ވޯލްޑް ކަޕް ފައިނަލްގައި ސްޕެއިން ހޯދި ކާމިޔާބީއަށް އިރާނުގެ ސަރުކާރުގެ އިސް އޮފިޝަލުން މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ސިފަ ކުރެއްވިގޮތުގައި ސްޕެއިންގެ މޮޅުވުމަކީ އެމެރިކާ އާއި އިޒްރޭލާ ދެކޮޅު ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އުފާވެރިކަން ގެނެސްދިން ކަމެކެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި، ގައްޒާގައި އިޒްރޭލުން ހިންގާ ގަތުލުއާންމާއި އިރާނަށް ދެމުންދާ ހަމަލާތަކަށް ސްޕެއިން ސަރުކާރުން ފާޑުކިޔާފައިވުމަކީ އެ ގައުމުގެ ގައުމީ ޓީމަށް ވެސް ގިނަ ބައެއްގެ ސަޕޯޓް ލިބުނު ސަބަބެކެވެ.
މީގެ އިތުރުން އިޒްރޭލުގެ ސިޔާސީ ބޭފުޅުންނާއި ސަޕޯޓަރުން މި މެޗުގައި ތާއީދުކުރީ އާޖެންޓީނާއަށެވެ. އިޒްރޭލްގެ ވެރިޔާ ބެންޖަމިން ނަތަންޔޫހޫ، ފައިނަލް މެޗުގެ ކުރިން ބުނެފައި ވަނީ ފައިނަލު މެޗުގައި ވެސް އޭނާ ތާއީދު ކުރަނީ އާޖެންޓީނާ އަށް ކަމަށެވެ.
އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއި އަކީ އިޒްރޭލުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އޭނާ ފާހަގަ ކުރެވިފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫއާ ގާތްގުޅުމެއް ބާއްވަވާ ބޭފުޅެއްގެ ގޮތުގަ އެވެ.
އާޖެންޓީނާއަކީ ޒަމާނުންސުރެ، ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދޭން ދެކޮޅު ހަދާ ގައުމެކެވެ.
އިރާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ ސްޕެއިންގެ ކުޅުންތެރިންނަކީ ވެސް ފަލަސްތީނުގެ ހައްގުގައި ވެސް މަސައްކަތް ކުރާ ކުޅުންތެރިންތަކެއް ކަމަށެވެ.
"ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ކުޅުންތެރިން ކުރި މަސައްކަތާއި އިރާނަށް ސްޕެއިންއިން ދިން ތާއީދުން އެނގެނީ މިނިވަންކަމާއި ސާބިތުކަމަކީ އެ ވިސްނުންތޫނު އަދި އިހުތިރާމް ލިބިގެންވާ ގައުމުގެ ސިފަތަކެއްކަން،" އިރާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްޕެއިންގެ މި ކާމިޔާބީގެ ސަބަބުން ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި އިންސާފަށް ލޯބިކުރާ މީހުންގެ ހިތްތަކަށް އުފާވެރިކަން ލިބިގެންދިޔަ ކަމަށެވެ.
"ސްޕެއިންގެ ރައްޔިތުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމުގެ އިތުރުން، ދުނިޔޭގެ މިނިވަން މުސްތަގިއްލު އަދި އިންސާފަށް ލޯބިކުރާ އެތައް ގައުމުތަކެއްގެ ހިތްތަކަށް ވެސް އުފާވެރިކަން ލިބިގެންދިޔަ،"
އިރާނުގެ ފޮރިން މިނސްޓްރީގެ ތަރުޖަމާނު އެސްމާއިލް ބަގާއީ ވެސް ވަނީ ސްޕެއިންގެ ނިންމުންތަކަށް ތައުރީފުކުރައްވާ ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވިގޮތުގައި އަނިޔާވެރިކަމާ ދެކޮޅަށް ސްޕެއިންއަކީ ހިތްވަރު ދައްކާފައިވާ ގައުމކެވެ.
"ފާއިތުވި މަސްތަކުގައި އަނިޔާވެރިކަމާއި ގަތުލުއާންމާއި އަދި ފިއްތުންތަކާ ދެކޮޅަށް ސްޕެއިންގެ ގައުމީ ޓީމާއި ސްޕެއިންއިން ޖުމްލަގޮތެއްގައި ގެންގުޅުނު ސިޔާސަތަކީ ވަރަށް އަގުހުރި ސިޔާސަތުތަކެއް،" ސްޕެއިންގެ ކާމިޔާބަށް މަރްހަބާ ވިދާޅުވެ، އެސްމާއިލް ބަގާއީ ނެރުއްވި ބަޔާނުގައި ވެއެވެ.
ސްޕެއިނުން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރީ، ރާއްޖޭ ގަޑިން އާދިއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު 120 މިނެޓަށް ކުޅެ 1-0 ން އާޖެންޓީނާ ބަލިކުރުމަށް ފަހު އެވެ.