ފަސް އަހަރު ފަހުން އަލީ އަޝްފާގް (ދަގަނޑޭ) ދިވެހި ޕްރިމިއާ ލީގުގައި ލަނޑު ޖަހައި ކްލަބް އީގަލްސްއާ ދެކޮޅަށް 8-4 އިން ނިއު ރޭޑިއަންޓް މޮޅު ކޮށްދީފި އެވެެ.

އަޝްފާގް މީގެ ކުރިން އެންމެ ފަހުން ޕްރިމިއާ ލީގުގައި ލަނޑެއް ޖަހާފައި ވަނީ 2020/2021 ސީޒަންގައި ވެލެންސިއާގެ ޖޯޒީގަ އެވެ. އެ ސީޒަންގައި އޭނާގެ ފަހު ލަނޑު ފެނުނީ ޖެނުއަރީ 16، 2021 ގައި ދަ ގްރާންޑޭ ސްޕޯޓްސް އަތުން 2-1 އިން ވެލެންސިއާ ބަލިވި މެޗުގަ އެވެ.

 އެ ސީޒަނަށް ފަހު ޖެހިގެން އައި 2022 ސީޒަން ފެށި މެޗުގައި އަނިޔާވެގެން އޭނާއަށް މުޅި ސީޒަން ގެއްލުނެވެ. ޖެހިގެން އައި 2023 ގައި ޕްރިމިއާ ލީގު ފެށުމުގެ ކުރިން ޕްރެޒިޑެންޓްސް ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅެމުން އޭނާ ލަނޑު ޖެހި އެވެ. ނަމަވެސް ދެވަނަ މެޗުގައި އަނިޔާ ވެގެން އެއަށް ފަހު އަޝްފާގް އަލުން ކުޅެން ފަށައިފައި ވަނީ މި ސީޒަންގަ އެވެ.

ވެލެންސިއާ އާއެކު 2020/2021 ޕްރިމިއާ ލީގަށް ފަހު އޭނާ މި ސީޒަންގައި ލީގުގައި ފުރަތަމަ ކުޅެފައި ވަނީ މިދިޔަ މަހު 27 ވަނަ ދުވަހުގެ ރޭ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މިއަދުގެ މެޗުގައި އަޝްފާގް ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުމެ ދެ ގޯލު ޖަހައިފަ އެވެ. މީގެ ކުރިން އަޝްފާގް ޕްރިމިއާ ލީގު މެޗެއްގައި ދެ ގޯލު ޖަހާފައި ވަނީ 2019/2020 ސީޒަންގައި ޓީސީ ސްޕޯޓްސް ކްލަބާއެކު ގްރީން ސްޓްރީޓްސް އަތުން 5-1 އިން މޮޅުވި ލީގު ފަހު މެޗުގަ އެވެ.

މިއަދުގެ މެޗުގައި އަޝްފާގް ކުޅެން ނުކުތީ 74 ވަނަ މިނިޓުގައި ފޯވާޑް އަލްހާޖީ ޖެރޯގެ ބަދަލަށެވެ. އަދި ކުޅެން ނުކުތްތާ ތިން މިނިޓު ތެރޭ، 77 ވަނަ މިނިޓުގައި އޭނާ ވަނީ އަލީ ފާސިރު (ސެންޓޭ)  ދިން ބޯޅައެއް އޭނާގެ ވާތު ފަޔަށް ހެޔޮވަރު ކޮށްލާފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ނިއު އަށް މެޗުގެ ހަވަނަ ލަނޑު ޖަހައިދީފަ އެވެ.

އޭގެ މިނިޓެއް ފަހުން އަޝްފާގު އަމިއްލަ ހާފުގައި ހުރެފައި ސެންޓޭ އަށް ޖައްސާލި ބޯޅަ ހިފައިގެން އަރައި ސެންޓޭ ވަނީ ކީޕަރު ކައިރިން ނައްޓާފައި ނިއު އަށް މި މެޗުގައި އޭނާގެ ދެވަނަ ގޯލު ޖަހައިދީފަ އެވެ.

އަޝްފާގް އޭނާގެ ދެވަނަ ލަނޑު ޖެހީ 89 ވަނަ މިނިޓުގައި ލައިބީރިއާގެ މިޑްފީލްޑަރު ޔާޔާ ބިލިޓީ ދިން ބޯޅައެއް ކީޕަރު ބޯ މަތިން ގޯލަށް ފޮނުވާލައިގެންނެވެ. ބިލިޓީ ވަނީ ފުރަތަމަ ހާފުގައި ނިއު އަށް ދެ ލަނޑު ޖަހައިދީފަ އެވެ.

ދިވެހި ޕްރިމިއާ ލީގު 2015 ގައި ތައާރަފް ކުރި ފަހުން، ޕްރިމިއާ ލީގުގައި އަޝްފާގް ވަނީ މިހާތަނަށް 68 ލަނޑު ޖަހައިފަ އެވެ.

