ލީޑްސް (ފެބްރުއަރީ 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ތިން މެޗަށް ފަހު އާސެނަލް މޮޅެއް ހޯދައި ހަމަޖެހިލި މެޗުން ކުޅުންތެރިން ކާމިޔާބު ހޯދަން ބޭނުން ވެފައިވާ މިންވަރު ދައްކުވައި ދީފި ކަމަށް އެ ޓީމުގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.
ކުރީ ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެ، އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑް އަތުން ވީ ބައްޔަށް ފަހު އާސެނަލް މޮޅުވީ ލީޑްސް ޔުނައިޓެޑާ ވާދަކޮށް 4-0 އިންނެވެ.
ރަށުން ބޭރުގައި އާސެނަލް ފުރަތަމަ ހާފުގައި ލީޑު ނެގީ މާޓިން ޒުބިމެންޑީގެ ގޯލަކުންނެވެ. އަދި ލީޑްސް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލަކުން ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއް ހޯދައިގެންނެވެ. ދެވަނަ ހާފުގައި އާސެނަލް އަށް ލަނޑުތައް ޖަހައިދިނީ ވިކްޓޯ ޔޯކެރޭސް އާއި ގެބްރިއެލް ޖީސުސް އެވެ.
"މި ފަހުން އިދިކޮޅު ޓީމުގެ ފޯމަށް ބަލާފައި ވެސް އެނގޭ އުނދަގޫ މެޗަކަށް ވާނެކަން އަދި އެ ދަނޑުގައި ކުޅުމަކީ ކިހާ ވަރެއްގެ ކަން ވެސް އެނގޭ،" އާސެނަލްގެ ކުޅުމަށް ތައުރީފް ކުރަމުން އާޓެޓާ ބުންޏެވެ.
"ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އަހަރެމެންނަށް ނަތީޖާ ނުނެރެވުމުން އަހަރެމެން ތިބީ މި ތަށި ބޭނުންވެފައިވާ ވަރު ދައްކާލަން. އެ ނަތީޖާތަކަށް ޖަވާބެއް ދެވުނު ކަމަށް އުންމީދުކުރަން."
މިއާ އެކު އާސެނަލް އެއްވަނައިގައި އޮތީ 24 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ވަނީ 23 މެޗުން 46 ޕޮއިންޓް ލިބިފަ އެވެ.
ހަތަރުވަނައިގައި އޮތީ ފަހަތުން އަރައި 3-2 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް، 24 މެޗުން 40 ޕޮއިންޓް ހަމަ ކޮށްފައިވާ ޗެލްސީ އެވެ.
ޖަރޯޑް ބޯވެން އާއި ކްރައިސެންސިއޯ ސަމަވިލްގެ ގޯލުތަކުން ވެސްޓް ހޭމް ފުރަތަމަ ހާފު ލީޑު ކުރި ނަމަވެސް ޗެލްސީ ވަނީ ދެވަނަ ހާފުގައި ތިން ގޯލު ޖަހައިފަ އެވެ. ޖާއޯ ޕެޑްރޯ 57 ވަނަ މިނިޓުގައި ޗެލްސީގެ ފުރަތަމަ ލަނޑު ޖަހައިދިން އިރު، އެއްވަރު ކުރި ލަނޑު 70 ވަނަ މިނިޓިުގައި ޖަހައިދިނީ މާކް ކުކުރެލާ އެވެ. އަދި އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ޗެލްސީ މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ އެންޒޯ ފެނާންޑޭޒް އެވެ.
ލީގުގައި މިރޭ ބޯންމަތު ވަނީ 2-0 އިން ވުލްވްސް ބަލި ކޮށްފަ އެވެ. އަދި އެވަޓަން ވަނީ ފަހު ވަގުތު ޖެހި ލަނޑުން 1-1 އިން ބްރައިޓަންއާ އެއްވަރު ކޮށްފަ އެވެ.