ރާއްޖޭގައި އެންމެ ފަހުން އިންޝުއަރެންސްގެ ހިދުމަތް ދޭން ފެށި، ސޮލަރެލް އިންޝުއަރެންސް އިން ހެލްތު އިންޝުއަރެންސްގެ ހިދުމަތް ތައާރަފުކޮށްފި އެވެ.
އެ ކުންފުނީގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް "މިހާރު"އާ ވާހަކަދައްކަވަމުން ވިދާޅުވީ ހެލްތު އިންޝުއަރެންސް މިވަގުތު ފޯރުކޮށްދެމުން ގެންދަނީ ރިސޯޓްތަކަށާއި އަމިއްލަ ކުންފުނިތަކަށް ކަމަށެވެ.
އެ ކުންފުނިން ވަނީ އާއްމުކޮށް ރާއްޖޭގައި ދެމުން އަންނަ ހުރިހާ ވައްތަރެއްގެ އިންޝުރެންސްގެ ބާވަތްތައް ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ހެލްތު އިންޝުއަރެންސްގެ އިތުރުން ކާގޯ އިންޝުއަރެންސާއި މެރިން އިންޝުއަރެންސް، އިންޖިނިއަރިން އިންޝުއަރެންސް، ޕްރޮޕަޓީ އިންޝުއަރެންސް، އޭވިއޭޝަން އިންޝުއަރެންސް، މިސެލޭނިއަސް އިންޝުއަރެންސް، އަދި މޮޓޯ އިންޝުއަރެންސް ހިމެނެ އެވެ.
"ފާއިތުވި ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ހިދުމަތްތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަކުރެވޭ. އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ ކަަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް މިތަނުގެ ހިދުމަތްތައް ބައްޓަންކުރަން،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަނުން މެރިން އިންޝުއަރެންސްގެ ހިދުމަތް ހޯދި ދެ ފަރާތަކަށް ދާދި ފަހުން ބަދަލު ވެސް ދީފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ މިތަނުން ދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ވިސްނަމުން. ކުރިޔަށް އޮތް ތަނުގައި ކަސްޓަމަރުން އެދޭ ފެންވަރުގެ ހިދުމަތް ދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން،" ބަންދު ސަލީމް ވިދާޅުވި އެވެ.
ސޮލަރެލް އިންޝުއަރެންސްއަކީ ރާއްޖޭގައި މިވަގުތު ހިދުމަތް ދެމުން އަންނަ ހަމައެކަނި 100 ޕަސެންޓް ދިވެހިން ހިއްސާވާ އަމިއްލަ އިންޝުއަރެންސް ކުންފުންޏެވެ. އެ ކުންފުންޏަށް އިންޝުއަރެންސް ލައިސަންސް ދިނީ މިދިޔަ މާޗް މަހުގެ ފަހުކޮޅު އެވެ.