އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ހާއްސަ އިންޝައުރެންސް ޕޮލިސީއެއް ސޮލަރެލް އިންޝުއަރެންސް އިން އިއްޔެ ތައާރަފްކޮށްފި އެވެ.
ހުޅުމާލޭގައި މިހާރު ކުރިއަށް ގެންދާ މޯލްޑިވްސް މެރިން އެކްސްޕޯގައި ތައާރަފްކުރި މި އިންޝުއަރެންސް ޕެކޭޖަކީ، ސޮލަރެލް އިން ބުނި ގޮތުގައި، ވަޑިންނަށް ދިމާވެދާނެ ކުއްލި ހާލަތަކުން ރައްކާތެރިކޮށްދިނުމަށް ދެވޭ ހިދުމަތެެކެވެ. އެގޮތުން، މަސައްކަތް ފަށާ ދުވަހުން ފެށިގެން އޮޑި ފުންކޮށް، ވެރި ފަރާތާ ހަވާލުކުރުމާ ހަމައަށް، މަސައްކަތުގައި ބޭނުންކުރާ ސާމާނާއި އޮޑި އަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭނެ ކަމަށް ސޮލަރެލް އިން ބުންޏެވެ.
"މާވަޑިޔާ" ޕެކޭޖުން ބަދަލު ދެވޭނީ:
- އޮޑި ބަނުމުގަ އާއި ފުންކުރުމުގައި ލިބޭ ކުދި އަދި ބޮޑެތި ގެއްލުންތައް
- ބަނުމުގައި ހުރި މައްސަލަތަކަށް
- ކަނޑުމަތީގައި އެހެން އުޅަނދަކާ ޖެހި ދިމާވާ ހާދިސާތަކަށް
- ގެއްލުންތައް ކުޑަކުރުމަށް ނުވަތަ ގެއްލުމަކުން ރައްކާތެރިކުރުމަށް ހިނގާ ހަރަދު
- ތިމާވެއްޓަށް ލިބިދާނެ ގެއްލުމަށް
"މާވަޑިޔާ"ގެ ނަން ދީފައިވާ ޕެކޭޖުގެ ދަށުން އިންޝުއަ ކުރާ އަގަކީ ހާލަތާއި ވަގުތަށް އެކަށޭނަ އަގެއް ކަމަށް ކަނޑައެޅޭނެ ކަމަށް ސޮލަރެލް އިން ބުންޏެވެ. ނަމަވެސް، އެއްބަސްވެވޭ އަގު ނުވަތަ އޮޑި ބަނުމަށް ދާ ހަރަދުގެ ތެރެއިން އިންޝުއަ ކުރެވޭ އަގުގެ ގޮތުގައި ބެލެވޭނީ އިންޝުއަކުރުމަށް އެދޭ އެއްޗެއްގެ ނުވަތަ ފަރާތެއްގެ އަގުން ކުރެ އެންމެ ބޮޑު އަގެއް ކަމަށް ވެސް ބުންޏެވެ.
ސޮލަރެލް އިންޝުއަރެންސް އަކީ ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދޭ 100 ޕަސެންޓް ދިވެހިން ހިއްސާވާ އަމިއްލަ ފުރަތަމަ ކުންފުންޏެވެ. އެ ކުންފުންޏަށް އިންޝުއަރެންސް ލައިސަންސް ދިނީ މިދިޔަ މާޗް މަހުގެ ފަހުކޮޅު އެވެ.
ސޮލަރެލް އިން ވަނީ އާންމުކޮށް ރާއްޖޭގައި ދެމުން އަންނަ ހުރިހާ ވައްތަރެއްގެ އިންޝުރެންސްގެ ބާވަތްތައް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ހެލްތު އިންޝުއަރެންސްގެ އިތުރުން ކާގޯ އިންޝުއަރެންސާއި މެރިން އިންޝުއަރެންސް، އިންޖިނިއަރިން އިންޝުއަރެންސް، ޕްރޮޕަޓީ އިންޝުއަރެންސް، އޭވިއޭޝަން އިންޝުއަރެންސް، މިސެލޭނިއަސް އިންޝުއަރެންސް، އަދި މޮޓޯ އިންޝުއަރެންސް ހިމެނެ އެވެ.