މެލޭޝިއާގެ ޕުތުރަޖާޔާގައި ބޭއްވި ސުޕަ ކިޑްސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ރޭހުން ރާއްޖޭގެ ހަސަން ޔުއާބު އިއްސާގް ދެވަނަ ހޯދައިފި އެވެ.

ނަސީރު ސްޕޯޓްސް އެކަޑަމީގައި ތަމްރީނު ހަދަމުން އަންނަ ޔުއާބު ރޭސް ނިންމީ 11.697 ސިކުންތުންނެވެ.

އެ ރޭހުން އެއްވަނަ ހޯދި އައިދިން ހައިޒިރިއަލް ބިން އިޝާމުއްދީން ރޭސް ނިންމީ 11.345 ސިކުންތުންނެވެ. ތިންވަނަ ހޯދި މުހައްމަދު އަމަރު އަމާން ނަޒްރާން ބިން މުހައްމަދު އަޒްދީން ރޭސް ނިންމީ 11.74 ސިކުންތުންނެވެ.

ޔުއާބުގެ ކޯޗު ނަސީރު ހާއްސަވީ މެދުރާސްތާ ދުވުމުގެ ރޭސްތަކަށެވެ. ބައިނަލްއަގްވާނީ މުބާރާތްތަކުގައި ވެސް އޭނާ ދުވުނީ އެ ކެޓަގަރީގެ އިވެންޓްތަކުގަ އެވެ.

ނަސީރު އާއި ޔުއާބު
ނަސީރު އާއި ޔުއާބު

އެކަމަކު އޭނާގެ ބެލުމުގެދަށުން ސްޕްރިންޓަށް ޔުއާބު ނެރުނީ ކީއްވެހެއްޔެވެ. މެދުރާސްތާ ދުވުންތަކަށް ހާއްސަވުމަށް ޔުއާބު އަށް ނަސީރު އިރުޝާދު ނުދިނީ ކީއްވެ ހެއްޔެވެ.

ނަސީރު ބުނީ އޭނާ އަށް އެންމެ ފުރަތަމަ ޔުއާބު ތައާރަފްވީ އިންޓަ ސްކޫލް އެތުލެޓިކްސް މުބާރާތަށް ތައްޔާރުވާން ޣިޔާސުއްދީން ސްކޫލްގެ ޕްރެކްޓިހަށް އައި އިރު ކަމަށެވެ. އޭރު ޔުއާބުއަކީ ފުޓްބޯޅަ ވެސް ކުޅޭ އެތުލީޓެކެވެ.

ނަސީރު ބުނީ ޔުއާބުގެ ފިޒީކަށް ބެލުމުން ސްޕްރިންޓް ރޭސްތަކުގައި ކުރިއަށް ދެވިދާނެކަމަށް ގަބޫލު ކުރެވުނު ކަމަށެވެ.

"ގައުމީ މުބާރާތާއި އެސޯސިއޭޝަން ކަޕްގައި ވެސް އެ އުމުރުގައި ވެސް ވަރަށް ބޮޑު ކުރިއެރުމެއް ހޯދި. [ހަސަން] ސާއިދުމެންނާ އެކު 100 މީޓާގެ ފައިނަލުގައި ދުވެ ހަތަރުވަނަ ހޯދުމަކީ ޔުއާބުގެ އުމުރަށް ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް." އުމުރުން 16 އަހަރުގެ ޔުއާބުއާ ބެހޭގޮތުން ނަސީރު ހިތްހަމަޖެހުމާ އެކު ވާހަކަ ދެއްކި އެވެ.

ސީ ގޭމްސްގައި މެޑަލް ހޯދި ދާނިޝް (ވ) އާ އެކު ނަސީރު އެކަޑަމީގެ ބައެއް ދުވުންތެރިން
ސީ ގޭމްސްގައި މެޑަލް ހޯދި ދާނިޝް (ވ) އާ އެކު ނަސީރު އެކަޑަމީގެ ބައެއް ދުވުންތެރިން

އޭނާ ބުނިގޮތުގައި ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން އެންމެ ބޮޑު އިސްކަމެއް ދެނީ ވެސް ސްޕްރިޓާއި މެދުރާސްތާ އިވެންޓްތަކުގެ ދުވުންތެރިންނަށެވެ. އެހެންވެ ޔުއާބު އަށް ސްޕްރިންޓުން ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ނަސީރު ދެކެ އެވެ.

ނަސީރު އެކަޑަމީގެ އެހެން ބައެއް ދުވުންތެރިން ވެސް މިހާރު ތިބީ މެލޭޝިއާގެ ޓްރޭނިން ކޭމްޕެއްގަ އެވެ. އެ ކޭމްޕް ކުރިއަށްދަނީ އެ ގައުމުގެ ޕެރަކް ސިޓީގައި ހުންނަ އުޕްސީ ޔުނިވަސިޓީގެ ޓްރޭނިން ސެންޓަރުގަ އެވެ.

ނަސީރު ބުނީ މި މަހު ތައިލެންޑްގައި ބޭއްވި ސައުތު އީސްޓް އޭޝިއަން ގޭމްސްގެ 100 މީޓަރު ރޭހުން ލޯ މެޑަލް ހޯދި މެލޭޝިއާގެ 18 އަހަރުގެ އެތުލީޓް ދާނިޝް އިފްތިހާރު މުހައްމަދު ރުސްލީއާ އެކު ތަމްރީނު ހެދުމުގެ ފުރުސަތު ޔުއާބު އާއި އެ ދަތުރުގައި ބައިވެރިވި އޭނާގެ އެކަޑަމީގެ އެހެން ކުދިންނަށް ލިބުނު ކަމަށެވެ. އަދި ދާނިޝްގެ ކޯޗު ވެސް ނަސީރުގެ އެކަޑަމީގެ އެތުލީޓުންނަށް ކޯޗިން ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

"އިޕްސީ ޔުނިވަސިޓީގައި ތަމްރީނު ހަދާތާ މިހާރު މިއީ ހަތަރުވަނަ ދުވަސް. ސީ ގޭމްސްގައި 100 މީޓަރުން ލޯ މެޑަލް ހޯދި އެތުލީޓާއި އަދި އޭނާގެ ކޯޗާ އެކު ތަމްރީނު ހެދުމުގެ ފުރުސަތު އަޅުގަނޑުމެންގެ އެކަޑަމީގެ ކުދިންނަށް މިވަނީ ލިބިފަ،" ނަސީރު ބުންޏެވެ.