އުމުރުގެ ފަހުކޮޅުގައި ވެސް އޯޓިޒަމްގެ އަސަރު ކުޑަކޮށްދެވިދާނެ ފަދަ ފަރުވާއެއް އުފެއްދުމުގެ އުއްމީދު އާވާ ފަދަ ހޯދުމެއް ދެކުނު ކޮރެއާގެ ސައިންސްވެރިން ދެނެގެންފި އެވެ.

ދެކުނު ކޮރެއާގެ އިންސްޓިޓިއުޓް އޮފް ބޭސިކް ސައިންސްގެ ސައިންސްވެރިންގެ ޓީމަކުން މީދާ ބޭނުންކޮށްގެން ކުރި ދިރާސާއަކުން ހޯދި ފަރުވާއެއް، އޯޓިޒަމްގެ މައްސަލަ ހުންނަ އުމުރުން ދުވަސްވީ މީދަލަށް ދިނުމުން އެ މީދަލަށް އެދެވޭ ހެޔޮ ބަދަލުތަކެއް އައިކަން ވަނީ ކަށަވަރުކުރެވިފަ އެވެ. އަދި އިންސާނުންގެ ސިކުނޑިއަށް ވެސް ހަމަ އެގޮތަށް ފައިދާ ކުރާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

"ސައިންސް ޑެއިލީ" ގައި ބުނެފައިވާ ގޮތުގައި ދެކުނު ކޮރެއާގެ ސައިންސްވެރިން ހޯދި ހޯދުމުން އެނގުނު ގޮތުގައި، ސިކުނޑީގައިވާ "އެންއެމްޑީއޭ" ނަމަކަށް ކިޔާ ޓްރާންސްޕޯޓާއެއްގެ ހަރަކާތް ކުޑަކުރުމުން، "އެންއެމްޑީއޭއާރް" (ސިގްނަލް ލިއްބައިދޭން ސިކުނޑީގައި ހުންނަ ނިޒާމެއް) ގެ މަސައްކަތަށް ކުރިމަތިވާ ހީނަރުކަން ކުޑަވެ، އަލުން އޭގެ މަސައްކަތް ހިނގާގަތުމަށް މަގުފަހިވެ އެވެ.

އެންއެމްޑީއޭއަކީ ދަސްކުރުމުގެ ބާރާއި ހަނދާން ބެހެއްޓުން ފަދަ ކޮގްނިޓިވް (ވިސްނުންތެރިކަމުގެ) މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރާ ބަޔެކެވެ.

އޯޓިޒަމާއި ސްކިޒޮފްރީނިއާ ފަދަ ބަލިތަކަށް ފަރުވާކުރުމަށް ސައިންސްވެރިން މީގެ ކުރިން ކުރި މަސައްކަތްތަކުގައި ވެސް އެންއެމްޑީއޭ ޓްރާންސްޕޯޓާގެ ހަރަކާތް މަދުކުރުމުން އެދެވޭ ނަތީޖާ ނުކުންނަކަން ހޯދިފައިވެ އެވެ. ނަމަވެސް، އޭރު އެ ޓްރާންސްޕޯޓާގެ ހަރަކާތް މަދުކުރުމަށް ކުރި ކަމަކީ "ގްލަޓެމޭޓް" އަދި "ގްލީސިން" ނަމަކަށް ކިޔާ މާއްދާތައް މަދުކުރުމަށްޓަކައި "ގްލައި ޓީ1" (GlyT1) ނަމަކަށް ކިޔާ ޓްރާންސްޕޯޓާއެއްގެ ހަރަކާތް ދަށްކުރުމެވެ. ގްލައި ޓީ1 އަކީ ގްލީސިން ރެގިއުލޭޓްކޮށްދޭ ޓްރާންސްޕޯޓާ ކަމަށްވާއިރު، އެއީ ސިކުނޑީގެ ވަރަށް މުހިންމު އެހެން މަސައްކަތްތަކަށް ބޭނުންވާ މާއްދާއެކެވެ.

އެގޮތަށް ކަންތައް ކުރުމުން މީހާ ނޭވާލުމާއި ހަރަކާތްކުރުން ފަދަ ޒަރޫރީ ކަންކަމަށް ހުރަސްއެޅޭގޮތް ވެ އެވެ. އެހެންކަމުން އެއީ ފައިދާއަށްވުރެ ގެއްލުން ބޮޑު ގޮތެކެވެ.

އެންއެމްޑީއޭގެ ހަރަކާތް މަދުކުރުމަށް ދެކުނު ކޮރެއާގެ ސައިންސްވެރިން މިފަހަރު ބޭނުންކުރީ މުޅިން ތަފާތު ގޮތެކެވެ. އެމީހުން ހުއްޓުވީ ސިކުނޑީގެ މުހިންމު އެހެން މަސައްކަތްތަކާ ނުގުޅޭ، އަދި އެހެން ޓްރާންސްޕޯޓާއަކަށް އަސަރެއް ނުކުރާ ގޮތަށް ވަކިން ހުންނަ "SLC6A20a" ނަމަކަށް ކިޔާ ޓްރާންސްޕޯޓާއެކެވެ.

ދެކުނު ކޮރެއާގެ ސައިންސްވެރިން ތައާރަފްކުރި މި ފަރުވާއިން، އޯޓިޒަމްގެ އަސަރުހުރި މީދަލުގެ ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކޮށްދިން ކަމަށް ސައިންސް ޑެއިލީގައި ބުނެފައިވެ އެވެ. އެގޮތުން، އިޖުތިމާއީ ގުޅުންތަކަށް ކުރިމަތިވާ އުނދަގޫތަކަށް ވެސް މި ފަރުވާއިން ހައްލު ލިބުނެވެ.

މި ދިރާސާއިން ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ، އުމުރުން ދުވަސްވެ ސިކުނޑީގެ ހެދިބޮޑުވުން ނިމިފައިވާ މީދަލަށް ވެސް މި ފަރުވާއިން ހެޔޮއަސަރު ކުރުމެވެ. މީގެ މާނައަކީ މި ފަރުވާ ފުރިހަމައަށް ތަރައްގީވުމުން، އޯޓިޒަމްގެ އަސަރުތަކާ އެކު ބޮޑެތިވެފައި ތިބޭ އިންސާނުންނަށް ވެސް ފަރުވާ ކުރެވޭނެ މަގު ތަނަވަސްވެގެން ދިއުމެވެ.

ސައިންސްވެރިން ވަނީ މީދަލުގެ ސިކުނޑިއަށް ކުރި ފަދަ ހެޔޮ އަސަރުތަކެއް އިންސާނުންގެ ސިކުނޑީގެ "އޯގަނޮއިޑްސް" އަށް ވެސް ކުރާކަން ކަށަވަރުކޮށްފަ އެވެ.

މި ފަރުވާ ދޭތާ މަދުވެގެން އަށް ހަފުތާ ވަންދެން އެދެވޭ އަސަރުތައް ދެމިހުންނަކަން ކަށަވަރުކުރެވިފައިވާތީ، މިއީ އޯޓިޒަމަށް ފަރުވާ ބޭނުންވާ އެތައް މިލިއަން ބަޔަކަށް ލިބިގެންދިޔަ ބޮޑު އުއްމީދެކެވެ.