ޕާކިސްތާނުގެ ލާހޫރުގައި އަންނަ އަހަރު ބާއްވަން ތާވަލުކޮށްފައި އޮތް ސައުތު އޭޝިއަން ގޭމްސް 2024 ވަނަ އަހަރުގެ މާޗުގެ ނިޔަލަށް ފަސްކުރަން ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން ނިންމައިފި އެވެ.
ކެމްބޯޑިއާގެ ވެރިރަށް ޕުނޮމް ޕެންގައި މި ހަފުތާގައި ބޭއްވި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) ގެ ބައްދަލުވުމުގެ ހަވާސާގައި ބައްދަލުކުރައްވައި އެސްއޭއޯސީގެ މެމްބަރު ގައުމުތަކުން މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ މި އަހަރުގެ އޭޝިއަން ގޭމްސް އަންނަ އަހަރަށް ފަސްވެފައިވުމެވެ.
އަންނަ އަހަރު ސައުތު އޭޝިއަން ގޭމްސް ބާއްވަން ރާވާފައިވާ އޮކްޓޫބަރު/ނޮވެމްބަރުގެ ކުރިއަށް ސެޕްޓެމްބަރު/އޮކްޓޫބަރަށް އޭޝިއަން ގޭމްސް ފަސްކޮށްފައިވާތީވެ، ޖެހިޖެހިގެން ދެ މުބާރާތުގައި ބައިވެރިވުމަކީ މާލީ ގޮތުން އުފުއްލޭނެ ބުރައެއް ނޫން ކަމަށް މެމްބަރު ގައުމުތަކުން ބުންޏެވެ.
ޗައިނާގެ ހަންޒޫގައި މި އަހަރުގެ ސެޕްޓެމްބަރުގައި ބާއްވަން އޮތް އޭޝިއަން ގޭމްސް އަންނަ އަހަރަށް ފަސްކުރީ ކޮވިޑުގެ ސަބަބުންނެވެ.
ޕާކިސްތާނުގެ އޮލިމްޕިކް އެސޯސިއޭޝަނުގެ ސެކްރެޓަރީ ޚާލިދު މެހްމޫދު ހަވާލާދެއްވައި އެ ގައުމުގެ 'ދަ ނިއުސް އިންޓަނޭޝަނަލް' ގައިވާ ގޮތުން 2024 ގެ މާޗުގެ ނިޔަލަށް ގޭމްސް ފަސްކުރީ ހުރިހާ ގައުމެއް އެއްބަސްވެގެންނެވެ. އަދި އާ ތާރީހެއް ކަނޑައެޅުން މެމްބަރުން ވަނީ ޕާކިސްތާނާ ހަވާލުކޮށްފަ އެވެ.
"އަހަރެން ބުނިން އެނބުރި ގޮސް ސަރުކާރާ މަޝްވަރާކޮށްފައި އާ ތާރީހެއް މެމްބަރު ގައުމުތަކާ ހިއްސާކުރާނެ ކަމަށް،" އޭނާއާ ހަވާލާދީ އެ ނޫހުގައިވެ އެވެ.
ސައުތު އޭޝިއަން ފެޑެރޭޝަން ގޭމްސް (ސާފް ގޭމްސް) ގެ ނަމުގައި 1984 ވަނަ އަހަރު ފެށި މި ކުޅިވަރު ހަރަކާތް އެންމެ ފަހުން ބޭއްވީ 2019 ގައި ނޭޕާލުގަ އެވެ. ފަހަކަށް އައިސް މި ގޭމްސް ކަނޑައަޅާ ތާރީހަށް ނުބޭއްވި ފަސްވެ އެވެ.
އެންމެ ފަހުގެ ގޭމްސް އިން ރާއްޖޭން އެއް ރަން މެޑެއްޔާއި ހަތަރު ލޯ މެޑަލް ހޯދި އެވެ. މީގެ ތެރެއިން ރަން މެޑަލް ހޯދައިދިނީ 100 މީޓަރު ދުވުމުން ހަސަން ސާއިދެވެ.