ފޯރި ގަދަ ކުޅުމަކަށް ފަހު ނޭޕާލް 2-1 އިން ބަލިކޮށް ދިވެހިރާއްޖެ، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަމާ ގާތަށް ޖެހިލައިފި އެވެ.
ދެ ޓީމުން ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ކަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނަމަވެސް ރާއްޖޭން ވަނީ ދެވަނަ ހާފުގެ ހަތަރުވަނަ މިނިޓުގައި އަބްދުﷲ ޝާފިއު (ޝާއްޕެ) ގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ނޭޕާލްގެ ކުޅުންތެރިއެއް އަތުން ބޯޅަ ހޯދައިގެން އިތުރު ކުޅުންތެރިއެއް ކައިރިން ނައްޓާލާފައި ޝާއްޕެއަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އަހުމަދު ހަމީދު (އަންމަޑޭ) އެވެ.
ނޭޕާލުން އޭގެ އިރުކޮޅެއް ފަހުން ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކުރި ނަމަވެސް، ރާއްޖޭން ވަނީ މެޗު ނިމުމުގެ ކުރިން އަލުން ލީޑު ހޯދައި ތިން ޕޮއިންޓް ކަށަވަރު ކޮށްފަ އެވެ.
ޝާއްޕެ އަށް ފައުލް ކޮށްގެން ލިބުނު ހިލޭޖެހުމަކުން ރާއްޖެއަށް އަލުން ލީޑު ނަގައިދިނީ ކެޕްޓަން މުހައްމަދު އިމްރާން އެވެ. ޝާއްޕެ އަށް ފައުލް ކުރި ނޭޕާލްގެ ކުޅުންތެރިޔާ އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
މިއީ ނޭޕާލް މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަލިވި ފުރަތަމަ މެޗެވެ. ރާއްޖެ މި ވަނީ ހަތަރު މެޗުން ވެސް މޮޅު ވެގެން 12 ޕޮއިންޓް ހޯދައިފަ އެވެ.
ރާއްޖޭގެ ފަހަތުގައި ތިން މެޗުން ހަތް ޕޮއިންޓާ އެކު އޮތް ބަންގްލަދޭޝް އާއި ޕާކިސްތާން މިއަދު ބައްދަލު ކުރާނެ އެވެ. އަދި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ބޫޓާނެވެ.
ރާއްޖެ އަށް މުބާރާތުގައި ދެން އޮންނާނީ ދެ މެޗެވެ. އެއީ ހޮނިހިރު ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗާއި ހޯމަ ދުވަހު ސްރީލަންކާއާ ދެކޮޅަށް ކުޅޭ މެޗެވެ.
ހޮނިހިރު ދުވަހު ބޫޓާނާ ވާދަކޮށް މޮޅުވެގެން ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ޔަގީން ވާނެ އެވެ.