އާ އަހަރުގެ ޓެނިސް ސީޒަންގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް، އޮސްޓްރޭލިއަން އޯޕަންގައި ތައްޓާ އެކު ކެރިއަރުގައި އާ ރެކޯޑެއްގެ އަމާޒުގައި ކުޅޭ ނޯވަކް ޖޮކޮވިޗާއި ކާލޯސް އަލްކަރާޒް ވެސް ތިންވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

ހަތަރު ވަނައަށް ސީޑް ކޮށްފައިވާ ޖޮކޮވިޗް، 38، މަސައްކަތް ކުރަމުން އަންނަނީ 25 ވަނަ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކުރާށެވެ.

މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ސްޕެއިންގެ ޕެޑްރޯ މާޓިނޭޒް އަތުން ހޯދި މޮޅަކީ، އޮސްޓްރޭލިއަން އޯޕަންގައި އޭނާ ކާމިޔާބު ކުރި 100 ވަނަ މެޗެވެ. އޭނާ ވަނީ ފްރެންޗް އޯޕަން އާއި ވިމްބެލްޑަންގައި ވެސް 100 މޮޅު ހަމަކޮށްފަ އެވެ.

އޮސްޓްރޭލިއަން އޯޕަން މުބާރާތް ވެސް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައި ވަނީ ޖޮކޮވިޗެވެ. އޭނާ ވަނީ މުބާރާތުގެ ތަށި 10 ފަހަރު އުފުލާލައިފަ އެވެ.

ޖޮކޮވިޗަކީ ޓެނިހުގެ އޯޕަން އީރާގައި ރެކޯޑް 24 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާ އެވެ. އޭނާގެ ފަހަތުން، މިވަގުތު ކުޅޭ ކުޅުންތެރިންގެ ތެރެއިން ދެވަނައިގައި އޮތީ ހަ ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ 22 އަހަރުގެ ކާލޯސް އަލްކަރާޒް އެވެ.

އަލްކަރާޒް އަށް މިހާތަނަށް ނުހޯދި އޮތް ހަމައެނަކި ގްރޭންޑް ސްލޭމް މުބާރާތަކީ އޮސްޓްރޭލިއަން އޯޕަން އެވެ. ފްރެންޒް އޯޕަން އާއި ވިމްބެލްޑަން އަދި ޔޫއެސް އޯޕަން ވެސް ދެ ފަހަރު ކާމިޔާބު ކޮށްފައިވާ އަލްކަރާޒް އަށް އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލާ ހަމައަށް ވެސް އަދި ދެވޭގޮތް ވަނީ ނުވެފަ އެވެ.

އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްގެން އަލްކަރާޒް އަށް ވަނީ ހުރިހާ ގްރޭންޑް ސްލޭމް ތައްޓެއް ހަމަ ކޮށްގެން ކެރިއާ ގްރޭންޑް ސްލޭމް ކާމިޔާބު ކުރި އެންމެ ހަގު ކުޅުންތެރިޔާއަށް ވުމުގެ ފުރުސަތު ލިބިފަ އެވެ.

މިދިޔަ އަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރި އިޓަލީގެ ޔަނިކް ސިނާ، ދެވަނަ ބުރުގެ މެޗަށް ތައްޔާރު ވަމުން އަންނަ އިރު، ތިންވަނަ ބުރުގެ މެޗުތައް މާދަމާ ފަށާނެ އެވެ.