ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި ރޭ ވިކްޓަރީއާ ދެކޮޅަށް ވެލެންސިއާއިން ކުޅުނު މެޗުގެ ވަކި ހިސާބަކުން ދަނޑުގެ ބޮކިތައް ނިވި މެޗަށް ބުރޫ އަރައިފި އެވެ. 

މެޗު އެއްވަރުވީ 1-1 ންނެވެ.

މެޗުގެ 60 ވަނަ މިނެޓްގައި، ދަނޑުގެ ބޮކިތަކަށް މައްސަލަ ދިމާވެ ކުޅުން މެދުކަނޑާލި އެވެ. އެންމެ ފުރަތަމަ މައްސަލަ ކުރިމަތިވީ ދަނޑުގެ އިރު އުތުރުގައި ހުންނަ ލައިޓް ޕޯސްޓްގައި ހަރުކޮށްފައިވާ ބޮކިތަކަށެވެ. އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން ދަނިކޮށް ހުރިހާ ބޮކިތަކެއް އެއްކޮށް ނިވުނެވެ. 

މައްސަލަ ކުރިމަތިވުމުގެ ކުރިން ވެލެންސިއާއިން ލީޑް ނެގި އެވެ. މެޗުގެ 58 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައި ދިނީ ސްޓެފަން ބްލެންކް އެވެ. ވިކްޓަރީގެ އޭރިއާގެ ބޭރުން ވެލެންސިއާގެ އުރުގުއޭގެ މިޑްފީލްޑަރު މާޓިއަސް އާޕެލްޓް ފޮނުވާލި ބޯޅަ ވިކްޓަރީގެ ކީޕަރު ނޭޕާލްގެ ކިރަން ކުމާރު ލިމްބޫ ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ބާރުބާރަށް ގޮސް ފްރާންސްގެ ފޯވާޑް ބްލެންކް ގޮސް ގޯލް ގެތެރެއަށް ފޮނުވާލި އެވެ. 

އެ ލަނޑަށް ދެ މިނެޓް ވެސް ނުވަނީސް ދަނޑުގެ ލައިޓްތަކަށް މައްސަލަ ކުރިމަތިވި އެވެ.

މައްސަލަ ހައްލުކޮށް އަލުން ކުޅެން ފެށަށް ގާތްގަނޑަކަށް ގާތްގަނޑަކަށް 25 މިނެޓް ހޭދަވި އެވެ. އަލުން ކުޅެން ފެށީ މެޗުގެ ވަގުތުން 85 ވަނަ މިނެޓްގަ އެވެ.

ރޭގެ މެޗުގައި ދަނޑުގެ ބޮކިތަށް ނިވިފައި: އެ މައްސަލަ ކުރިމަތިވުމުން ގާތްގަނޑަކަށް 25 މިނެޓަށް ކުޅުން މެދުކަނޑާލި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރޭގެ މެޗުގައި ދަނޑުގެ ބޮކިތަށް ނިވިފައި: އެ މައްސަލަ ކުރިމަތިވުމުން ގާތްގަނޑަކަށް 25 މިނެޓަށް ކުޅުން މެދުކަނޑާލި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ލީގުގެ ފުރަތަމަ ބުރުގައި ވެލެންސިއާއިން ވަނީ ވިކްޓަރީގެ މައްޗަށް 1-0 ން މޮޅުވެފަ އެވެ. އެކަމަކު ހަތަރު ގަޑިއިރަށް ވުރެ ގިނަ އިރު ސްޓޭޑިއަމްގައި ކުޅުންތެރިންނަށް ހޭދަ ކުރަން ޖެހުނު މެޗުގައި ވެލެންސިއާ އަށް އެ ލީޑްގައި ހިފަހައްޓައެއް ނުލެވުނެވެ. 

އަލުން ކުޅެން ފެށިތާ 10 މިނެޓް ނުވަނީސް ވިކްޓަރީން ނަތީޖާ ހަމަހަމަ ކުރި އެވެ. ވެލެންސިއާގެ ހާފުގެ މެދެއްހާ ހިސާބުން ދަނޑުގެ ބޭރު ރޮނގާ ކައިރީގައި ހުރެފައި ވިކްޓަރީގެ ޑިފެންޑަރު ޖޮވާޚިރު އަޒްމޯވް،ވެލެންސިއާގެ އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ބޮލުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވާލި އެވެ. 

އެ ބޯޅަ ދިފާއުކުރަން ވެލެންސިއާގެ ކީޕަރު ވިއޮރެލް ބޮޔާން ކުރިއަށް ނުކުތުމުން، އެ ބޯޅަ ގޮސް ވަނީ ހުހަށް އޮތް ގޯލްގެ ތެރެއަށެވެ. ބޯޅަ ހިފަން އޭނާ މަސައްކަތް ކުރި ނަމަވެސް ޝަފްރާޒު ވަނީ އޭނާ އަށް ވުރެ ކުރިން ބޯޅައިގައި ބޮލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލައިފަ އެވެ. 

މެޗު މެދުކެނޑިގެން ދިޔަ ވަގުތު ހަމަ ކުރަން، އިތުރު ވަގުތުގެ ގޮތުގައި 28 މިނެޓް ދެއްކި އެވެ. އޭގެ ތެރެއިން ވެސް ގެއްލުނު ވަގުތާ އެކު އިތުރަށް ދެ މިނެޓް ކުޅެ 30 މިނެޓް މެޗުގައި ހޭދަވި އެވެ.

ވިކްޓަރީން ހަމަހަމަ ކުރީ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓްގަ އެވެ. 

އިތުރު ވަގުތުގެ 30 ވަނަ މިނެޓްގައި އެ ޓީމުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) އަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކި އެވެ. 

ލީގުގައި މިއަދު ހަވީރު ވާދަކުރާނީ އީގަލްސް އާއި ޓީސީ އެވެ. މިރޭ ކުޅޭނީ ބުރާއި ގްރީން ސްޓްރީޓްސް އެވެ.