ވެލެންސިއާގެ މައްޗަށް 4-1 ން ކާމިޔާބު ހޯދައި، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރޭ އެއްވެސް ޕްރެޝަރެއް ނެތި ބުރު ސްޕޯޓްސްއިން ހަމަޖެހިލައިފި އެވެ.
ފަސްވަނައިގައި އޮތް އީގަލްސް ކުރިން އޮތީ ބުރުގެ ފަހަތުން ދެ ޕޮއިންޓްގެ ފަރަގަކާ އެކު ވިއްދާފަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވެ ބުރު ވަނީ މޮޅާ އެކު އެ ޕްރެޝަރު ވެސް ބުރުން މި ވަނީ ކަނޑުވާލާފަ އެވެ. އީގަލްސްގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއް ނެގުން އެކަންޏެއް ވެސް ނޫނެވެ. ބުރުން ވަނީ ތާވަލުގެ ތިންވަނަ އަށް ވެސް ޖެހިލައިފަ އެވެ.
އެއީ ކުރިން ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވުރެ އިތުރަށް މެޗެއް ކުޅެގެންނެވެ. މިހާރު ބުރުން ވަނީ 26 ޕޮއިންޓް ހޯދައިފަ އެވެ.
ޖުމުލަ 24 ޕޮއިންޓް ހޯދާފައިވާ ނިއުއިން މިރޭ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.
މިއަދު މެޗަށް ވެލެންސިއާއިން ނުކުތީ އެ ޓީމުގެ ޒުވާން ކީޕަރު އަހްމަދު ލިޒުފާން ލަތީފު ހިމަނައިގެންނެވެ. އެ ޓީމުގެ އެއްވަނަ ކީޕަރު މޯލްޑޯވާގެ ވިއޮރެލް ބޮޔަން އަށް ވަނީ އެންމެ ފަހުން، ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރީނދޫ ކާޑާ އެކު ދެ ކާޑް ހަމަވެގެން ސެޝްޕެންޑް ވެފަ އެވެ.
މެޗުގައި ފުރަތަމަ ލީޑް ނެގީ ވެލެންސިއާއިންނެވެ. އެ ޓީމުގެ ލަނޑު 27 ވަނަ މިނެޓްގައި ޖެހީ ހަސަން ނަވާޒެވެ. ވެލެންސިއާ އަށް ފަސް މިނެޓް ވެސް ލިޑްގައި ހިފަހައްޓާ ނުލެވުނެވެ. މެޗުގެ 31 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން މުހައްމަދު ނާއިމު ބުރަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
މި ލަނޑާ އެކު، ލީގުގައި ނާއިމް ޖެހި ލަނޑުގެ އަދަދު ވަނީ 12 އަށް އަރައިފަ އެވެ.
ބުރުގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ސެނެގާލްގެ މިޑްފީލްޑަރު ޑިއަންވާންޑޫ ޑައީން އެވެ.
އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި މުއްދަތެއް ހޭދަ ކުރި އަބްދުﷲ ޔާމީން ވަނީ އޭނާ ކުޅުނު ދެ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ.
ވެލެންސިއާ އަށް ކުރިމަތިވި ބައްޔާ އެކު ރެލިގޭޝަންގެ ޕްލޭއޮފްގެ ޖާގައެއް ހޯދުމަށް އެ ޓީމުން ކުރާ އުއްމީދަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތި ވެފަ އެވެ. މުޅުން ޒުވާން ސްކޮޑަކާ އެކު ނުކުތް ވެލެންސިއާގެ މިފަހަރުގެ އުއްމީދަކީ ރެލިގޭޓް ނުވެ ސަލާމަތް ވުމެވެ. ދިހަ ޓީމު ވާދަކުރާ ލީގުގައި ތާވަލުގެ ފުލަށްދާ ދެ ޓީމު ސީދާ ދެވަނަ ޑިވިޝަނަށް ވެއްޓޭނެ އެވެ. ވެލެންސިއާ މި ވަގުތު އޮތީ ނުވަވަނައިގަ އެވެ.