ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން، ނުރައްކާތެރި ހަމުގެ ކެންސަރުތަކުން ވެސް ރައްކާތެރިކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ކުރިން ދުންފަތުގެ އިސްތިއުމާލުކުރި މީހުންނަށް ބަލާއިރު، އެފަދަ މީހުންނަކީ ހަމުގެ ކެންސަރުން ސަލާމަތްވުމުގެ ފުރުސަތު 40 ޕަސެންޓް ކުޑަ މީހުން ކަމަށް ދިރާސާގައި ބުންޏެވެ.
ހަމަށް ޖެހޭ އެންމެ ނުރައްކާތެރި ކެންސަރުގެ ބާވަތަކީ މެލަނޯމާ އެވެ. ކެންސަ ޖާނަލްގައި ޝާއިއުކޮށްފައިވާ އިނގިރޭސިވިލާތުގެ ލީޑްސް ޔުނިވަސިޓީގެ ދިރާސާގައި ބުނާ ގޮތުން މި ބާވަތުގެ ކެންސަރަކީ ދުންފަތު އިސްތިއުމާލު ކުރުމުން ވެސް ޖެހިދާނެ ބައްޔެކެވެ. މިއީ ކުރިން ހޯދިފައިވާ ހޯދުމެއް ނޫނެވެ.
މެލަނޯމާ ކެންސަރު އާންމުކޮށް ޖެހޭ ކަމަށް މިހާތަނަށް ހޯދިފައި ވަނީ އިރުގެ ހޫނުން ހަންގަނޑަށް ލިބޭ ގެއްލުންތަކުންނެވެ. ދިރާސާގައި ބުނާ ގޮތުން ހަމުގެ ކެންސަރު ހުރި މީހެއް ނަމަ، އެފަދަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓައިލުން ބައްޔަށް ލުއިވެ އެވެ.
"އިންސާނާގެ އިމިއުން ސިސްޓަމަކީ އޮކެސްޓްރާއެއް ކަހަލަ އެއްޗެއް. އޭތި ފުރިހަމަ މި ވަނީ އެތައް ބައިތަކެއް ގުޅިގެން. މީގެ މާނައަކީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އިމިއުން ސިސްޓަމްގެ ތަރުތީބު ގެއްލި ހިނގައި ދާނެ ކަމެކޭ،" ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރު ޖޫލިއާ ނިއުޓަން-ބިޝޮޕް ވިދާޅުވި އެވެ. "ނަތީޖާއަކަށް ވާނީ ކެންސަރު ކަހަލަ ބޮޑެތި ބަލިތަކަށް މީހާ ހުށަހެޅުން. ވަކިން ހާއްސަކޮށް މެލަނޯމާ ޖެހިފައިވާ މީހެއް ނަމަ އެބަ ޖެހޭ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން."
ހަމަށް ޖެހޭ އެންމެ ނުރައްކާތެރި ކެންސަރުގެ ބާވަތް ކަމަށްވާ މެލަނޯމާއަކީ ހަމުގެ ސެލްތަކުގެ ޑީއެންއޭ ހަލާކުކޮށްލާ ބައްޔެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ބާވަތުގެ ކެންސަރު އެންމެ އާންމުކޮށް ޖެހެނީ ހަމުގެ ކުލަ އަލި މީހުންނަށެވެ.