ޕްރިމިއާ ލީގުގައި އަޝްފާގް ޖެހި ގޯލުތައް:

- 2016:  6 ގޯލު [މާޒިޔާ]

- 2017:  13 [ނިއު ރޭޑިއަންޓް]

- 2018:  22 ގޯލު [ޓީސީ]

- 2019/2020:  20 ގޯލު [ގްރީން ސްޓްރީޓްސްގައި 8 / ޓީސީގައި 12]

- 2020/2021: 5 ގޯލު [ވެލެންސިއާ]

- 2025/2026: 2 ގޯލު [ނިއު ރޭޑިއަންޓް] (ބާކީ ދެ މެޗު އެބަ އޮތް)

މިއަދުގެ މެޗުގެ ހަތަރުވަނަ މިނިޓުގައި ނިއު އަށް ލީޑު ނަގައިދިނީ ބިލިޓީ އެވެ. މި ގޯލު ޖެހީ އޭނާ ބޮލުން ޖެހި ބޯޅަ އީގަލްސްގެ ކީޕަރު މުހައްމަދު އަޝްވާން މަތަކުރި ވަގުތު ލިބުނު ރީބައުންސް ބޯޅައިންނެވެ. އަދި 10 ވަނަ މިނިޓުގައި އިބްރާހިމެ ލެބީ ބޯޅަ ހިފައިގެން ނިއުގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައި އީގަލްސް ނަތީޖާ އެއްވަރު ކޮށްފައި ވަނިކޮށް، ބިލިޓީ އަލުން ނިއު އަށް ލީޑު ނަގައިދިނީ އޭގެ ހަތަރު މިނިޓު ފަހުން ސެންޓޭ ދިން ބޯޅައަކުންނެވެ.

ސެންޓޭ ވަނީ 34 ވަނަ މިނިޓުގައި މިއަދު އޭނާގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ. އޭނާ ގޯލު ޖެހީ ގުއިލާމޭ ލުއިސް ޑަ ސިލްވާ ދިން ޕާހަކުންނެވެ. މި ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި ޑި ސިލްވާގެ ކޯނަރަކުން އަލްހާޖީ ނިއުގެ ހަތަރުވަނަ ގޯލު ޖަހައިދިން އިރު އޭގެ މިނިޓެއް ފަހުން ޔޫސުފް ސިދާމް އަލީ ވަނީ ނިއުގެ އޭރިއާ ތެރެއަށް ވަދެ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން އީގަލްސްގެ ދެވަނަ ލަނޑު ޖަހައިދީފަ އެވެ.

ދެވަނަ ހާފުގައި، މެޗުގެ 57 ވަނަ މިނިޓުގައި އަލްހާޖީ ދިން ބޯޅަ ކޮންޓްރޯލް ކޮށްލާފައި ގޯލަށް ފޮނުވާލައިގެން ނިއުގެ ފަސްވަނަ ލަނޑު ޖަހައިދިނީ ޑި ސިލްވާ އެވެ.

އީގަލްސްގެ ތިންވަނަ ލަނޑު 65 ވަނަ މިނިޓުގައި ޖަހައިދިނީ އިބްރާހިމް މަހުދީ ހުސެއިން އެވެ. އަދި ހަތަރުވަނަ ލަނޑު 85 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ އަލީ ހާފިޒް (ހާއްޕެ) އެވެ. އީގަލްސް އަށް ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން ރިހާމް އަބްދުލް ޣަނީ (ބޮބީ) ގެ އަތުގައި ބޯޅަ ޖެހުމުންނެވެ.

މިއީ ހާއްޕެ، މި ސީޒަންްގެ ނިޔަލަށް އީގަލްސްއާ ގުޅުމަށް ފަހު ކުޅުނު ދެވަނަ މެޗެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ބަދަލު ކުޅުނެތެރިއެއްގެ ގޮތުގައި މާޒިޔާއާ ދެކޮޅަށް ފުރަތަމަ ކުޅެން އެރި ނަމަވެސް މި މެޗުގައި ހާއްޕެ ވަނީ ފުލް ކޮށް ކުޅެފަ އެވެ.

މި ނަތީޖާއާ އެކު ނިއު ރޭޑިއަންޓް ވަނީ 16 މެޗުން 33 ޕޮއިންޓް ހަމަކޮށް، މި ވަގުތަށް ތިންވަނައިގައި ހަމަޖެހިލައިފަ އެވެ. ނިއު އަށް ލީގުގައި ބާކީ އޮތީ ދެ މެޗެވެ. ހަތަރުވަނައިގައި އޮތީ އެއް މެޗު މަދުކޮށް، 27 ޕޮއިންޓް ހޯދާފައިވާ ބުރު ސްޕޯޓްސް ކްލަބެވެ. ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބް ވަނީ 15 މެޗުން 35 ޕޮއިންޓް ހޯދައިފަ އެވެ.

ލީގު އެއްވަނައިގައި 43 ޕޮއިންޓާ އެކު އޮތް މާޒިޔާއާ ދެކޮޅަށް މިރޭ 9 ޖަހާއިރު ބުރު ސްޕޯޓްސް ނުކުންނާނެ އެވެ. މި މެޗުން މޮޅުވެގެން މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ކަށަވަރު ވާނެ އެވެ.