ސިންގަޕޫރުގެ މުސްލިމުންގެ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ، އެކްޓިން މިނިސްޓަރު ފައިޝަލް އިބްރާހީމް އަންހެނަކާ ކުރި މުއާމަލާތްތަކެއްގެ މައްސަލާގައި މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މިކަން މިއަދު ހާމަކޮށްފައިވަނީ ބޮޑުވަޒީރު ލޯރެންސް ވޮންގް ނެރުއްވި ބަޔާނެއްގަ އެވެ.

"އެ ބޭފުޅުން ގިނަ މުއާމަލާތްތައް ކޮށްފައިވަނީ އޮންލައިން މެސެޖުތައް މެދުވެރިކޮށެވެ. މީގެ އިތުރުން އާންމު ހަރަކާތްތަކުގެ ހަވާސާގައި ވެސް އެ ބޭފުޅުން ބައްދަލުވެވަޑައިގެންފައިވެ އެވެ." ވޮންގް ލިޔުއްވާފައިވެ އެވެ.

އޭގެ ފަހުން ދެ ފަރާތުން ވެސް ވަނީ އެކަކު އަނެކަކަށް ފުރައްސާރައިގެ ތުހުމަތުތައް ކޮށްފައި ކަމަށާއި، ފުލުހުން މިހާރު އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

މެސެޖުތަކުގެ މައްސަލަ ބޮޑުވަޒީރުގެ ސަމާލުކަމަށް އައީ އަންހެން މީހާ އެކަން ބޮޑުވަޒީރުގެ އޮފީހަށް ހުށަހެޅުމުން ކަމަށްވެ އެވެ. 

ސާފުކަމުގައި "ހުދަށް ވުރެ ވެސް ހުދު" ކަމަށް ބުނެ ފަހުރުވެރިވާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އަށް ވަނީ ފަހަކަށް އައިސް ސިޔާސީ މިފަދަ ބޮޑެތި މައްސަލަތައް ދިމާވެފަ އެވެ. 

ދެ ހާސް ތޭވީސް  ވަނަ އަހަރު، އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް. އިސްވަރަންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވި ތަހުގީގު ކޮށްފައި ވައިރު، ގާނޫނުހަދާ މަޖިލީހުގެ އިސް ބައެއް މެންބަރުން ވަނީ ލޯބީގެ ކަންކަމާ ގުޅޭ މައްސަލަތަކެއްގައި އިސްތިއުފާ ދެއްވައިފަ އެވެ. 

ވޮންގް ވިދާޅުވީ ފައިޝަލްގެ މައްސަލައިގައި ދެފަރާތުން ކުރެ އެއްވެސް ފަރާތަކުން ޖިނާއީ ކުށެއް ކޮށްފައިނުވާ ކަމަށާއި، އަދި ޖިނާއީ އެއްވެސް ފިޔަވަޅެއް ވެސް މި މައްސަލާގައި އެއްވެސް މީހަކާ މެދު ނާޅާ ކަމަށެވެ. ނަމަވެސް "އެސޯސިއޭޓް ޕްރޮފެސަރު ފައިޝަލްގެ އަމަލުތައް ހުރީ ސިޔާސީ މަގާމެއްގައި އަދި މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނަވާ ބޭފުޅަކާ މެދު  އުއްމީދުކުރެވޭ މިންގަނޑުތަކަށްތޯ ސުވާލުއުފެދޭ ވަކި މައްސަލައެއް އޮތް" ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ފައިޝަލް ވަނީ ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އިން ވެސް އިސްތިއުފާ ދެއްވައިފަ އެވެ. ފައިޝަލް އަކީ 2006 ވަނަ އަހަރުން ފެށިގެން މަޖިލިސް މެންބަރެކެވެ. މުސްލިމުންގެ ކަންކަން ބަލަހައްޓާ އެކްޓިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތީ 2025 ވަނަ އަހަރު އެވެ.

 "އަޅުގަނޑުމެންގެ މެދުގައި ޖިސްމާނީ އެއްވެސް ގުޅުމެއް ނެތްކަމަށާއި، އަދި އަޅުގަނޑުގެ މުއާމަލާތްތައް އެފަދަ ގުޅުމަކަށް ބަދަލުކުރުމުގެ ގަސްދެއް ވެސް ނެތް ނަމަވެސް، މުއާމަލާތްތައް ކުރިއަށްގެންދިޔަ ގޮތުންނާއި، މިކަމުގެ ކުރީކޮޅު، ސާފު އިންތަކެއް ކަނޑައެޅުމުގައި އަޅުގަނޑަށް ގޯސް ހީތަކެއްގެ މައްޗަށް ކަންކަން ނިންމިފައިވެ އެވެ."

މިފަދަ ހާލަތެއްގައި ފައިޝަލް ސިޔާސީ މައިދާނާ ވަކިވެވަޑައިގަންނަވާތީ ހިތާމަކުރައްވާ ކަމަށް ބޮޑުވަޒީރު ވޮންގް ވިދާޅުވި އެވެ.