ޖިއްދާ (ޖެނުއަރީ 12) - ރެއާލް މެޑްރިޑް 3-2 އިން ބަލިކޮށް ބާސެލޯނާ މި އަހަރުގެ ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފި އެވެ.
މިއާ އެކު ބާސެލޯނާ ވަނީ ރެކޯޑް 16 ވަނަފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. މިދިޔަ އަހަރު ވެސް ބާސެލޯނާ ތަށި ހޯދި ފައިނަލްގައި ރެއާލް ބަލި ކޮށްފަ އެވެ. ރެއާލް އެންމެ ފަހުން ސުޕަ ކަޕް ކާމިޔާބު ކުރީ 2022 ގައި އެތުލެޓިކް ބިލްބާއޯ ބަލިކޮށްފަ އެވެ. މިއީ ރެއާލް ޖެހިޖެހިގެން ސުޕަ ކަޕް ފައިނަލް ކުޅުނު ފަސްވަނަ ފަހަރެވެ.
ރެއާލުން މެޗު ފެށީ ކިލިއަން އެމްބާޕޭ ބެންޗުގައި ބައިންދަންއިގެންނެވެ. އޭގެ ބަދަލުގައި ވިނީޝީއަސް ޖޫނިއާ އާއެކު މެޗު ފެށީ ރޮޑްރިގޯ އެވެ. އަދި އާޑާ ގޫލާގެ ބަދަލުގައި ސްޓާޓް ކުރީ ގޮންޒާލޯ ގާސިއާ އެވެ. ބާސެލޯނާގެ މާކަސް ރަޝްފޯޑް ވެސް މެޗު ފެށީ ބެންޗުންނެވެ.
ސައުދީ އަރަބިއްޔާގެ ކިންގް އަބްދޔﷲ ފަހުދު ސްޓޭޑިއަމްގައި ކުޅުނު މި ފައިނަލް މެޗުގެ 36 ވަނަ މިނިޓުގައި ލީޑު ނެގީ ބާސެލޯނާ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރަފީނިއާ އެވެ. އޭގެ ކުރިން ވެސް ރަފީނިއާ އަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ނާކާމިޔާބު ވެފަ އެވެ.
މި ނަތީޖާއިން ފުރަތަމަ ހާފު ނިމެން ދަނިކޮށް އިތުރު ވަގުތުަގައި ފަސް މިނިޓް ތެރޭ ތިން ގޯލު ފެނުނު އިރު، ރެއާލުން ބާސާ ކުރީގައި އޮވެ ނިންމާލިޔަ ނުދިނެވެ. އިތުރު ވަގުތުދެ ދެވަނަ މިނިޓުގައި ވިނީޝިއަސް ޖޫނިއާ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ރެއާލަށް ނަތީޖާ އެއްވަރު ކޮށްދިންތާ ދެ މިނިޓު ފަހުން ޕެޑްރީ ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން ބާސާ އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ.
މިއާ އެކު ލެވަންޑޯސްކީ ވަނީ ޖެހިގެޖެހިގެން ހަތަރު ސުޕަ ކަޕް ފައިނަލްގައި ލަނޑު ޖަހައިފަ އެވެ. ފާއިތުވި ތިން އަހަުގެ ފައިނަލްގައި ވެސް މި ދެ ޓީމު ބައްދަލު ކޮށްފައި ވާއިރު، ދެ ފަހަރު ބާސެލޯނާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ނަމަވެސް އޭގެ ތިން މިނިޓް ފަހުން ގޮންޒާލޯ ގާސިއާ ވަނީ އަލުން ރެއާލަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.
ފައިނަލްގައި ތިންވަނަ ފަހަރަށް ލީޑު ނެގީ 73 ވަނަ މިނިޓުގައި ރަފީނިއާ ފޮނުވާލި ބޯޅައިންނެވެ. އެއަށް ފަހު ރެއާލްގެ ކޯޗު ޒަބީ އޮލޮންސޯ ވަނީ ގޮންޒާލޯ ގާސިއާގެ ބަދަލުގައި އެމްބާޕޭ ކުޅެން އަރުވައިފަ އެވެ.
ބާސެލޯނާގެ ކެޕްޓަން ފްރެންކީ ޑި ޔޮންގް އަށް ވަނީ މެޗުގެ އިތުރު ވަގުތުގައި ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.