އަންހެން ކުދިންނަށް ވެސް ފުރުސަތު އޮންނާނެހެން، ނިއު ރޭޑިއަންޓުން އެ ކްލަބުގެ އެކަޑަމީގެ ރަސްމީކޮށް ފަށަން ނިންމައިފި އެވެ.

ނިއު އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކްލަބުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ އެކަޑަމީ ފެށީ ވަރަށް ގިނަ ދިރާސާތައް ހަދައި، ޕްލޭންތަކާ އެކު ކަމަށާއި، ކުރިއަށް ދާނީ ވަރަށް އޯގަނައިޒްކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ އެކަޑަމީގައި އިސްކޮށް ހުންނާނީ އަދި، ޕްރޮގްރާމްތައް ރާވައި ވިލަރެސް ކުރާނީ ކްލަބުގެ ޓެކްނިކަލް ޑައިރެކްޓަރު ސްޕެއިނުގެ ފްރެންސިސްކޯ މެނުއަލް ކައީންޒޮސް ކަމަށެވެ. އަދި އެކަޑަމީގެ ކޯޗަކަށް ސްޕެއިނުގެ ތަޖުރިބާކާރު ހަމަޖައްސައި އޭނާ ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ބުންޏެވެ.

އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ އޮންލައިންކޮށް ހުޅުވާލައިފަ އެވެ.

ނިއު އިން ރާވާފައިވަނީ ފިރިހެން ކުދިންގެ އިތުރުން އަންހެން ކުދިންނަށް ވެސް ހާއްސަ ސެޝަންތަކެއް ބާއްވައި، އަދި ޕާސަނަލް ޓްރެއިނިން އަށް ވެސް ޖާގަ އޮތްވަރަކުން ސެޝަންތަކެއް ކުރިއަށް ގެންދާށެވެ. ހުރިހާ ތަމްރީންތަކެއް ވެސް ގެންދާނީ ސްޕެއިނުން ގެންނަ ކޯޗުންގެ އިތުރުން، އެކަޑަމީ އަށް ނަގާ ދިވެހި ކޯޗުންނެވެ. އެކަމަކު ތަރުހީބަށް ބަލައި އަންހެން ޓީމަށް ވަކިން ކޯޗެއް ހަމަޖައްސާނެ ކަމަށް މުބީން ވިދާޅުވި އެވެ.

މާލޭގައި ތަމްރީންތައް ބާއްވަން ދަނޑު ލިބުމުގައި ދަތިތައް ހުރުމުން ނިއު އިން އަންނަނީ އެކަޑަމީތައް ކުރިއަށްނުގެންދާ ކްލަބްތަކާ ވާހަކަދައްކައި، ގުޅިގެން ކުރިއަށް ގެންގޮސް ވީހާ ވެސް ގިނަ ވަގުތަކަށް، ދަނޑުތައް ލިބޭނެ އިންތިޒާމު ހަމަޖައްސަމުންނެވެ.

މީގެ އިތުރުން ކ. ގުރައިދޫ ކައުންސިލާ ގުޅިގެން އެ ރަށު ދަނޑުގައި ވެސް ބައެއް ވަސީލަތްތައް ގާއިމްކުރަން އަންނަނީ ވާހަކަދައްކަމުންނެވެ.

ނިއުގެ ކުރީގެ މެނޭޖްމަންޓްތަކުން ވެސް އެކަޑަމީ ހިންގި އެވެ. އެގޮތުން 2012 ވަނަ އަހަރު އަލީ ވަހީދު (ބަލަކް) ގެ ޗެއާމަންކަމުގައި ވަރަށް ކާމިޔާބުކަމާ އެކު ހިންގައި، ސީނިއާ ޓީމުގެ ވަރަށް ގިނަ ހަރަދުތައް ވެސް ހަމަޖެއްސޭ ވަރަށް އާމްދަނީ ހޯދި އެވެ.