ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ ބުރާސްފަތި ދުވަހު ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެން އޮތް މެޗަށް ގްރީންސްޓްރީޓްސް އިން ހާޒިރުނުވި މައްސަލައިގައި އެ ކްލަބަށް ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގަނެ ވިއްކުން މަނާކޮށް، 50،000ރ. އިން ޖޫރިމަނާކުރަން އެފްއޭއެމުން ނިންމައިފި އެވެ.
އެ މެޗަށް ގްރީންސްޓްރީޓްސް ހާޒިރުނުވުމުންް، އެ ޓީމު 2-0 އިން ބަލިވީ ކަމަށް ނިންމުމާ އެކު، އެ ޓީމު ވަނީ ލަނޑުގެ ތަފާތުން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްނުވެ ސަލާމަތްވެފަ އެވެ. އަދި އެ ނަތީޖާއާ އެކު ރެލިގޭޓްވީ ވެލެންސިއާ އެވެ. އެ މެޗަށް ގްރީންސްޓްރީޓްސް ހާޒިރުވެ ފަސް ގޯލުގެ ތަފާތުން ބަލިވި ނަމަ އެ ޓީމު ރެލިގޭޓްވެ، ވެލެންސިއާ ސަލާމަތްވާނެ އެވެ.
އެހެންވެ ގްރީންސްޓްރީޓްސް އިން މެޗަށް ހާޒިރުނުވީ ރެލިގޭޝަނުން ސަލާމަތްވާން ގަސްދުގައި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެ ޓީމަށް މެޗު ފިކްސިންގެ ތުހުމަތުކުރަމުންނެވެ. ވެލެންސިއާ އިން ވެސް ވަނީ އެ ތުހުމަތުކޮށް އެ މައްސަލަ ބަލަން ގޮވާލައި، އަދި އެކަން ފީފާ އާއި އޭއެފްސީ އަށް ވެސް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ގްރީންސްޓްރީޓްސް އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
މި މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށް ފަހު ނިންމީ ދެން އެންމެ އަވަހަށް އަންނަ ޓްރާންސްފާ ބާޒާރުގައި ގްރީންސްރީޓްސް އަށް އެއްވެސް ގޮތަކަށް ހަރަކާތްތެރިނުވެވޭ ގޮތަށް ކުޅުންތެރިން ގަތުމާއި، ވިއްކުން އަދި އެއްވެސް ޓްރާންސްފާއެއް ކުރިއަށް ގެންދިއުން ހުއްޓުވުމަށެވެ. އަދި އެ ޓީމު 50،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކަން ވެސް ވަނީ އަންގައިފަ އެވެ.
"އަދި މިފަދަ ކަމެއް ކްލަބް ގްރީންސްޓްރީޓްސްގެ ފަރާތުން ތަކުރާރުކޮށްފި ނަމަ އިތުރު ހަރުކަށި ފިޔަވަޅު ކްލަބާ މެދު އަޅާނެ ކަމުގެ އިންޒާރު ވެސް ދޭން ކޮމިޓީން ވަނީ އަންގައިފަ އެވެ،"
މި މައްސަލަ ހަތް ދުވަހުގެ ތެރޭގައި އިސްތިއުފާނުކުރުމުގެ ފުރުސަތު އެ ޓީމަށް ވަނީ ދީފަ އެވެ.