ދޮންވާން ނުވަތަ ގައިގެ ހަންގަނޑު އަލިކުރަން ބޭނުންކުރާ ކްރީމްތަކުގައި ގެއްލުން ހުރި މާއްދާތައް އެކުލެވޭތީ އެފަދަ ތަކެތި ބޭނުން ނުކުރަން އިލްތިމާސްކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ލޯކަލް ގަވަރަމަންޓް އެސޯސިއޭޝަން (އެލްޖީއޭ) އިން ބުނީ ދޮންވާން ބޭނުންކުރާ ގިނަ ކްރީމްތަކަކީ މިހާރު މިންގަނޑަށް ނުފެތޭ އެއްޗެހި ކަމަށާއި އެތަކެތީގައި ބްލީޗިން އެޖެންޓެއް ކަމަށްވާ ހައިޑްރޮކްނޯން އާއި މާކިއުރީ ވެސް މަތީ މިންވަރަކަށް އެކުލެވޭ ކަމަށެވެ. އެހެންވެ އެފަދަ ކްރީމްތައް އެއްވެސް ގޮތަކަށް ބޭނުން ނުކުރަން އިލްތިމާސްކޮށްފައިވެ އެވެ.
އެލްޖީއޭ އިން ހައިޑްރޮކްނޯން ސިފަކޮށްފައި ވަނީ މީހާގެ "އަސްލު ހަންގަނޑު ވީދާލާ މަސްނޫއީ ހަންގަނޑެއް އުފައްދާ" ކަހަލަ ކަމެއްގެ ގޮތުގަ އެވެ. އަދި މިކަމުގެ ސަބަބުން ހަމުގެ ކެންސަރަށް މަގުފަހިވާ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން މިއީ ކިޑްނީ ފުރަމޭ ފަދަ ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ވެސް ހަލާކުކޮށްލާ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
އެތަނުން ބުނި ގޮތުގައި މިންގަނޑަށް ނުފެތޭ، ސިއްހަތަށް ނުރައްކާވާ ޒާތުގެ ކްރީމްތައް އާންމުކޮށް ވިއްކާ ކަމަށް ފާހަގަކުރެވީ ކަޅުބާޒާރުގަ އެވެ.
މިންގަނޑަށް ނުފެތޭ ލައިޓްނިން ކްރީމް ވިއްކާ މައްސަލަ އިނގިރޭސިވިލާތުގައި ބޮޑުވުމާ ގުޅިގެން މިހާރު ވަނީ ޑޮކްޓަރެއްގެ ލަފާ ހޯދައިގެން ނޫނީ އެފަދަ އެއްވެސް އެއްޗެއް ބޭނުންނުކުރަން ވެސް ގޮވާލައިފަ އެވެ.
އެލްޖީއޭގެ ސޭފާ އެންޑް ސްޓްރޯންގާ ކޮމިއުނިޓީސް ބޯޑްގެ ޗެއާމަން ސައިމަން ބްލެކްބާން ވިދާޅުވި ގޮތުގައި މިހާތަނަށް ބެލިބެލުމުން، ހަމުގައި އުނގުޅާ ގިނަ ލައިޓްނިން ކްރީމްތަކަކީ ހީވެސް ނުކުރާ މިންވަރަށް އެ އެއްޗެހީގެ ނުރައްކާ ބޮޑު އެއްޗިއްސެވެ.
"މިއީ ޖުމްލަކޮށް ބަލާ ނަމަ މީހާގެ މުޅި ސިއްހަތު ވެސް ހަލާލުކޮށްލާނެ އެއްޗެހިތަކެއް،" އޭނާ ވިދާޅުވި އެވެ. "އެހެންވެ އެބަޖެހޭ މިފަދަ ކްރީމްތަކަށް ފާރަވެރި، އެ އެއްޗެހި ބޭނުންކުރުމުގައި ވެސް ސަމާލުވާން."
ސައިމަން ވިދާޅުވީ މާ އަގުހެޔޮކޮށް އެފަދަ ކްރީމްތައް ވިއްކާ ނަމަ ވަކިން ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. ސަބަބަކީ އަގުހެޔޮކޮށް ވިއްކާ އެއްޗެހީގެ ފެންވަރު މާ ބޮޑަށް ވެސް ދަށްވުމެވެ.