ފަހު މެޗުގައި ވެސް އޮޑި ސްޕޯޓްސް ބަލިކޮށް، ޗެމްޕިއަން މާޒިޔާއިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތަށި އުފުލާލައިފި އެވެ. 

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބު ކުރީ 1-0 ންނެވެ. 

މީގެ ދެ ހަފުތާ ކުރިން މާޒިޔާ އަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ. ލީގުގެ ބާކީ ދެ މެޗު އޮއްވައި އެ ޓީމަށް ލީގު ކަށަވަރުވީ އޮޑި އަށް ޕޮއިންޓްތަކެއް ގެއްލުމުންނެވެ.

މިރޭގެ މެޗުގެ ކުރީކޮޅު މާޒިޔާއިން ލިޑް ނެގި އެވެ. އެ ޓީމުގެ އަހްމަދު އައިހަމް (ފަތޯ) އާއި ސާޖިއޯ މެންޑިގުޗިއާއާ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން ބޭނުންކޮށްގެންނެވެ. އޮޑީގެ އޭރިއާގެ ބޭރުން ސާޖިއޯ ބޯޅަ ދިނީ އައިހަމް އަށެވެ. އޭނާ އަލުން ބޯޅަ ކޮންޓްރޯލްކޮށްލާފައި ސާޖިއޯ އަށް ދިނެވެ. އޭރިއާގެ ރޮނގުމަތީގައި ހުރެފައި ސާޖިއޯ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލި އެވެ. 

މެޗަކުން ބަލި ނުވެ މާޒިޔާއިން ލީގު ޗެމްޕިއަންކަން ހޯދީ 47 ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުން ކުޅުނު 18 މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވި އެވެ. 

މާޒިޔާގެ މި ކާމިޔާބާ އެކު އެ ޓީމުން ވަނީ ރާއްޖޭގެ ލީގު އެންމެ ގިނަ ފަހަރު ހޯދި ޓީމުގެ މަގާމު ހޯދާފަ އެވެ. ރާއްޖޭގެ މައި ލީގު ދިވެހި ޕްރިމިއާ ލީގުގެ ނަމުގައި 2015 ގައި ތައާރަފު ކުރި ފަހުން ލީގުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް މާޒިޔާ އެވެ. 

މާޒިޔާގެ ކާމިޔާބާ އެކު އެ ޓީމުން ވަނީ ރާއްޖޭގެ ލީގުގެ ރެކޯޑްގައި ނިއު ރޭޑިއަންޓާ އެއްވަރަށް އެ އައްޑަނަ މިހާރު ހޯޑާފަ އެވެ. ދެހާސްވަނަ އަހަރު ތައާރަފު ކުރި ދިވެހި ލީގު ހަތަރު ފަހަރު ނިއުއިން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ދިވެހި ޕްރިމިއާ ލީގުގެ ނަމަށް ރާއްޖޭގެ މައި ލީގު ބަދަލުކުރި ފަހުން ނިއުއިން ވަނީ ދެ ފަހަރަށް މުބާރާތުގެ އައްޑަނަ ހޯދާފަ އެވެ. 

މެޗަށް ފަހު ޕީއެސްއެމް އަށް ދިން އިންޓަވިއުގައި މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނީ ލީގުގެ ދެވަނަ ބުރު ދިޔައީ ވާދަވެރިކޮށް ކަމަށެވެ. އެހެންވެ އެ ވާދަވެރިކަން ލީގުން ފެނުމުން އެހެން ޓީމުތަކަށް ވެސް މަރުހަބާ ކިޔަން ޖެހޭ ކަމަށް ސްޕެއިންގެ ކޯޗު ބުންޏެވެ. 

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާގެ އައިހަމް އެވެ. 

މާޒިޔާ އަށް ދެން ކުރިއަށް އޮތީ ޕްރެޒިޑެންޓްސް ކަޕެވެ. އެ ޓީމުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ފެށި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް ވެސް އުފުލާލަފަ އެވެ.