ވިކްޓަރީގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއްވަނަ މަގާމުގައި މާޒިޔާއިން އިތުރަށް ނުފޫޒު ގަދަކޮށްފި އެވެ.
ކުޅުނު އެއްވެސް މެޗަކުން މިހާތަނަށް ބަލިވެފައި ނތް، މާޒިޔއިން ވަނީ މިއަދުގެ މެޗުން ހޯދި ތިން ޕޮއިންޓާ އެކު 14 މެޗުން 40 ޕޮއިންޓް ހޯދާފަ އެވެ.
އިތުރަށް އެއް މެޗު ކުޅެ މާޒިޔާ އަށް މިހާރު 11 ޕޮއިންޓްގެ ބޮޑު ލީޑެއް އެބައޮތެވެ.
މިއަދުގެ މެޗަކީ ދެވަނަ ބުރުގައި ވިކްޓަރީ އަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ. އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ. ހަވަނައިގައި އޮތް އީގަލްސް އާއި ވިކްޓަރީއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.
މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އީގަލްސް އަށް ފަސްވަނަ އަށް އެރޭނެ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވިކްޓަރީ ކޮޅަށް މާޒިޔާގެ ލަނޑުތައް ޖެހީ އަހްމަދު އައިހަމް (ފަތޯ) އާއި ހަމްޒާ މުހައްމަދު (ހަމްޕް) އާއި ޒުވާން ފޯވާން މުހައްމަދު އިލާން އިމްރާނެ ވެ.
މެޗުގެ 55 ވަނަ މިނެޓްގައި މާޒިޔާގެ ކަނާތު ޑިފެންޑަރު ހުސައިން ޝިފާއު ޔޫސުފް (ކުރޯ) ވިކްޓަރީގެ އޭރިއާގެ އަރިމަތިން އަރައި ގޯލް ކުރިމައްޗަށް ހުސްކޮށްދިން ބޯޅަ އައިހަމް އެއްފަހަރު ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލި އެވެ.
ހަމްޒާ ލަނޑު ޖެހީ މެޗުގެ 63 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ވިކްޓަރީގެ ހާފުގެ ތެރެއިން އެ ޓީމުގެ އަހްމަދު ފިރާޝް، މާޒިޔާގެ ހަސަން ނަޒީމު (ޗޯޓް) އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ފިރާޝް ކުރި ފައުލުގައި ނަޒީމް އޭރިއާ ތެރެއަށް ވެއްޓުނެވެ. ރެފްރީ ދެއްކީ ޕެނަލްޓީއެކެވެ.
ނޭޕާލްގެ ގައުމީ ކީޕަރު ކިރަން ކުމާރު ލިމްބޫ ބެލެހެއްޓި ވިކްޓަރީގެ ގޯލްގެ މަތީ ކަނަށް ހަމްޒާ ޕެނަލްޓީ ފޮނުވާލައި ލީޑް ފުޅާ ކުރި އެވެ.
ވިކްޓަރީގެ އޭރިއާގެ ރޮނގުމަތިން ލިބުނު މާޒިޔާ އަށް ހިލޭ ޖެހުން ހަމްޒާ ފޮނުވާލުމުން ކިރަން އެ ބޯޅަ ދިފާއު ކުރި އެވެ. އެކަމަކު އޭނާ އަށް ގޯލް ވަނުން ނުހުއްޓުވުނެވެ. އޭނާ ދިފާއު ކުރި ބޯޅަ ރީބައުންސްވުމުން، ވިކްޓަރީގެ ކުޅުންތެރިންނަށް ލިބުމުގެ އިލާން ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި އެވެ.