މިދިޔަ އަހަރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ދަތުރުތަކަށް 2.8 މިލިއަން ރުފިޔާ ހޭދަވި ކަމަށާއި އެ ދަތުރުތަކުން ދައުލަތަށް 3.21 ބިލިއަން ރުފިޔާ ލިބުނު ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދުގެ ދަތުރުތަކަށް ހަރަދުވި ވަރު ހޯދުމަށް، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ދަށުން މީހަކު ހުށަހެޅުމާ ގުޅިގެން ދަތުރުތަކުގެ ހަރަދުތަކުގެ ތަފްސީލު ދީފައިވާ ވާނެ ކަމަށެވެ. އަދި އެ މައުލޫމާތުތައް ފޮރިން މިނިސްޓްރީން ވަނީ މީޑިއާއާ ވެސް ހިއްސާކޮށްފަ އެވެ.
ޝާހިދު ވަނީ ރަސްމީ ދެ ދަތުރެއް ވެސް ކުރައްވައިފަ އެވެ. އެގޮތުން އެ ދެ ދަތުރަށް 194،000ރ. ހޭދަވި އެވެ. މީގެ އިތުރުން 18 ދަތުރެއް ދުނިޔޭގެ އެކި ގައުމުތަކަށް ކުރެއްވި އެވެ. މިދަތުރުތަކުގައި އެކި ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވާއި ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތް ކުރެއްވި އެވެ.
މީގެ އިތުރުން ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ އެކި ޖަމިއްޔާ ޖަމާއަތްތަކުގެ ހައި-ލެވެލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ބައެއް ދަތުރުފުޅުތަކުގައި ވެސް ބައިވެރިވެވަޑައިގަތެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ މިދަތުރުތަކުގެ ސަބަބުން ބައިނަލްއަގްވާމީ މުޖުތަމަ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، ދޭދޭ ގުޅުންތައް ވަރުގަދަވެ، ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖޭގެ ހައްގު މަގާމު ރާއްޖެއަށް ހޯއްދަވައިދެއްވި ކަމަށެވެ. މި ގުޅުންތަކާ އެކު ހިލޭ އެހީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ހޯއްދަވާފައިވެ އެވެ. ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 3.21 ބިލިއަން ރުފިޔާ ލިބުނު ކަމަށް ރައީސް މިދިޔަ ޖުމްހޫރީ ދުވަހު އިއުލާނު ކުރައްވާފައިވެ އެވެ. ނަމަވެސް ފިިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން އަދި އެ އަދަދެއް ނުފެނެ އެވެ. ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ މާލީ ބަޔާނުގައި ވާ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ގެ ނިޔަލަށް ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 1.1 ބިލިއަން ރުފިޔާ އެވެ.
ހިލޭ އެހީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ލިބުނު އިރު އަބޫދާބީން އިތުރު 50 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ހޯދުމަށް ވެސް ވަނީ އެއްބަސްވެވިފަ އެވެ. އެކަމާ ގުޅޭ ރަސްމީ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތްތައް ކުރައްވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ފޮރިން މިނިސްޓަރު ޝާހިދުގެ ދަތުރުގެ ހަރަދުތަކުގެ ތަފްސީލު ދެއްވި އިރު ގިނަ އަދަދެއްގެ ދަތުރުތައް ކުރާ ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެފައިވެ އެވެ. ސަރުކާރުން ކޮށްފައިވާ ދަތުރުގެ ހަރަދު 210 މިލިއަން ރުފިޔާއަށް އަރަ އެވެ.