އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސްއާ ގުޅިގެން ދެފަޅި ވެފައިވާ ވެލެންސިއާގެ ބޯޑުން ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، ބޯޑުގެ ޗެއާމަން އަބްދުﷲ އަޒްމީނާއި އެހެން މެމްބަރެއްގެ މައްޗަށް އިތުބާރު ނެތްކަމަށް ރޭ ފާސްކޮށްފި އެވެ.
އެފްއޭއެމް ހައުސްގައި ބޭއްވި ވެލެންސިއާގެ ހިންގާ ކޮމިޓީގެ އެ ބައްދަލުވުން އޮބްޒާވް ކުރައްވަން އެ ކްލަބުން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލަށް ދައުވަތު ދިން ނަމަވެސް އެ ބައްދަލުވުމަށް އޭނާ ވަޑައިނުގަންނަވަ އެވެ.
ކޮމިޝަނަރު ވަނީ ވެލެންސިއާގެ ސައްހަ ހިންގާ ކޮމިޓީއަކީ، މިދިޔަ މަހުގެ 11 ވަނަ ދުވަހު އިންތިހާބުކޮށް، އެ މަހުގެ 26 ވަނަ ދުވަހު ކޮމިޝަންގައި ރަޖިސްޓަރީ ވި މެމްބަރުން ހިމެނޭ ކޮމިޓީ ކަމަށް ނިންމަވައިފަ އެވެ.
އެ ކޮމިޓީގައި ހިމެނެނިވަޑައިގަންނަވަނީ ޗެއާމަން އަބްދުﷲ އަޒްމީނާއި ނައިބު ޗެއާމަން އިލްމާއު ހުސެއިން އިބްރާޙިމް (މައު) އާއި ޑިރެކްޓަ އޮފް ފައިނޭންސް ހަސަން ވަހީދު (ދޮނާ) އަދި މެމްބަރުން ކަމަށްވާ ޔޫސުފް ރަމީޒާއި އަލީ މަމްދޫހާއި މިސްބާހު މުހައްމަދާއި މުހައްމަދު ރާފިއު އާއި އިސްމާއިލް އާސިފް (ކުޑަ ހީނާ) އެވެ.
ރޭގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ ނައިބު ޗެއާމަން އިލްމާއު އެވެ. އޭނާގެ އިތުރުން ބައިވެރިވީ ހަސަން ވަހީދާއި މަމްދޫހާއި އަމީޒް އަދި މިސްބާހެވެ. އެ ފަސް މެމްބަރުން ވެސް ވަނީ ވޯޓުގައި ބައިވެރިވެ، ކްލަބްގެ ޗެއާމަން އަޒްމީންގެ އިތުރުން މެމްބަރު ރާފިއު ވަކިކުރަން ތާއީދު ކުރައްވައިފަ އެވެ.
އެ ފަސް މެމްބަރުންގެ ބައްދަލުވުމެއް މިދިޔަ މަހު ބާއްވައި އަޒްމީންގެ އިތުބާރު ނެތްކަމަށް ނިންމި ޔައުމިއްޔާ، އެ ކްލަބުން ސްޕޯޓްސް ކޮމިޝަނަށް ފޮނުވި އެވެ. އެކަމަކު، ނިންމުން ކްލަބްގެ އަސާސީ ގަވާއިދުގެ އިޖުރާއުތަކާ ހިލާފު ކަމަށް ޝައްކު އުފެދޭ ކަންކަން ހުރި ކަމަށް ބުނެ، ކޮމިޝަނުން ވަނީ އެ ޔައުމިއްޔާ ބަލައިގަންނަން ދެކޮޅު ހަދައިފަ އެވެ.
ސްޕޯޓްސް ކޮމިޝަނަރަށް ދައުވަތު ދީގެން ރޭގެ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ވެސް އެ ޝައްކު ފިލުވައިލުން ކަމަށް ކުރިން ބުނެފައި ވެ އެވެ.
ވެލެންސިއާގެ ބޯޑުގެ މަސްލަހަތު ގެއްލުނީ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާ އަހުމަދު ތޯރިގް (ޓޮމް) އާއި މުފާވިޒް ހާޝިމް (މުފާ) އަށް ވެސް އެ ކްލަބްގެ ތާއީދު ސިޓީ ދީފައި ވާތީ އެވެ. އެއާ އެކު، ކްލަބްގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ.
އެ މައްސަލައިގައި ވެލެންސިއާ އިން އެފްއޭއެމް އިންތިހާބުގައި ކެންޑިޑޭޓުންނަށް ކުރި ތާއީދުގެ އިތުރުން ތޯރިގުގެ ކެންޑިޑެސީ ވެސް ވަނީ ބާތިލް ވެފަ އެވެ.
ތޯރިގަށް ވެލެންސިއާގެ ތާއީދު ސިޓީ ދިނީ ޗެއާމަން އަޒްމީން ސޮއިކުރައްވާފައިވާ ބޯޑު ރިޒޮލިއުޝަނަކުންނެވެ. މުފާވިޒަށް ތާއީދު ކޮށްފައި ވަނީ ނައިބު ޗެއާމަން އިލްމާއު ސޮއިކުރެއްވި ރިޒޮލިއުޝަނަކުންނެވެ.