންސިއާ އަށް ފުރުސަތު ދީފައި ނުވާ ކަމަށް ވެސް ބުންޏެވެ.

"މިހެންވެ މިއީ މެޗު ފިކްސްގައި ދޭ ފަދަ އަބަދުތައް ކަމަށްވާ ޕޮއިންޓް އުނިކުރުން ނުވަތަ ރެލިގޭޓް ކުރަން ފަދަ ފިޔަވަޅެއް ގްރީން ސްޓްރީޓްސް އަށް ނޭޅުމުގެ މަގްސަދުގައި ގަސްތުގައި ފުޓްބޯޅަ އަށްވުރެ އެހެން ކަންކަން އިސްކޮށް، ބާރުގަދަ އަތްތަކަކަކަށް ދީދާލުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް މި ކުލަބުން ގަބޫލު ކުރަމެވެ،" ބަޔާނުގައިވެ އެވެ.

ވެލެންސިއާ އިން ބުނީ މި މައްސަލަ ފީފާ އަދި އޭއެފްސީއާ ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

ވެލެންސިއާ އިން އެގޮތަށް ތުހުމަތުކުރި ނަމަވެސް، ގްރީންސްޓްރީޓްސް އިން އެކަން ދޮގުކޮށްފަ އެވެ.

"މެޗު ގަސްދުގައި ނުކުޅެ ދޫކޮށްލީ ކަމަށް ކުރާ ހުރިހާ ތުހުމަތުތަކަކަށް ކްލަބުން އިންކާރު ކުރަން. އަދި މިއީ ހަގީގަތެއް އަދި ހެއްކެތް ވެސް ނެތި ކުރާ ތުހުމަތުތަކެއް،" އެ ކްލަބުން ބުނެފައިވެ އެވެ.