ސްރީ ލަންކާގައި މިއަހަރު ބާއްވަން ފެށި ސައުތު އޭޝިއަން ސުޕަ ކަޕް އަންނަ އަހަރު ވެސް ބާއްވާނެ ކަމަށާއި، އަދި ފުރަތަމަ މުބާރާތުގެ ޗެމްޕިއަން ދިވެހިރާއްޖެ މި މުބާރާތުގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

"ލަންކާ އާއި ދިވެހިރާއްޖެ ކުޅޭނެ. ދެން އިތުރު ގައުމަކާއެކު ސުޕަ ކަޕް ކުޅެން ރާވާފައިވާނީ. ފަހަރުގައި އިތުރު ގައުމަކާއެކު ހަތަރު ގައުމުގެ މުބާރާތަކަށް ވެސް ވެދާނެ. މުބާރާތް ކުޅޭނީ ލަންކާގައި،" ލަންކާ އެސޯސިއޭޝަންގެ ރައީސް ޖަސްވަރު އުމަރާ ހަވާލާދީ ޕީއެސްއެމް އިން ހާމަކޮށްފައިވެ އެވެ.

މި އަހަރު ހަތަރު ގައުމުގެ މެދުގައި ބާއްވާ ގޮތަށް ހަމަޖެހުނު މި މުބާރާތް ފަށަން ތައްޔާރުވީ ބޫޓާނޭވެސް އެކު އެވެ. ނަމަވެސް ބޫޓާން ޓީމަށް ދަތުރު ނުކުރެވުމުގެ ސަބަބުން ތަށި ދިނީ ލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު ދެ މެޗު ކުޅެގެން އެގްރިގޭޓް ނަތީޖާއަށް ބަލައިގެންނެވެ.

ލަންކާގައި ކުޅުނު ފުރަތަމަ މެޗުން 3-0 އިން ރާއްޖެ މޮޅުވި އިރު ދެވަނަ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މިއާއެކު ރާއްޖެ ސުޕަ ކަޕް ކާމިޔާބު ކުރީ 4-1ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ލަންކާގައި ސުޕަ ކަޕް ބާއްވާކަން ހާމަ ކޮށްފައި ވަނީ، އަންނަ އަހަރު ލަންކާ އަށް މަދުވެގެން ބައިނަލްއަގުވާމީ 12 މެޗު ކުޅުމަށް ހަމަޖެހިފައި ވާކަން ހާމަކުރަމުންނެވެ.

ރާއްޖޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލަށް ކޯޗު ކޮށްދިން އަބްދުﷲ އަލް މުތައިރީ ސްރީލަންކާގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭނާ ބުނީ ލަންކާ ޓީމު މަސައްކަތް ކުރަމުން ގެންދަނީ އަންނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރަން ކަމަށެވެ.