ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) އާއި ކާށިދޫގެ ކޯޗު އަލީ ހައިސަމް (ޗުމްޕު) ނުލައި ދެ ޓީމު ވެސް މިރޭ މުބާރާތް ފެށުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗަށް ތައްޔާރު ވެއްޖެ އެވެ.
އިޝާންއަކީ ބ. އޭދަފުށި 2024 ގައި އެ މުބާރާތް ކާމިޔާބު ކުރިއިރު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ހައިސަމް ވަނީ މި މުބާރާތް އެންމެ ފުރަތަމަ 2015 ގައި ބޭއްވިއިރު، އޭނާގެ އުފަން ރަށް ބ. ހިތާދޫއާ އެކު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެ ކާމިޔާބު ކޮށްދީފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރު މުޅި ރާއްޖެ ސިއްސުވާލާފައި ކ. ކާށިދު އަށް ޗެމްޕިއަންކަން ހޯދައި ދިނުމުގައި ވެސް ހައިސަމްގެ ހިއްސާ ބޮޑެވެ.
އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން އޭދަފުއްޓާއި ކާށިދޫ ބައްދަލުކުރާ މެޗު ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ފަށާނީ މިރޭ 8:15 ގަ އެވެ.
ހައިސަމްގެ ބަދަލުގައި ކާށިދު އަށް މި އަހަރު ކޯޗު ކޮށްދޭނީ ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބްގެ ކޯޗިން ޓީމުގައި ހިމެނޭ އަހުމަދު ފައްރާހް (ފައްރަ) އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖު މި އަހަރު ކުރިމަތިލީ، ގައުމީ ފުޓްސަލް ޓީމު ސަރަހައްދީ މުބާރާތަކަށް ތައްޔާރުވަމުން ގެންދަނިކޮށެވެ. މިއާ އެކު، އިޝާން އާއި ހައިސަމްގެ އިތުރުން ވެސް ގިނަ ކުޅުންތެރިންތަކެއް މި އަހަރުގެ ގޯލްޑަން މުބާރާތުން ނުފެންނާނެ އެވެ.
ޗައިނާގައި މިވަގުތު ތަމްރީނު ހަދަމުން އަންނަ ކުޅުންތެރިން ތައްޔާރުވަނީ މި މަހު 13 އިން 26 އަށް ތައިލެންޑުގައި މުޅިން އަލަށް މި އަހަރު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށެވެ.
ގައުމީ ފުޓްސަލް ޓީމު އެކު ސެލެކްޝަން މިދިޔަ މަހު ފެށީ 40 ކުޅުންތެރިންނާ އެކު އެވެ. އަދި އުޒްބަކިސްތާންގެ ކޯޗު ފާރޫކް ޒަކިރޯވްގެ ބެލުމުގެ ދަށުން އެކި މަރުހަލާތަކުގެ މަތިން ސްކޮޑް ކޮށްގެން ތަމްރީނު ކޭމްޕަށް ގެންދިޔައީ 17 ކުޅުންތެރިންނެވެ. މި ކުޅުންތެރިންގެ ތެރެއިން މުބާރާތަށް ގެންދާ ގައުމީ ސްކޮޑަށް ނަގާނީ 14 ކުޅުންތެރިންނެވެ.
މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދި ހައިސަމް ގައުމީ ޓީމުގައި ހިމެނެނީ ކުޅުންތެރިއެއްގެ ގޮތުންނެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މުހައްމަދު ފާސިރު (ފާއްޓޭ) އަޔާޒް އަހުމަދު (އަޔާ) އަލީ ހާފިޒު (ހާއްޕެ) ސާމިން މުހައްމަދު ނަސީރު އަދި އަބްދުﷲ ނާސިހު 17 ކުޅުންތެރިންގެ ތެރޭގައި ނުހިމެނޭ އިރު، އަލީ ހާފިޒު އަންނަނީ އޭޝިއަން ކަޕް ކޮލިފައިންގައި ލިބުނު އަނިޔާ އަށް ފަރުވާ ހޯދަމުންނެވެ. ފާސިރާއި އަޔާޒް އަންނަނީ ދިވެހި ޕްރިމިއާ ލީގުގައި ކުޅެމުންނެވެ. ދިވެހި ޕްރިމިއާ ލީގުގެ ބުރު ސްޕޯޓްސް ކްލަބުން ވަނީ ލ. ގަމުގެ އަބްދުﷲ ޖުނެއިދު (ޖޭންނޭ) އަށް ގައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކަށް ރިލީޒް ދީފަ އެވެ.
ގައުމީ ޓީމާ އެކު ތަމްރީނުކުރާ 17 ކުޅުންތެރިން:
- މުހައްމަދު ލުފްސާން (ޕަފް) / ގޯލްކީޕަރު: ލ. ގަން
- އިބްރާހިމް ނާޖިހު (ހޭޓް) / ގޯލްކީޕަރު: ލ. ގަން
- ޒައިދާން އަހުމަދު (އަސޫ) / ގޯލްކީޕަރު: ގދ. ވާދޫ
- މުހައްމަދު އިމްރާން (އިންމި): ގއ. ދެއްވަދޫ
- އިޝާން އިބްރާހިމް (ސައްޓު): ބ. އޭދަފުށި
- އަލީ ޝިޔާހު (ޝިޔާ): ވިލިނގިލި، މާލެ
- އަލީ ޝަމާލް އަބްދުﷲ (ޝަންމު): ދޫނޑިގަން، ފުވައްމުލައް
- އަހުމަދު ރާހިލް ރަޝީދު (ރާއްކޮ): ގއ. ދެއްވަދޫ
- ހުސެއިން ސުހެއިލް (ސޮކޭ): މާފަންނު، މާލެ
- ހުޒެއިފަތު ރަޝީދު (ހުޒޭ): ގއ. ދެއްވަދޫ
- އިސްމާއިލް ވަޖީހު (ވައްޖެ): ވިލިނގިލި، މާލެ
- މުހައްމަދު އިސާމް (ޝަންޓެ): ރ. ދުވާފަރު
- އަބްދުﷲ ޖުނެއިދު (ޖޭންނޭ): ލ. ގަން / ބުރު ސްޕޯޓްސް ކްލަބް
- އަބްދުﷲ ޝާފިއު (ޝާއްޕެ): ހދ. ނައިވާދޫ
- ހުސެއިން ޝަރީފް (އޮންލީ): ލ. ގަން
- އަލީ ހައިސަމް (ޗުމްޕު): [މިދިޔަ ދެ އަހަރު ގޯލްޑަންގައި ކޯޗެއް]
- އަހުމަދު ހަމީދު (އަންމަޑޭ): ހދ. ނައިވާދޫ
ކޯޗިން ސްޓާފުން:
- ހެޑް ކޯޗު ފާރޫކް ޒަކިރޯވް
- އަހުމަދު ނިޔާޒް: މާފަންނު
- މުހައްމަދު ފުހެއިދު (ޓޯޑް): މާފަންނު
- އަހުމަދު އަހުސަން (ބަރޯ)
- މެޑިކް ޝަރަފުއްދީން (ޝަރަފް)