ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ޝަރަފުވެރި އެއް ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖު، ހުޅުމާލޭ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި އިއްޔެ ފަށައިފި އެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ އަތޮޅު ބުުރުގެ މެޗުތައް ހަވީރު ފެށީ ހދ. އަތޮޅުންނެވެ. މަކުނުދުއާ ވާދަކޮށް 5-0 އިން ނައިވާދޫ ކާމިޔާބު ކުރިއިރު ނެއްލައިދޫ ވަނީ 3-0 އިން ވައިކަރަދޫ ބަލިކޮށްފަ އެވެ.

އެ އަށް ފަހު ކުޅުނު މެޗުތަކުގަައި، ނޮޅިވަރަމާ ވާދަކޮށް ނޮޅިވަރަންފަރު 4-1 އިން މޮޅުވި އިރު، ނައިވާދޫ ވަނީ 4-0 އިން ފިނޭ ބަލިކޮށްފަ އެވެ.

ގޯލްޑަންގެ އަތޮލު ބުރުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން،.-- ފޮޓޯ: ޖީއެފްއޭ/ އިމޭޖަސް
ގޯލްޑަންގެ އަތޮލު ބުރުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން،.-- ފޮޓޯ: ޖީއެފްއޭ/ އިމޭޖަސް

ޖުމްލަ 119 ޓީމެއް ވާދަކުރާ މި މުބާރާތުގައި ރޭ ފުރަތަމަ ކުޅުނީ ހއ. އަތޮޅުގެ މެޗުތަކެވެ. ތުރާކުނާ ވާދަކޮށް 6-0 އިން ކެލާ މޮޅުވިއިރު، އުތީމު ވަނީ 3-1 އިން އެ ޓީމުގެ ފުރަތަ މެޗުން ދިއްދޫ އަތުން ބަލިވެފަ އެވެ. މި އަތޮޅު ބާރަށް 4-1 އިން ފިއްލަދޫ އަތުން ބަލިވި އިރު، މާރަންދޫ ވަނީ ވަށަފަރާ ވާދަކޮށް 2-1 އިން މޮޅުވެފަ އެވެ.

ގދ. އަދި ސ. އަތޮޅުގެ މެޗުތައް ވެސް ރޭ ކުޅުނެވެ. އެގޮތުން ގދ. މަޑަވެލި 2-1 އިން ގައްދުއާ ވާދަކޮށް މޮޅުވި އިރުފިޔޯރީ އާއި ރަތަފަންދޫ ބައްދަލުކޮށް އެއްވަރުވީ 2-2 އިންނެވެ.

އައްޑޫގެ ދެ މެޗުގެ ތެރޭން މަރަދޫ ވަނީ 4-0 އިން މަރަދޫފޭދޫ ބަލިކޮށްފަ އެވެ. ހުޅުދޫ އާއި މީދޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ގޯލްޑަން ޗެރިޓީ ޝީލްޑް އުފުލާލަނީ.-- ފޮޓޯ: ޖީއެފްއޭ/ އިމޭޖަސް
ގޯލްޑަން ޗެރިޓީ ޝީލްޑް އުފުލާލަނީ.-- ފޮޓޯ: ޖީއެފްއޭ/ އިމޭޖަސް

މި އަހަރުގެ މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ގޯލްޑަން ސުޕަ ކަޕް ވަނީ ހޮނިހިރު ދުވަހުގެ ރޭ ކުޅެފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ކ. ކާށިދުއާ ވާދަކޮށް ޕެނަލްޓީ ޝޫޓައުޓްގައި ބަދަލު ކީޕަރު މުހައްމަދު ޝާންގެ މޮޅު ސޭވްތަކާ އެކު ޝީލްޑް ކާމިޔާބުކުރީ އޭގެ ކުރީ އަހަރުގެ ޗެމްޕިއަން ބ. އޭދަފުއްޓެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ޗެރިޓީ ޝީލްޑް މެޗުގެ ޗެމްޕިއަން އިނާމު ފައިސާ ހަދިޔާ ހަދިޔާކުރީ ފަލަސްތީނުގެ ރައްޔިތުންނަށެވެ. މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ދަނޑުމަތީގެ ނިންމުންތަކުގައި ވީޑިއޯ ސަޕޯޓް ވެސް ބޭނުން ކުރެ އެވެ.