ނޭޕާލްގައި އަންނަ މަހު ބާއްވާ މުބާރާތައް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމުން، ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ލަންކާގެ ޔުނިވަސިޓީގެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފި އެވެ.

ނޭޕާލުގައި އަންނަ މަހު ބާއްވާ ޓައިގާ ކަޕް އިންވިޓޭޝަނަލް ކްލަބް މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު ބައިވެރިކުރުމަށް، ވީއޭއެމުން ވަނީ ނިންމައިފަ އެވެ.

ހަތް ޓީމަކުން ވާދަކުރާ އެ މުބާރާތުގައި ދެން ވާދަކުރަނީ ނޭޕާލްގެ ޕޮލިސް ކްލަބާއި، އާމީ ކްލަބް، އާމްޑް ޕޮލިސް ފޯސް ކްލަބް، ނޭޕާލްގެ ގަންޑަކީ ޕްރޮވިންސްގެ ވޮލީ ޓީމު އަދި އެ ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ޕަރަބަތުގެ ވޮލީ ޓީމުގެ ގެ އިތުރުން އިންޑިއާގެ ގުޖްރާތުގެ ޓީމެކެވެ.

އިރާންގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ފަރްހާދު ނަޒާރީ އަފްޝަރުގެ ކޯޗުކަމުގެދަށުން މުބާރާތަށް ތައްޔާރުވަމުން އަންނަ ޓީމުން، ރޭ ވަނީ ލަންކާގެ ކެލަނިޔާ ޔުނިވަސިޓީގެ ވޮލީ ޓީމާ އެކު ޓްރޭނިން މެޗެއް ކުޅެފަ އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުޅުނު މެޗު ދިވެހި ޓީމުން ކާމިޔާބު ކުރީ 3-2 ސެޓުންނެވެ.