ސައުދީ ޕްރޯ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އައް ނަސްރު، މި އަހަރު ކުޅުނު ތިން މެޗުން ވެސް ބަލިވެއްޖެ އެވެ.
ރަށުންބޭރުގައި ރޭ ބަލިވީ އަލް ހިލާލާ ވާދަކޮށް 3-1 އިންނެވެ. ފުރަތަމަ ހާފު ނިމެނިކޮށް ރޮނާލްޑޯ ވަނީ ނަސްރަށް ލީޑު ނަގައިދީފަ އެވެ.
ނަމަވެސް ދެވަނަ ހާފުގައި ހިލާލުން ތިން ގޯލު ޖެހި އެވެ. ހިލާލުން އެއްވަރުކުރީ 57 ވަނަ މިނިޓުގައި ޕެނަލްޓީއަކުންނެވެ. އޭގެ ތިން މިނިޓު ފަހުން އައް ނަސްރުގެ ގޯލްކީޕަރަށް ރަތް ކާޑެއް ދެއްކި އެވެ.
އާ ސީޒަންގައި އައް ނަސްރު ވަނީ މިދިޔަ އަހަރު ކުޅުނު 11 ލީގު މެޗުގެ ތެރެއިން 10 މެޗުން މޮޅުވެ، ފަހު މެޗު އެއްވަރު ކޮށްފަ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ، އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެ އެވެ.
ދަށް ނަތީޖާތަކާ އެކު، ނަސްރަށް ތާވަލްގެ އެއްވަނަ ގެއްލިފައިވާއިރު، އެއްވަނައިގައި އޮތީ މިހާތަނަށް އަދި މެޗަކުން ބަލި ވެފައި ނުވާ އަލް ހިލާލެވެ. ހިލާލް އެއްވަނައިގައި އޮތީ ހަތް ޕޮއިންޓްގެ ތަފާތަކުންނެވެ.
ކެޕްޓަން ރޮނާލްޑޯ ވަނީ މިހާތަނަށް 14 މެޗުން 15 ލަނޑު ޖަހައިފަ އެވެ. އަދި ލަނޑު ލިސްޓުގެ ކުރީގައި ވެސް އޮތީ އޭނާ އެވެ. ރޭޣެ ގޯލާ އެކު ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި 959 ގޯލު ހަމަކޮށްފަ އެވެ.
ނަސްރާއި ތިންވަނައިގައި އޮތް ތައާވޫނަށް ވެސް ވަނީ މިވަގުތު 31 ޕޮއިންޓް ލިބިފަ އެވެ. ތައާވޫން އެއް މެޗު މަދުން ކުޅެފައިވާއިރު، އެ ޓީމު މާދަމާ ކުޅޭ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ދެވަނައަށް ޖެހިލުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.
ލީގުގައި ނަސްރަށް ދެން އޮތީ ރެލިގޭޝަން ޒޯނުގައި އޮތް ދެ ޓީމަކާ ދެކޮޅަށެވެ. އެ އަށް ފަހު، އޮތީ އަމިއްލަ ދަނޑުގައި އައް ތައާވޫނާ ދެކޮޅަށެވެ.