އަންނަ އަހަރުގެ ފެބްރުއަރީ މަހު ޕާކިސްތާނުގައި ބާއްވަން ތާވަލުކޮށްފައިވާ ސައުތު އޭޝިއަން ގޭމްސް އެ ގައުމުގައި ނުބޭއްވިދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިއީ 2022 ވަނަ އަހަރު ބާއްވަން ކަނޑައެޅި މުބާރާތެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ފަސްކުރަމުން ގޮސް އެންމެ ފަހުން އަންނަ ފެބްރުއަރީ އަށް ފައިނަލްކުރީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ގޭމްސް ނުބޭއްވިދާނެ ކަމުގެ ބިރުކުރިމަތިވީ ކަނޑައެޅި ބަޖެޓަށް އެ ގައުމުގެ އިންޓަ ޕްރޮވިންޝަނަލް ކޮމިޓީން ރުހުން ނުދޭތީ އެވެ.

ޕާކިސްތާން ސަރުކާރުން މިވަގުތު އަންނަނީ ޕްރޮވިންސްތަކުގެ މެދުގައި ބާއްވާ ގޭމްސް އަންނަ މަހު ބާއްވަން ތައްޔާރުވަމުންނެވެ. އެ ގައުމުގެ މީޑިއާ އިން އަންނަނީ ސައުތު އޭޝިއަން ގޭމްސް އަށް ބަޖެޓް އެލޮކޭޓްކުރުމުގެ ބަދަލުގައި އެތެރޭގެ ގޭމްސްއަކަށް ތައްޔާރުވާތީ ސުވާލު އުފައްދައިފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހު ގޭމްސް އަށް ހުށަހެޅި 400 މިލިއަން ރުޕީސް އަނބުރާ ފޮނުވާލީ ބަޖެޓް އެކުލަވަލާފައިވާ ގޮތާ މެދު ކޮމިޓީން ހިތްހަމަނުޖެހޭތީވެ އެވެ. ކޮމިޓީން ބުނި ގޮތުގައި އަގުތައް ޖަހާފައިވަނީ މަތިކޮށްގެންނެވެ. އަދި ކަންކަމަށް ހިނގާނެ ހަރަދުތައް ސީދާ ޖަހާފައި ނެތުމުގެ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

އެ ބަޖެޓް އަނބުރާ ފޮނުވާލިއިރު ހަގީގަތުގައި އެއީ ބޭނުންވާ ވަރަށް ވުރެ ކުޑަ އަދަދެއް ވެސް މެ އެވެ. އެހެންވެ މަސައްކަތްކުރަމުން އަންނަނީ ޕްރައިވެޓް ސެކްޓަރުން ފައިސާ ހޯދުމަށާއި، ގޭމްސް އޮންނަ ލާހޫރު ނިސްބަތްވާ ޕަންޖާބް ސްޓޭޓް ސަރުކާރުން ފައިސާ ހޯދުމަށެވެ.

ސައުތު އޭޝިއަން ގޭމްސް ތާރީހަކަށް ފަހު ތާރީހެއް ލަސްވަމުންދާތީ ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން ޕާކިސްތާނަށް އަންނަނީ ޕްރެޝަރުކުރަމުންނެވެ. އިތުރަށް ފަސްކޮށްފިނަމަ ގޭމްސް ބޭއްވުމުގެ ފުރުސަތު އެހެން ގައުމަކަށް ދޭނެ ކަމުގެ އިންޒާރު ވެސް ޕާކިސްތާނުގެ އޮލިމްޕިކް އެސޯސިއޭޝަނަށް މިހާރު ދީފައިވާ ކަމަށްވެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި 1984 އިން ފެށިގެން ބާއްވާ މި ގޭމްސް މީގެ ކުރިން ޕާކިސްތާނުގައި ބޭއްވީ 1989 އަދި 2004 ގަ އެވެ. ޕާކިސްތާނަށް މި ފަހަރު ނުބޭއްވިއްޖެ ނަމަ އެ ފުރުސަތު ދޭނީ ސްރީ ލަންކާ އަށެވެ.