އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ޗެލްސީގެ އާ ކޯޗު ލިއަމް ރޮސޭނިއޯގެ ކުރީގެ ކްލަބް ކަމަށްވާ ހަލް ސިޓީއާ ވާދަކުރަން ޖެހިއްޖެ އެވެ.

އަންނަ މަހަށް ތާވަލު ކޮށްފައިވާ މި މެޗު ކުޅޭނީ ޗެމްޕިއަންޝިޕްގައި ކުޅެމުން އަންނަ ހަލް ސިޓީގެ ދަނޑުގަ އެވެ.

މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ވެސް ރޮސޭނިއޯ އެންމެ ގިނަ ދުވަސް ހޭދަކުރީ ހަލް ސިޓީގަ އެވެ. މީގެ އިތުރުން ފުލަމް އާއި ބްރައިޓަން އަށް ވެސް ޕްރިމިއާ ލީގުގައި ކުޅުނު ފުލްބެކް ރިޓަޔާކުރީ 2018ގަ އެވެ.

ހަލް ސިޓީގެ ކޯޗުކަމުގައި ލިއަމް ރޮސޭނިއޯ .--
ހަލް ސިޓީގެ ކޯޗުކަމުގައި ލިއަމް ރޮސޭނިއޯ .--

ކުޅުން ހުއްޓާލުމަށް ފަހު ބްރައިޓަންގެ އެކަޑަމީގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް، ފުރަތަމަ ހަވާލުވީ 2022 ގައި ޑާބީ ކައުންޓީގެ ވަގުތީ ކޯޗުގެ މަގާމާ އެވެ. އެ އަހަރުގެ ފަހުކޮޅު ހަލް ސިޓީއާ ހަވާލުވެ، ދެ ސީޒަނަށް ފަހު ސްޓްރާސްބޯގަށް ބަދަލުވީ ޖުލައި 2024 ގަ އެވެ.

ޗެލްސީގެ މިޑްފީލްޑަރު އަންޑްރޭ ސަންޓޯސް އާއި ފޯވާޑް ލިއަމް ޑިލެޕް ވަނީ ކުރިން ރޮސޭނިއޯ އާއެކު މަސައްކަތް ކޮށްފަ އެވެ. މިދިޔަ ސީޒަންގައި ސްޓްރާސްބޯގައި ޗެލްސީގެ އަންޑްރޭ ސަންޓޯސް ވަނީ ރޮސޭނިއޯގެ ކޯޗުކަމުގައި އެ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި ފޯވާޑް ލިއަމް ޑިލެޕް އޭގެ ކުރިން ހަލް ސިޓީގައި ލޯނު އުސޫލުން ކުޅުނު އިރު އެ  ޓީމުގެ ކޯޗަކީ ރޮސޭނިއޯ އެވެ.

ރޮސޭނިއޯ އާއި ޑިލެޕް ހަލް ސިޓީގައި.--
ރޮސޭނިއޯ އާއި ޑިލެޕް ހަލް ސިޓީގައި.--

ހަތަރުވަނަ ބުރުގައި ބްރައިޓަން ވާދަކުރާނީ ލިވަޕޫލާ އެވެ. ލިވަޕޫލް ވަނީ ހޯމަ ދުވަހުގެ ރޭ ބާންސްލީ 4-1 އިން ބަލިކޮށްފަ އެވެ. ޑޮމިނިކް ސޮބޮޒްލައި އާއި ޖެރެމީ ފްރިމްޕޮންގް އަދި ފްލޯރިއެން ވިއެޓްޒްގެ އިތުރުން ހޫގޯ އެކިޓީކޭ ވަނީ މި މެޗުގައި ގޯލު ޖަހައިފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ކްރިސްޓަލް ޕެލަސް ކަޓުވާލި، އިނގިރޭސި ހަ ވަނަ ޑިވިޝަންގައި ކުޅެމުން އަންނަ މެކްލެސްފީލްޑް ނުކުންނާނީ ބްރެންޓްފޯޑާ ދެކޮޅަށެވެ. 

ޢަސެނަލް ހަތަރުވަނަ ބުރުގައި ވިގަން އެތުލެޓިކާ ދެކޮޅަށް ނުކުންނަ އިރު ނިއުކާސަލް ޔުނައިޓެޑް ވާދަކުރާނި އެސްޓަން ވިލާއާ އެވެ. އަދި މެންޗެސްޓާ ސިޓީ ނުކުންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ ހަތަރުވަނަ ޑިވިޝަންގައި ކުޅޭ ދެ ޓީމު ކަމަށްވާ ސަލްފޯޑް ސިޓީ އާއި ސްވިންޑައުން ޓައުންއާ ވާދަކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.