އެމްއެންޑީއެފްގެ ސެނެހިޔާ ހޮސްޕިޓަލުން ސިފައިންނަށާއި އެ މީހުންގެ އާއިލާތަކަށް ނުދެވޭ ހިދުމަތްތައް، ސިއްހީ ހިދުމަތްދޭ އެހެން ތަންތަނުން ލިބޭނެގޮތް ހަމަޖައްސައިދީފި އެވެ.

އެމްއެންޑީއެފުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސިފައިންގެ ވެލްފެއާ ކަންކަން ރަނގަޅު ކުރުމަށް ގެނައި ބަދަލުތަކުގެ ތެރޭގައި އާސަންދައިގެ ދަށުން ހަމަނުޖެހޭ ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ސިއްހީ ކުއްލި ފަރުވާގެ ހިދުމަތްތައް ރަނގަޅުކުރުމާއި އަމިއްލަ ހޮސްޕިޓަލުތަކުންނާއި ކުލިނިކުތަކުން ފަރުވާ ހޯދޭނެ އުސޫލުތައް ހަމަޖެއްސުމާއި ތަފާތު ޓެސްޓްތައް ކުރެވޭނެ ގޮތް ހެދުމާއި، އެކިއެކި އޮޕަރޭޝަންތައް ރާއްޖެއިން ކުރެވޭނެ ގޮތްތައް އަދި އާސަންދައިގެ ދަށުން ނުކުރެވޭ ބޭސްފަރުވާގެ ހިދުމަތްތައް ކުރެވޭނެ ގޮތްތައް ހަމަޖެއްސުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއިން ބޭރުން ކޮންމެހެން ހޯދަން ޖެހޭ ފަރުވާ އާއި ޑޮކްޓަރުގެ ލަފާގެމަތިން ނަންބަރު އައިނު ހެދުމާއި މެޑިކަލް ޗެކަޕާއި ގާޑް ފަދަ ތަކެތި ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ހިމެނޭ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި ދަތުގެ ފަރުވާއާއި ހޮސްޕިޓަލުގައި އެޑްމިޓްކުރުމުން ކޮޓަރި ކުލި ހަމަޖެއްސުމާއި ވިހެއުމާއި ހިތާނުކުރުން ފަދަ ކަންތައްތައް ފަސޭހަކަމާއިއެކު ކުރެވޭނެ އުސޫލުތައް އެ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެމްއެންޑީއެފްގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ބޭސްފަރުވާއަށް މިގެންނެވި ބަދަލުތަކުގެ ސަބަބުން ދިވެހި ސިފައިންގެ ވެލްފެއާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ." އެމްއެންޑީއެފްގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.