ޒަބީ އަލޮންސޯ މަގާމުން ވަކިވުމުން، އެ ޓީމުގެ ކޯޗުކަމަށް ހަމަޖެއްސި އަލްވާރޯ އާބެލޯއަކީ ވަގުތީ ކޯޗެއްކަމެއް އަދި އޭނާއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތެއް ވެސް ސާފު ނުވާކަމަށް ސްޕެއިންގެ މީޑިއާތަކުން ބުނެފި އެވެ. 

ރެއާލްގެ އޭ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވުމުގެ ކުރިން އާބެލޯ ހުރީ ރެއާލްގެ ބީ ޓީމުގެ ކޯޗުގެ ގޮތުގަ އެވެ. ކުރިން ރައުލް ގޮންޒާލޭޒް މަސައްކަތް ކުރި ބީ ޓީމަށް އާބެލޯ ހަމަޖެއްސީ މި ސީޒަން ފެށުމުގެ ކުރިންނެވެ. އޭގެ ކުރިން އޭނާ ހުރީ ސީ ޓީމުގެ ކޯޗުގެ ގޮތުގަ އެވެ. 

އާބެލޯއާ އެކު ރެއާލުން ހެދި އެއްބަސްވުމަށް ބަދަލު ގެނެސެްފައިވާކަމެއް ރެއާލްއަކުން ނުބުނެ އެވެ. ސީނިއާ ޓީމުގައި އޭނާ ހޭދަކުރާނެ މުއްދަތަކީ ކޮބައިކަމެއް އާބެލޯއަކަށް ވެސް ނޭނގެ އެވެ. 

"އަހަންނަށް ބުނެވޭނެ، އަހަރެން މި ކްލަބްގައި 20 އަހަރު ހޭދަކޮށްފިން،" ކުރިން ކުޅުންތެރިޔެއްގެ ގޮތުގައި ރެއާލްގެ އެކަޑަމީ އަށާއި ސީނިއާ ޓީމަށް ވެސް ކުޅުނު އާބެލޯ ބުންޏެވެ. 

"ރެއާލް މެޑްރިޑުން ބޭނުންހާ ހިނދަކު އަހަރެން މަޑުކުރާނަން. ރެއާލް މެޑްރިޑަކީ ކޮބައިކަން އެއަހަންނަށް ވަރަށް ރަނގަޅަށް އެނގޭ. ކްލަބްގެ ބޭރުން ކުރާ އުއްމީދުތައް، ސަޕޯޓަރުން ބޭނުންވާ ގޮތާއި، މި ޓީމުގެ ތާރީހުގައި އެ ޓީމުން ދައްކަން ބޭނުންވާ ކަންކަމާ މެދު ވަރަށް ސާފުކޮށް އެނގޭ."

އާބެލޯގެ ފުރަތަމަ މެޗުގައި ސްޕެނިޝް ކަޕްގައި މިރޭ ނުކުންނާނީ އަލްބަސެޓޭ ބަލޮމްޕިއޭއާ ދެކިޮޅަށެވެ. 

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މަސައްކަތް ކުރަނީ، މި ސީޒަނަށް ފަހު ރެއާލަށް، ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގަން ކްލޮޕް ގެންދިއުމަށެވެ. ކްލޮޕް މި ވަގުތު މަސައްކަތް ކުރަމުންދަނީ ރެޑްބުލްގެ ސްޓްރެޓެޖިކް މަގާމެއްގަ އެވެ.