ގޭގައި ގެންގުޅޭ ހުރިހާ އެއްޗެއް އިންޝުއާކުރެވޭ ހާއްސަ އިންޝުއަރެންސް ޕެކޭޖެއް ސޮލަރެލް އިންޝުއަރެންސް އިން ތައާރަފް ކޮށްފި އެވެ.

"ގޭބިސީ އިންޝުއަރެންސް"ގެ ނަމުގައި ސޮލަރެލް އިން ތައާރަފްކުރި ޕެކޭޖާއެކު ހެޔޮ އަގެއްގައި ގޭގައި ހުންނަ ހުރިހާ އެއްޗެއް އިންޝުއާ ކުރެވެ އެވެ. އަދި މި ޕެކޭޖު ނެގުމާ އެކު ތާޑް ޕާޓީ އިންޝުއަރެންސް ފަދަ ބައެއް އެހެން ޕެކޭޖުތައް އޮޓޮމެޓިކުން ހިލޭ ލިބެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ރީ އިންޝުއަރާސްއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ސޮލަރެލްގެ ޑެޕިއުޓީ ސީއީއޯ ހުސައިން ރަޒީން ވިދާޅުވީ ގޭބިސީ އިންޝުއަރެންސްގެ ދަށުން އެއް ކޮޓަރީގެ އެޕާޓްމަންޓެއް އަހަރަކު 1،500ރ.އަށް އިންޝުއަކުރެވޭއިރު ދެ ކޮޓަރީގެ އެޕާޓްމަންޓެއް އަހަރަކަށް 2،000ރ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓެއް އަހަރަކު 2،500ރ. ދައްކައިގެން އިންޝުއާ ކުރެވޭނެ ކަމަށެވެ.

ސޮލަރެލްގެ ޑެޕިއުޓީ ސީއީއޯ ރަޒީން، ގޭބިސީ އިންޝުއަރެންސްއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަނީ.
ސޮލަރެލްގެ ޑެޕިއުޓީ ސީއީއޯ ރަޒީން، ގޭބިސީ އިންޝުއަރެންސްއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަނީ.

މި ޕެކޭޖުގެ ދަށުން ލިބޭ ހިދުމަތްތައް:

- އިންޝުއާކުރާ އެޕާޓްމަންޓުގައި އުޅޭ ދެ މީހެއްގެ ކާރު ނުވަތަ ސައިކަލުގެ ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސް ކަވާ ކޮށްދޭނެ އެވެ.

- ހާދިސާއެއް ދިމާވުމުން އެޕާޓްމަންޓުގައި ހުންނަ މުދާ އެހެން ތަނަކަށް ބަދަލު ކުރުމުގެ ހަރަދު، 100،000ރ. އާ ހަމައަށް ކަވާ ކޮށްދޭނެ އެވެ.

- ހާދިސާއެއް ދިމާވުމުން އެހެން އެޕާޓްމަންޓަކަށް ބަދަލުވާން ޖެހިއްޖެނަމަ މަހަކު 20،000ރ.ގެ ރޭޓުން ހަ މަސް ދުވަހުގެ ހުރުން ލިބޭނެ އެވެ.

- ހާދިސާއެއް ދިމާވެ، އެޕާޓްމަންޓްގައި އުޅޭ ކިޔަވާ ކުދިން ގެންގުޅޭ އެއްޗަކަށް ގެއްލުމެއް ވެއްޖެ ނަމަ، 25،000ރ. އާ ހަމައަށް ކަވާ ކޮށްދޭނެ އެވެ.

- އިންޝުއާ ކޮށްފައިވާ އެޕާޓްމަންޓަކަށް ދިމާވާ ހާދިސާއަކުން މީހަކަށް އަނިޔާ އެއް ލިބިއްޖެނަމަ، 100،000ރ. އާއި ހަމަ އަށް ކަވާ ކޮށްދޭނެ އެވެ.

- އިންޝުއާ ކޮށްފައިވާ އެޕާޓްމަންޓަކަށް ދިމާވާ ހާދިސާއަކުން މީހަކު މަރުވެއްޖެ ނަމަ އެއް މިލިއަން ރުފިޔާ ހަމައަށް ބަދަލު ދޭނެ އެވެ. މީގެ ތެރޭގައި އެޕާޓްމަންޓުގައި ދިރިއުޅޭ މީހުންގެ އިތުރުން މަސައްކަތު މީހުންނާ އެޕާޓްމަންޓުގައި މަޑުކޮށްލަން އައިސް ތިބޭ މީހުންގެ އިތުރުން ވެސް އެހެނިހެން މީހުން ހިމެނެ އެވެ.

ސޮލަރެލްގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް (މ)، މެނޭޖިން ޑައިރެކްޓާ އަނުރާ ޕެރޭރާ (ކ).
ސޮލަރެލްގެ ޗެއާމަން ބަންދު އިބްރާހިމް ސަލީމް (މ)، މެނޭޖިން ޑައިރެކްޓާ އަނުރާ ޕެރޭރާ (ކ).

ރަޒީން ވިދާޅުވީ މި ޕެކޭޖް ނަގާފައިވާ އެޕާޓްމަންޓަކަށް ގުދުރަތީ ގޮތުން ލިބޭ ގެއްލުންތަކާއި އަލިފާނުގެ ހާދިސާއެއް ނުވަތަ ފެން ލީކުވުން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް ވެސް ކަަވާ ކޮށްދޭނެ ކަމަށެވެ.

"މިސާލަކަށް އެޕާޓްމަންޓުގައި އުޅޭ މީހެއްގެ ދަބަސް އެޕާޓްމަންޓް ތެރޭގައި އޮއްވާ ވަގަށް ނަގައިފިއްޔާ އެ ވެސް މި ޕެކޭޖުން ކަވާ ކޮށްދޭނެ. އެކަމަކު ފިޒިކަލް އެންޓްރީ އެއް ފެންނަން ޖެހޭނެ. މިސާލަކަށް ދޮރު ތަޅުނުލާ ހުއްޓާ ވަދެ ވަގަށް ނަގައިގެން ކަވާ އެއް ނުކުރާނެ. ދޮރު ހަލާކު ކޮށްލައިގެން ވިއްޔާ ކޮށްދޭނެ،" ރަޒީން ވިދާޅުވި އެވެ.