ރެއާލް މެޑްރިޑަށް ކުޅޭ ބްރަހީމް ޑިއާޒްގެ ގޯލަކާ އެކު 2-0 އިން ކެމަރޫން ބަލިކޮށް މޮރޮކޯ، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރޭގެ މެޗުގެ 26 ވަނަ މިނިޓުގައި ޑިއާޒް މި މުބާރާތުގައި ފަސްވަނަ ގޯލާ އެކު، މޮރޮކޯ އަށް ލީޑު ނަގައިދިން އިރު، 74 ވަނަ މިނިޓުގައި ދެވަނަ ގޯލު ޖެހީ އިސްމާއިލް ސަލިބާރީ އެވެ.
ޑިއާޒް މި ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ކޮންމެ މެޗެއްގައި ވެސް ގޯލު ޖަހައިފަ އެވެ. ގުރޫޕް ސްޓޭޖުގެ ތިން މެޗުގައި ގޯލު ޖެހި އިރު ނޮކައުޓް ބުރުގެ ފުރަތަމަ ދެ މެޗުގައި ވެސް އޭނާ މި ވަނީ ގޯލު ޖަހައިފަ އެވެ.
ސްޕެއިނަށް އުފަން ޑިއާޒް، 2021 ވަނަ އަހަރު ސްޕެއިންގެ ގައުމީ ޓީމަށް ކުޅެދިން ހަމައެކަނި މެޗުގައި ގޯލު ޖެހުމަށް ފަހު، 2024 ގައި އޭނާ ވަނީ ބައްޕަގެ ގައުމު މޮރޮކޯގެ ގައުމީ ޓީމަށް ކުޅެން ނިންމައިފަ އެވެ. އޭގެ ފަހުން ޑިއާޒް އަކީ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. ރޭގެ ގޯލާ އެކު އޭނާ ވަނީ 20 މެޗުން 13 ގޯލު ޖަހައިދީފަ އެވެ.
މުބާރާތުގެ އެއްވެސް މެޗަކުން ފުރިހަމަ ވަގުތުގައި މޮޅެއް ނުހޯދި ކުއާޓާ ފައިނަލް ކުޅުނު މާލީ ވަނީ ރޭ ސެނެގާލާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ.
ސެނެގާލުން 27 ވަނަ މިނިޓުގައި އިލްމާން އެންޑިއާޔޭގެ ގޯލުން މެޗު ލީޑު ކުރި އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މާލީގެ ވައިވެސް ބިސޫމާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
ސެމީގައި މޮރޮކޯ ނުކުންނާނީ މިރޭ 9 ޖަހާއިރު އަލްޖީރިއާ އާއި ނައިޖީރިއާ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ. އަދި ސެނެގާލް ވާދަކުރަން ޖެހޭނީ މިރޭ 12 ޖަހާއިރު މިސްރާއި އައިވަރީ ކޯސްޓް ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.