ވީއޭއެމުން މުޅިން އަލަށް ފެށި ރާއްޖެ ވޮލީ ސުޕަ ލީގުގެ ފުރަތަމަ މެޗުގައި އައްޑޫގެ މައްޗަށް ކ. މާފުށި ކުރި ހޯދައިފި އެވެ. 

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ވީއޭއެމުން ބާއްވާ އިންޑޯ ވޮލީގެ މުބާރާތަކީ، ސިޓީތަކާއި ރަށްރަށަޤ ހާއްސަކޮށް ބާއްވާ ވޮލީގެ މިފަދަ މުބާރާތެވެ. ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުޅޭ މި މުބާރަތަކީ، ކޮލިފައިންގެ އެއްވެސް މަރުހަލާއެއް ނެތި ރަށްތަކާއި ސިޓީތަކަށް މުބާރާތުގެ ސީދާ ޖާގަ ދީގެން ބާއްވާ ވޮލީގެ ފުރަތަމަ މުބާރާތެވެ. 

މީގެ އަހަރުތަކެއް ކުރިން ޒޯން ފޯމެޓަށް، ކޮންމެ ޒޯނަކުން ކޮލިފައިވާ ޓީމުތަކަށް ފައިނަލް ޓޯނަމަންޓްގައި ބައިވެރިވެވޭ ގޮތަށް ވީއޭއެމުން މުބާރާތެއް ކުރިއަށް ގެންދިޔަ އެވެ. ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރަނޭޝްގެ ދައުރުގައި ވަނީ ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި އަތޮޅުތަކަށް ހާއްސަ މުބާރާތެއް ފަށައިފަ އެވެ. 

އައްޑު އާއި މާފުށީގެ މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އައްޑު އާއި މާފުށީގެ މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު


އެ މުބާރާތުގެ ފޯމެޓް އެކުލަވާލީ ކޮންމެ އަތޮޅެއްގައި މުބާރާތެއް ކުޅެ އެ އަތޮޅުން، އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމު ޒޯން ބުރަށް ކޮލިފައިވާ ގޮތަށެވެ. މީގެ ތިން އަހަރު ކުރިން ފެށި އެ މުބާރާތުގެ ފ. އަތޮޅުގެ، އަތޮޅު މުބާރާތް ބާއްވައި އަންހެން ޗެމްޕިއަން ޓީމުގެ ގޮތުގައި މަގޫދޫ އަދި ފިރިހެން ޗެމްޕިއަން ޓީމުގެ ގޮތުގައި ބިލެއްދޫ ކޮލިފައިވި އެވެ. އެކަމަކު އެހާ ހިސާބުން އެ މުބާރާތް ހުއްޓުނީ އެވެ.

ނިމިގެން މިދިޔަ 2025 ގައި، ބީޗް ވޮލީގެ މުބާރާތެއް ވެސް މިއަދު ފެށި މުބާރާތުގެ ފޯމެޓަށް ބާއްވަން ވީއޭއެމުން އިއުލާން ކުރި އެވެ. އެކަމަކު އެ މުބާރާތް ބޭއްވުން ފަސް ކުރި ގޮތަށް މިހާރު އޮތީ ހުއްޓިފަ އެވެ.  

ވީއޭއެމުން މި ފަހަރު ފެށި މުބާރާތް ހާއްސަކޮށްފައި ވަނީ އަންހެން ޑިވިޝަނަށް އެކަންޏެވެ. މުބާރާތުގައި އަށް ޓީމަކުން ވާދަކުރެ އެވެ. އެ އަށް ޓީމު ވަނީ ދެ ޕޫލަކަށް ބަހާލަފަ އެވެ. 

އައްޑު އާއި މާފުށީގެ މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އައްޑު އާއި މާފުށީގެ މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފުރަތަމަ ފަހަރަށް ބާއްވާ ރާއްޖެ ސުޕަ ލީގުގައި ވާދަކުރާ ޓީމު

ޕޫލް - 1

- ލ. ގަން

- ށ. ފުނަދޫ 

- ކ. މާފުށި

- އައްޑޫ

ޕޫލް - 2

- ލ. މާބައިދޫ

- ކ. ހުރާ

- ދ. މާއެނބޫދޫ

- މާލެ

ޕޫލް އެކެއްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އައްޑޫގެ މައްޗަށް މާފުށިން ކާމިޔާބު ހޯދީ 3-1 ސެޓުންނެވެ. 

ފުރަތަމަ ސެޓް މާފުށިން 25-19 އިން ކާމިޔާބު ކުރި އެވެ. ދެވަނަ ސެޓް އައްޑޫން ގެންދިޔައީ 25-21 ންނެވެ. އެކަމަކު ދެން އިތުރު ފުރުސަތެއް އައްޑުއަށް، މާފުށިން ނުދިނެވެ. އަނެއް ދެ ސެޓްގެ ތެރެއިން މެޗުގެ ތިންވަނަ ސެޓް މާފުށިން ކާމިޔާބު ކުރީ 25-7 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފަހު ސެޓް 25-23 އިންނެވެ.