މެލްބަން (ފެބްރުއަރީ 2) - އޮސްޓްރޭލިއަން އޯޕަން ފައިނަލްގައި ނޯވަކް ޖޮކޮވިޗް ބަލިކޮށް އުމުރުން 22 އަހަރުގެ ސްޕެއިންގެ ކާލޯސް އަލްކަރާޒް، ކެރިއާ ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފި އެވެ.
މިއީ އަލްކަރާޒް، އޮސްޓްރޭލިއަން އޯޕަންގެ ފައިނަލް ކުޅުނު ފުރަތަމަ ފަހަރެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓު 6-2 އިން ޖޮކޮވިޗް ކާމިޔާބު ކުރި ނަމަވެސް އަލްކަރާޒް ވަނީ 6-2، 6-3 އަދި 7-5 އިން ދެން ކުޅުނު ތިން ސެޓުން ވެސް ކުރި ހޯދައި، އޭނާގެ ހަތްވަނަ ގްރޭންޑް ސްލޭމް ތަށި ހޯދައިފަ އެވެ.
ޓެނިހުގެ ހަތަރު ގްރޭންޑް ސްލޭމް މުބާރާތުގެ ތެރެއިން އަލްކަރާޒް ވަނީ ޔޫއެސް އޯޕަން އާއި ފްރެންޗް އޯޕަން އަދި ވިމްބެލްޑަން ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ. އަދި އޮސްޓްރޭލިއަން އޯޕަންގައި އިއްޔެ ހޯދި ކާމިޔާބީއާ އެކު އޭނާ ވެފައި ވަނީ އޯޕަން އީރާގައި ގްރޭންޑް ސްލޭމްގެ ހަތަރު މުބާރާތް ކާމިޔާބު ކޮށްގެން ކެރިއާ ސްލޭމް ހާސިލް ކުރި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.
"ކޮންމެ އަހަރަކު އޮސްޓްރޭލިއާ އަށް އަންނަނީ މޮޅުވުމުގެ އުންމީދުގަ، އެކަމު އެގޮތަކަށް ނުވި. މި އަހަރު އަހަރެން ހުރީ ކުރިއަށް ވުރެ ބޮޑަށް މި ތަށި ބޭނުން ވެފަ. މިއީ ހުވަފެނެއް ހަގީގަތަކަށް ވުން،" ފައިނަލް މެޗަށް ފަހު އަލްކަރާޒް ބުންޏެވެ.
ޓެނިހުގެ ކުރީގެ ތަރިން ކަމަށްވާ ރަފައެލް ނަޑާލް ކެރިއާ ސްލޭމް ހާސިލް ކުރީ އުމުރުން 24 އަހަރުގަ އެވެ. އަދި ރޮޖާ ފެޑެރާ މި ސްލޭމް ކާމިޔާބު ކޮށްފައި ވަނީ 27 އަހަރުގަ އެވެ. މީގެ އިތުރުން، އިއްޔެގެ ފައިނަލްގައި އަލްކަރާޒް އާ ވާދަކުރި ޖޮކޮވިޗް ކެރިއާ ސްލޭމް ހާސިލް ކޮށްފައި ވަނީ އުމުރުން 29 އަހަރުގަ އެވެ.
މި މޮޅާ އެކު އަލްކަރާޒް ވަނީ މިހާތަނަށް ގްރޭންޑް ސްލޭމް ތިން ފައިނަލެއްގައި ޖޮކޮވިޗާ ވާދަ ކޮށް މޮޅު ވެފަ އެވެ.
މިހާތަނަށް ރެކޯޑް 24 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗް، 38، އަކީ އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސްގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މީގެ ކުރިން މި މުބާރާތުގެ ފައިނަލްގައި ވާދަ ކުރި 10 ފަހަރު ވެސް ތަށި ހޯދައިފަ އެވެ.
ފައިނަލަށް ފަހު ޖޮކޮވިޗް ވަނީ އަލްކަރާޒް އަށް މަރުހަބާ ކިޔައިފަ އެވެ. އޭނާ ބުނީ އަލްކަރާޒްގެ މަސައްކަތަކީ ލެޖެންޑަރީ މަސައްކަތެއް ކަމަށާއި ކުރިމަގުގައި އޭނާއަށް އިތުރު ކާމިޔާބީއަށް އެދޭ ކަމަށެވެ.