އިރުއޮއްސުމަށް ފަހު، ހުޅަނގު އުދަރެހުން ވަރަށް ކުޑަކުޑަ ދުންތަރިއެއް މިހާރު ފެންނަމުން އެބަދެ އެވެ. އެ ދުންތަރި މި ވަގުތު ދަތުރުކުރަމުން ދަނީ، ކެމެލޯޕާޑަލިސް ކިޔާ ބުރުޖެއްގެ ތެރެއިންނެވެ. މި ވަގުތު ފެންނަ ކަމަށް ވަނީ ހަމައެކަނި ޓެލެސްކޯޕުންނެވެ. ނުވަތަ ދުރުމީއެއްގެ އެހީގައެވެ.

މި ދުންތަރި އަކީ، ޙަޤީޤަތުގައި ޑިސެމްބަރު 28، 2019 ދުވަހުގެ ރޭ ފެންނަން ފެށި ދުންތަރިއެކެވެ. އެ ދުންތަރި ފުރަތަމަ ފެނުނީ ހަވާއީގެ [އެސްޓްރޮއިޑް ޓެރެސްޓްރިއަލް-އިމްޕެކްޓް ލާސްޓް އެލާޓް ސިސްޓަމް] (އެޓްލަސް) އަށެވެ. އެހެންކަމުން މި ދުންތަރި އަށް ކިޔަނީ އެޓްލަސް އެވެ. މި ސިސްޓަމަކީ، ކައުނުގެ ތެރެއިން ދުނިޔެއާ ދިމާއަށް ދަތުރުކުރަމުން އަންނަ ސަމާވީ ތަކެތި ކައިރިވަމުން އަންނަ ކަމުގެ އިންޒާރު ދޭ ނިޒާމެކެވެ.

ދުންތަރި އަކީ ކައުނުގެ ވަރަށް ދުރު ހިސާބެއްގައި އުފެދިގެން އަންނަ ކުދިކުދި ގަނޑުފެންކޮޅުތަކާއި، ކާބަންޑައިއޮކްސައިޑާއި، މެތޭން ފަދަ ގޭސްތަކާއި، ހިރަފުހާ އެކުވެގެން އުފެދޭ އެއްޗެކެވެ. ދުންތަރި އިރާ ދިމާއަށް ދަތުރު ކުރަމުންދާލެއް ބާރުކަމުން، އޭގެ ތެރެއިން ބައެއް ގޭސްތަކާއި ހިރަފުސް އެއިން ވަކިވެގެން ގޮސް، އެ ދުންތަރިއާ ގުޅިފައިވާ ނަގުލެއް ފަދަ ގޮތަކަށް ފެންނަ އެއްޗެއް އުފެދެނީ އެވެ.

ފަލަކީ މާހިރުން ބުނާގޮތުގައި، މިދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ނުފެންނަ ވަރުގެ އަލިގަދަ ދުންތަރިއަކަށް މި ދުންތަރި ވެގެން ދިއުން އެކަށީގެންވެ އެވެ. އެއީ، މި މަހުގެ ފަހުކޮޅު އެވެ. ނުވަތަ މޭ މަހުގެ ތެރޭގަ އެވެ. މި ދުންތަރި އިރާ އެންމެ ކައިރިއަށް ދާނީ އަންނަ މޭ 31 ވަނަ ދުވަހު އެވެ.

އެންމެ ފުރަތަމަ މި ދުންތަރި ފެންނަން ފެށި އިރު ކުޑަކުޑަ ފަނޑު ތަރިއެއްގެ ގޮތުގައި ފެނުނު ނަމަވެސް، މިހާރު އޭގެ ނަގޫ ވެސް ފެންނަން ފަށައިފި ކަމަށް ވެ އެވެ. ރެޔަކަށް ވުރެ ރެއެއް، އެ ނަގޫ ދިގުވަމުން ގޮސް އިރުގެ ބޮޑުމިނުގެ ދެބައިކުޅަ އެއްބައި ވަރަށް ބޮޑުވެގެން ދިއުން އެކަށީގެންވާ ކަމަށް ބުނެ އެވެ.

މި ވަގުތު މި ދުންތަރި ފެންނަން ހުންނަނީ، ވީނަސް އާއި މާކަރީއާ ދެމެދު އެ ދެ ތަރިއަށް ވުރެ ތަންކޮޅެއް ތިރިންނެވެ.

ދުންތަރި އަކީ، އާދަޔާ ޚިލާފު އެއްޗެކެވެ. ފަލަކީ މާހިރުން ބުނާގޮތާ ޚިލާފަށް ވެސް ބަދަލުވެގެންދާ އެއްޗެކެވެ. މިސާލަކަށް 1986 ގައި ފެނުނު ހެލީޒް ކޮމެޓާއި 1996 ގައި ފެނުނު ހޭލް-ބޮޕް ކޮމެޓު ވެސް ފަލަކީ މާހިރުން ބުނަމުން ދިޔަ ގޮތަށް އަލިގަދަ ދުންތަރިއަކަށް ވެގެނެއް ނުދިޔަ އެވެ.

އަޅުގަނޑު ވެސް، އެ ދެ ދުންތަރި ހަމަ ލޮލުން ދުށީމެވެ. ފެނުނީ ވަރަށް ފަނޑުކޮށެވެ. އަދި ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ވެސް އެ ދެ ދުންތަރި ދުށް ކަމަށް ވެ އެވެ.

އަޅުގަނޑު އުންމީދު ކުރަނީ، މިހާރު މި ފެންނަ ދުންތަރި އަށް އެފަދަ ގޮތެއް ވެގެން ނުދާނެ ކަމަށެވެ. އަދި އަޅުގަނޑުމެން ހަނދާން ނުނެތޭ ފަދަ އަލިގަދަ އުޖާލާ ދުންތަރިއަކަށް އެޓްލަސް ދުންތަރި ވެގެން ދާނެ ކަމަށެވެ.

އެޑިޓަރުގެ ނޯޓު

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ، ފަލަކީ ދާއިރާގެ ކަންކަމަށް ވަރަށް ކުރިންސުރެ ޝައުގުވެރިކަން ބަހައްޓަވާ އަދި އެ ދާއިރާގެ އެކި މައުލޫއުތަކަށް ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ.